ހުޅުދެލި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލި ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ހުޅުދެލި ޕްރީސްކޫލުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ހުޅުދެލި ޞިއްޙީ މަރުކަޒުގައި ވަޞީލަތް މަދުވުމުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ވަނީ ވޭސްޓް މެނޭޖްމަންޓް ނިޒާމެއް ބޭނުންވާކަމަށާއި، މަގު ހެދުމަށް ބޭނުންވާކަމަށާއި، އައު ކައުންސިލް އިދާރާއެއް ބޭނުންވާކަމަށާއި، އަދި ސްލިޕްވޭ އެއް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ސުކޫލަށް ބޭނުންވާ ކަންކަމާއި، ރަށުގެ ކޯޓުގެ ޖާގައިގެ ދަތިކަމާއި ޞިއްޙީ މަރުކަޒަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ތަފްޞީލީ ގޮތެއްގައި ރަށުގެ މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި ހުޅުދެލީގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބެންކް އޮފް މޯލްޑިވްސްއިން އަލަށް ޤާއިމުކުރި އޭ.ޓީ.އެމް ހުޅުވައިދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ