ވިސްނަން ޖެހޭ ކަންކަމަށް ފުރިހަމަ އަށް ސަމާލުވެގެން ނައިވާދޫ ބޮޑު ފައިނަލަކަށް ވިސްނަން ޖެހޭ ކަންކަމަށް ފުރިހަމަ އަށް ސަމާލުވެގެން ނައިވާދޫ ބޮޑު ފައިނަލަކަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލުގައި ކ. ކާށިދޫއާ ދެކޮޅަށް މިރޭ ހދ. ނައިވާދޫ އިން ނުކުންނާނީ ރަނގަޅު ކުރަން ޖެހޭ ކަންކަން ދެނެގަނެ އެކަންކަން ރަނގަޅު ކޮށްގެން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އައްޒާމް ބުނެފި އެވެ.
މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ނައިވާދޫ އިން ކުޅޭ ފުރަތަމަ ފަހަރެވެ. އެ ޓީމު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި، 2023 ވަނަ އަހަރުގެ ޗެމްޕިއަން އަދި މިދިޔަ ދެ އަހަރު ގޯލްޑަން ޗެރިޓީ ޝީލްޑް ކާމިޔާބުކުރި، ލ. ގަން ބަލިކޮށްގެންނެވެ.
ހދ. އަތޮޅުގެ އެންމެ ކާމިޔާބު ޓީމު ނައިވާދޫން މި ފަހަރު އަތޮޅު ތަށި ދިފާއުކުރުމުގެ އިތުރުން، އަލުން ޒޯން އެކެއްގެ ތަށި ވެސް ހޯދި އެވެ. މީގެ ކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލަށް ވުރެ ދުރަށް ދިއުމުގައި ދަތިތަކެއް ކުރިމަތިލި، ނައިވާދޫން މި ވަނީ ބޮޑު ކުރިއެރުމެއް ހޯދައި، ފައިނަލަށް ދަތުރުކޮށްފަ އެވެ. ހާއްސަކޮށް، ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، އަބްދުﷲ ޝާފިއު (ޝާއްޕެ) އަނިޔާއާ ހެދި ނުކުޅެވުނު ދަނޑިވަޅުގައި ވެސް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ފައިނަލަށް ދިޔައީ އެވެ.
މީގެ ކުރިން އެ ޓީމުގެ ކުޅުންތެރިން ވަނީ މި ތަށި ޝާއްޕެ އަށް ހޯދައިދިނުމަށް ކުޅުންތެރިން ކަށިން ހިތްވަރު ނެރޭނެ ކަމަށްވެސް ބުނެފަ އެވެ.
އައްޒާމް ބުނީ ފައިނަލަށް ނުކުންނައިރު, ކާށިދޫ އަކީ ވެސް އަލަށް ފައިނަލަށް ދަތުރުކުރި ޓީމެއް ކަމަށެވެ. އަދި އެ ޓީމުން ފައިނަލަށް ދަތުރުކުރީ ގިނަ ބަޔަކު ހައިރާންކޮށް މޮޅެތި ނަންތަކެއް ބަލިކޮށްފައިކަން ވެސް ފާހަގަ ކޮށްފަ އެވެ.
ނައިވާދޫ ޓީމުގެ ފޯކަސް މި ވަގުތު ހުރީ ސެމީ ފައިނަލް މެޗުގައި އެ ޓީމު އަތުން ހެދުނު ގޯސްތައް ރަނގަޅުކުރަން ކަމަށްވެސް އައްޒާމް ބުންޏެވެ.
މިއީ، ގޯލްޑަން ފައިނަލުގައި އައްޒާމް ކޯޗަކަށް ހުންނާނެ ދެ ވަނަ ފަހަރެެވެ. އެ ގޮތުން، 2022 ވަނަ އަހަރު، އައްޒާމް ވަނީ ކ. ގާފަރު ފައިނަލަށް ގެންގޮސްދީފަ އެވެ. ފައިނަލުގައި ބަލިވީ ތ. ތިމަރަފުށި އަތުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖެގެ ފައިނަލުގައި ނައިވާދޫ އިން މިރޭ ކ. ކާށިދޫއާ ދެކޮޅަށް ނުކުންނަ މެޗު ފަށާނީ މިރޭ 08:30 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ