ރިނބުދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސް ފަށްޓަވައި ދެއްވައިފި

ދ. ރިނބުދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްމީކޮށް ފަށްޓަވައި ދެއްވާފައެވެ.
ނިލަންދެ އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރިނބުދޫއަށް ވަޑައިގެން، އެމަނިކުފާނު މި އޭޓީއެމް ހުޅުއްވައި ދެއްވުމަށްފަހު ވަނީ އަމަލީގޮތުން އޭޓީއެމްގެ ޚިދުމަތް ބޭނުން ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުން ކަމަށްވާތީ، އެ ސިޔާސަތުގެ ދަށުން ރިނބުދޫގައި މި ޚިދުމަތް ވަނީ ޤާއިމްކުރެވިފައެވެ. މި ޚިދުމަތް ފެށުމާއެކު ރިނބުދޫ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެއެވެ.
އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ހަނދާނީ ބޭންކް ކާޑެއް ރިނބުދޫ ކައުންސިލާ ހަވާލުކުރެވުނެވެ. ކައުންސިލުގެ ފަރާތުން މި ކާޑާ ހަވާލުވެ ވަޑައިގެންނެވީ ކައުންސިލުގެ ރައީސް އަޙްމަދު އިޤްބާލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ