ހުރިހާ ރަށެއްގައި ޒަމާނީ ފިޓްނަސް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރާނަން: ރައީސް
މި އަހަރާ އަންނަ އަހަރު ތެރޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރައްވާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ. ދ. އަތޮޅުގެ ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރިނބުދޫ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން އެ ރަށުގައި ހައްލުކުރަން ހުރި މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށެވެ. މިގޮތުން، ފިޓްނަސް ރެކްރިއޭޝަން ސެންޓަރެއް ރިނބުދޫގައި ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ރިނބުދޫއަށް ވަޑައިގަތުން: އެމަނިކުފާނު ވަނީ މިއަހަރާއި އަންނަ އަހަރު ތެރޭ ހުރިހާ ރަށެއްގައި ޒަމާނީ ފިޓްނަސް ރިކްރިއޭޝަން ސެންޓަރެއް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެފައި ---- ފޮޓޯ/ ރައީސް އޮފީސް އަޅުގަނޑު ރިޔާސީ ބަޔާނުގައި ދެންނެވިން ކޮންމެ ރަށެއްގައި ވެސް ދެ އަހަރުގެ ތެރޭގައި ހިންގާ މަޝްރޫއެއްގެ ތެރެއިން މި މަރުކަޒު ގާއިމުވާނެއޭ. މި އަހަރާއި މިއަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަސީލަތްހަމަކުރެވިފައިވާ، ޒަމާނީ ފިޓްނަސް ރެކްރިއޭޝަނެއް ގާއިމުވާނެރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ރިނބުދޫއަށް ދިމާވެފައިވާ އިތުރު އެހެން މައްސަލަތައް ވެސް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން، ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އެންމެ ލަސްވެގެން އަންނަ މެއި މަހުގެ ތެރޭގައި ސުކޫލު އިންފްރާންސްޓަކްޗާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައި، ބާރު ސްޕީޑުގައި އެކަން ނިންމައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ހަ ކުލާސްރޫމާއި ކޮންޕިއުޓާ ލެބާއި ލައިބްރެރީ ފަދަ ތަންތަން ހިމެނޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުއިއްޒު ރިނބުދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ---- ފޮޓޯ/ ރައީސް އޮފީސް މީގެ އިތުރުން، ރިނބުދޫގައި ހުރި މިސްކިތަކީ 1992 ވަނަ އަހަރު އަޅާފައި ހުރި މިސްކިތެއް ކަމަށާއި އޭގެ ފަހުން އިތުރު މިސްކިތެއް އިމާރާތްކުރެވިފައި ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މި އަހަރުގެ ބަޖެޓުން ޚަރަދުންކޮށްގެން 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ލަސްވެގެން އަންނަ ޖުލައި މަހުގެ ފެށޭނެ ކަމަށެވެ. މިއަހަރު ތެރޭ ރިނބުދޫ ސިއްޙީ މަރުކަޒުގެ ޖާގައާއި ވަސީލަތްތަކުގެ އިތުރަށް މުވައްޒަފުން ހަމަކޮށްދިނުމަށް މަޝްރޫއެއް ކުރިއަށް ގެންދާނެކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި، އެ މަޝްރޫއުތަކުގެ އިތުރުން ވެސް ގޮންޖެހުންތައް ދިމާވެފައި ހުރި ކަންކަމަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ރިނބުދޫ ރައްޔިތުންނަށް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ