ރައީސްގެ ދަތުރާ ދިމާކޮށް ދ. އަތޮޅު މަތީ އެމްއެންޑީއެފްގެ ޑްރޯން ދުއްވައިފި ރައީސްގެ ދަތުރާ ދިމާކޮށް ދ. އަތޮޅު މަތީ އެމްއެންޑީއެފްގެ ޑްރޯން ދުއްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ގެންދަވާ ދަތުރާ ގުޅިގެން އެ އަތޮޅު މަތިން އެމްއެންޑީއެފްގެ ޑްރޯން އެއް ދުއްވައިފި އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޑްރޯން ދުއްވީ ރައީސްގެ ސެކިއުޓީ ބެލެހެއްޓުމަށް ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުންނެވެ.
އެގޮތުން ރައީސް މުއިއްޒު ހުޅުދެލީގައި ހުންނެވި ވަގުތު އެ ރަށުގެ މަންޒަރުތައް ފެންނާނެހެން ޑްރޯން ދަތުރުކުރި އެވެ. އަދި، ދަތުރު ނިންމަވާލައްވަން ކުޑަހުވަދޫ އެއާޕޯޓަށް ވަޑައިގަތުމުން ޑްރޯން ވަނީ އެ ރަށް ކައިރިން ދަތުރުކޮށްފަ އެވެ.
ޑްރޯންގެ އުދުހުންތައް ޓްރެކް ކުރުމަށް މި ނޫހުން ކުރި މަސައްކަތުން އެނގޭ ގޮތުގައި އެ ޑްރޯން މާފަރުން ނައްޓާލީ މިއަދު ފަތިހު 5:30 ހާއިރު އެވެ. ޑްރޯން އުދުހިފައިވަނީ 15،000 އެއްހާ ފޫޓު މަތިންނެވެ.
އެ އުޅަނދު މިހާރު ދަތުރުކުރަމުންދަނީ އެނބުރި މާފަރަށް ދިޔުމަށެވެ.
އެމްއެންޑީއެފް ގެ ޑްރޯން ދ. އަތޮޅު މަތީ 12 ގަޑިއިރު ހޭދަކުރުމަށްފަހު އެނބުރި މާފަރަށް ދަތުރުކުރަނީ ---
އެމްއެންޑީއެފްގެ ބަހެއް ހޯދަން މި ނޫހުން ގުޅާލުމުން ސިފައިންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިކަމާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ފަރާތުން ސަބަބު ބަޔާނެއް ނުދެއްވަ އެވެ.
މީގެކުރިން ކަނޑުމަތީ ހާދިސާތަކުގައި ގެއްލޭ މީހުންނާއި އުޅަނދުތައް ހޯދަން ސިފައިން ޑްރޯން ބޭނުންނުކުރި އެވެ. އެކަމާ ގުޅިގެން އާންމުންގެ ޝަކުވާއާއި ފާޑުކިޔުން ސަރުކާރަށާއި ސިފައިންނަށް ރައްދުވެފައިވެ އެވެ. މިހާތަނަށް ސިފައިން ޑްރޯންތައް ބޭނުންކުރިކަން އާންމުކުރީ ފަސް ހާދިސާއެއްގަ އެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ތުރުކީގެ އަސްކަރީ ކުންފުންޏަކުން މި ޑްރޯންތައް ގަތުމަށް ދައުލަތުގެ ސަޕްލިމެންޓަރީ ބަޖެޓުން 37 މިލިއަން ޑޮލަރު ހޭދަކުރި އެވެ. އަދި މިއީ ރާއްޖޭގެ ބިޔަ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ވަރުގަދަކުރަން ގެނައި ޑްރޯންތަކެއް ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ