މަޖިލިސް މެންބަރުން ވޯޓު ދޭނެ ގޮތް ކިޔައިދިނުމުގެ ބާރެއް ރައީސަކަށް ނޯންނާނެ: ފައްޔާޒު މަޖިލިސް މެންބަރުން ވޯޓު ދޭނެ ގޮތް ކިޔައިދިނުމުގެ ބާރެއް ރައީސަކަށް ނޯންނާނެ: ފައްޔާޒު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވޯޓުލާނެ ގޮތް ކިޔައިދުނުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ނޯންނާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ނެގި ވޯޓަކާ ގުޅިގެން ވެރިކަންކުރާ ޕީއެންސީގެ ބައެއް މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ޕާޓީން ދިނުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، މެންބަރުން ވޯޓު ދޭން ވިޕްލައިން ނެރޭނީ އެ ޕާޓީގެ ޕީޖީ ގްރޫޕުން ފާސްކޮށްގެން ކަމަށެވެ. އެ ވިޕްލައިން އަޅާނީ ރައީސް އޮފީހުން ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވޯޓު ދޭން ޖެހޭ ގޮތް ކިޔައިދިނުމުގެ ބާރެއް ރައީސުލްޖުމްހޫރިއްޔާއަކަށް ނޯންނާނެ،" ފައްޔާޒު އެކްސްގައި ލިޔުއްވާފައިވެ އެވެ.
ފައްޔާޒު ވިދާޅުވީ ޕީއެންސީ މެންބަރެއްގެ ގޮނޑި އެ ޕާޓީން ގެއްލުވާލައިފިނަމަ އެ މެންބަރަކު އަލުން އިންތިހާބުކުރުމުގައި އެމްޑީޕީން އެހީތެރިވާނެ ކަމަށެވެ.
މިގޮތަށް ގޮނޑި ގެއްލޭ މެންބަރުންނަށް ބައި-އިލެކްޝަނުގައި ތާއީދުކުރަން އިދިކޮޅު މައި ޕާޓީން ނިންމީ މިދިޔަ ނޮވެމްބަރު މަހު ގާނޫނުއަސާސީ ބަދަލުކުރުމާ ގުޅިގެންނެވެ. ސަރުކާރުން ހުށަހަޅައިގެން ގެނައި އެ ބަދަލާއެކު ޕާޓީއެއްގެ ފިޔަވަޅު އަޅާ ކޮމިޓީ މެދުވެރިކޮށް ވަކިކުރާ ކޮންމެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.
މަޖިލީހުގައި މިއަދު ވޯޓުލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކި ކުރަން ހުށަހަޅާފައި އޮތް ބިލު ބަލައިގަތުމަށެވެ. އެ ވޯޓުގައި ޕީއެންސީގެ 10 މެންބަރަކު ބައިވެރިވެވަޑައިނުގަންނަވަ އެވެ.
މިކަމާ ހިތްހަމަ ނުޖެހިގެން ޕީއެންސީގެ ޕީޖީ ގްރޫޕަށް ފުރަތަމަ މެސެޖު ފޮނުއްވީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ. އޭނާ ލިޔުއްވީ ޕާޓީގެ ވިޕާ ގަސްތުގާ ހިލާފުވާ ބޭފުޅުންނާމެދު ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
"ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް ގަސްދުގައި ވިޕާ ހިލާފުވާ ބޭފުޅުންނާމެދު ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނަން،" ފަލާހު ވިދާޅުވި އެވެ.
އެއާ ވިދިގެން ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ އެއީ އެއްވެސް މެންބަރަކު ކުރައްވައިގެން ވާނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.
"ޕާޓީން ތްރީލައިން ވިޕެއް ކަނޑައެޅީމަ އެޔާ ހިލާފު ވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން. އެއްވެސް ފަހަރަކު،" މިހާރު ދ. އަތޮޅުގައި ހުންނެވި ރައީސް މުއިއްޒު ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައި ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް ކޯޓުތަކުގެ ގާނޫނަށް ބަދަލުގެންނަން ހުށަހެޅި ބިލު މަޖިލީހުން ބަލައިގަތީ 64 މެންބަރުންގެ ވޯޓުންނެވެ. އިދިކޮޅަށް ވޯޓުދެއްވީ އެމްޑީޕީގެ 11 މެންބަރަކާއި އަމިއްލަ މެންބަރެކެވެ.
މި ވޯޓުގައި ބައިވެރިނުވި ޕީއެންސީގެ ބައެއް މެންބަރުން މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވި ނަމަވެސް ވޯޓުގެ ވަގުތު މަޖިލީހުގެ ތަޅުމުގައި ނެތްކަން ފާހަގަކޮށްލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ