ފަނޑިޔާރުން ވަކި ކުރާ ބިލު: ވިޕާ ހިލާފުވުން ރައީސް ކުށްވެރި ކުރައްވައިފި، ހިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅަނީ ފަނޑިޔާރުން ވަކި ކުރާ ބިލު: ވިޕާ ހިލާފުވުން ރައީސް ކުށްވެރި ކުރައްވައިފި، ހިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކި ކުރަން ހުށަހަޅާފައި އޮތް ބިލަށް، ވެރިކަން ކުރާ ޕީއެންސީއިން ނެރުނު ވިޕާ ހިލާފަށް އެ ޕާޓީގެ ބައެއް މެންބަރުން ވޯޓު ނުދެއްވާތީ އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރެއްވިއިރު، އެ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ވޯޓުގައި ޕީއެންސީގެ 11 މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. މިއަދުގެ ވޯޓުގައި ބައިވެރިވެ ބިލު ބަލައިގަތުމަށް ވޯޓު ދޭން ޕީއެންސީން އޮތީ ތްރީލައިން ވިޕެއް ނެރެފަ އެވެ.
މިކަމާ ހިތްހަމަ ނުޖެހިގެން ޕީއެންސީގެ ޕީޖީ ގްރޫޕަށް ފުރަތަމަ މެސެޖު ފޮނުއްވީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ. އޭނާ ލިޔުއްވީ ޕާޓީގެ ވިޕާ ގަސްތުގާ ހިލާފުވާ ބޭފުޅުންނާމެދު ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
"ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް ގަސްދުގައި ވިޕާ ހިލާފުވާ ބޭފުޅުންނާމެދު ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނަން،" ފަލާހު ވިދާޅުވި އެވެ.
އެއާ ވިދިގެން ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ އެއީ އެއްވެސް މެންބަރަކު ކުރައްވައިގެން ވާނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.
"ޕާޓީން ތްރީލައިން ވިޕެއް ކަނޑައެޅީމަ އެޔާ ހިލާފު ވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން. އެއްވެސް ފަހަރަކު،" މިހާރު ދ. އަތޮޅުގައި ހުންނެވި ރައީސް މުއިއްޒު ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައި ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް ކޯޓުތަކުގެ ގާނޫނަށް ބަދަލުގެންނަން ހުށަހެޅި ބިލު މަޖިލީހުން ބަލައިގަތީ 64 މެންބަރުންގެ ވޯޓުންނެވެ.
އިދިކޮޅަށް ވޯޓުދެއްވީ އެމްޑީޕީގެ 11 މެންބަރަކާއި އަމިއްލަ މެންބަރެކެވެ.
މި ވޯޓުގައި ބައިވެރިނުވި ޕީއެންސީގެ ބައެއް މެންބަރުން މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވި ނަމަވެސް ވޯޓުގެ ވަގުތު މަޖިލީހުގެ ތަޅުމުގައި ނެތްކަން ފާހަގަކޮށްލެވެ އެވެ.
އެ ބިލަށް ޕީއެންސީގެ މެންބަރުންގެ ތާއިދު އޮތްތޯ ބެލުމަށް އިއްޔެ ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ދެތިން މެންބަރެއް ފިޔަވައި އެ ބިލް ފާސްކުރަން ތާއިދު ކުރާ މެންބަރަކު ނެތެވެ. ނަމަވެސް ޕީއެންސީގެ ލީޑަޝިޕުން ރޭގެ ވަގުތެއްގައި މެންބަރުންނަށް އެންގީ އެ ބިލަށް ތާއިދު ކުރުމަށެވެ.
އެ ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ