ހައިރާންކުރަނިވި ނަތީޖާތަކެއް ނެރުނު ކާށިދޫގެ ފޯކަސް ތަށްޓަށް ހައިރާންކުރަނިވި ނަތީޖާތަކެއް ނެރުނު ކާށިދޫގެ ފޯކަސް ތަށްޓަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލުގައި މިރޭ ހދ. ނައިވާދޫއާ ދެކޮޅަށް ކ. ކާށިދޫ ނުކުންނައިރު, އެ ޓީމުން މި ފަހަރުގެ މުބާރާތުގައި ދެއްކި ކުޅުމުގެ އަސްލު ފޯމިއުލާ އަކީ ބުރަ މަސައްކަތާ ގަދަ ހިތްވަރު ކަމަށް އެ ޓީމުގެ ކޯޗު އަލީ ހައިޝަމް (ޗުމްޕު) ބުނެފި އެވެ.
ކާށިދޫ އިން ވަނީ މި ފަހަރުގެ މުބާރާތުގެ ގިނަ ފޭވަރިޓުންތަކެއް ކަޓުވާލައިފަ އެވެ. އެ ޓީމުން އެންމެ ފުރަތަމަ ކަޓުވާލި ޓީމަކީ ކ. އަތޮޅު ސެމީގައި ވަރުގަދަ ގާފަރެވެ. އޭގެ ފަހުން މުބާރާތުގެ ގަދަ 16 ގައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ކާމިޔާބު ޓީމު، ތިން ފަހަރު ޗެމްޕިއަންކަން ހޯދި، ތ. ތިމަރަފުށި ބަލިކުރިއިރު, ކުއާޓާ ފައިނަލުގައި މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ކުޅުނު ވިލިމާލެ ވަނީ ބަލިކޮށްފަ އެވެ. އަދި ސެމީ ފައިނަލުގައި، 2023 ވަނަ އަހަރުގެ ރަނަރަޕް އަދި މި ފަަހަރުގެ ގދ. އަތޮޅާއި ޒޯން ހަތެއްގެ ޗެމްޕިއަން، ވާދޫގެ މައްޗަށް ކުރިހޯދި އެވެ.
މި ހުރިހާ ނަތީޖާތަކާއެކު, ކޯޗު ކުމްޕު ހުރީ ވަރަށް ވެސް ހިތްހަމަ ޖެހިފަ އެވެ. އަދި ޗުމްޕު ދެކޭ ގޮތުގައި މިއީ މުބާރާތަށް ޓީމުން ނުކުމެ, ކުރި ހިތްވަރާ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެކެވެ.
ކާށިދޫ އިން މުބާރާތުގެ ފައިނަލުގެ ޖާގަ ހޯދިއިރު, ފައިނަލުގެ ކުރިން, އަތޮޅު ފައިނަލް އަދި ޒޯން ފައިނަލުން އެ ޓީމު ވަނީ ބަލިވެފަ އެވެ.
ކޯޗު ކުމްޕު ބުނީ ދެ ފައިނަލުން ބަލިވި ނަމަވެސް ޓީމުގެ އެއްވެސް ކުޅުންތެރިޔަކު ހިތްވަރު އެލުވާނުލާ ކަމަށެވެ. އަދި ކޮންމެ މެޗަކަށްފަހު ދެން ފޯކަސް ބަހައްޓަނީ ދެން އޮންނަ މެޗަށް ކަމަށް ޗުމްޕު ބުނެފައިވެ އެވެ.
"މިހާރު މެޗަކުން މެޗަކުން ކުރިއަށް ގޮސް މި އޮތީ، ފައިނަލް، ދެން ފައިނަލުގައި ތަށި ނޫން ފޯކަސް އެއް ނެތް، މޮޅުވެގެން ފުރަތަމަ ފަހަރަށް ތަށި ހޯދަން އަޒުމަކީ،" ޗުމްޕު ބުންޏެވެ.
މިއީ ޗުމްޕުގެ ކޯޗިން ކެރިޔަރުގައި ވެސް ބޮޑު ކާމިޔާބީއެކެވެ. އެގޮތުން މިއީ ކޯޗެއްގެ ގޮތުގައި ކުމްޕު ފައިނަލަށް ނުކުންނަ ފުރަތަމަ ފަހަރެވެ. އެހެންވެ, ޗުމްޕު ހުރީ ކާށިދޫއާ އެކު ތަށި ހޯދުމުގެ އަޒުމުގަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި މިރޭ ކ. ކާށިދޫ އިން ނައިވާދޫއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ 08:30 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ