ނިމިދިޔަ ރޯދަމަހުގެ ރެއެއްގައި ސޯލްޓު ރެސްޓޯރެންޓަށް ކޮފީއަކަށް ދާން އަޅުގަނޑަށް ދައުވަތު ލިބުނެވެ. ދައުވަތު ގަބޫލުކޮށް އެ ރެސްޓޯރެންޓަށް ގޮސް، ހާމަ އުޑު ފެންނަ ގޮތަށް އެއޮތް ހިތްގައިމު މާހައުލުގައި އަޅުގަނޑުމެން ތިއްބައި ރައީސް އޮފީސް ކުރިމަތިން ދެ ލާންޗެއް ނައްޓާލި މަންޒަރު ފެނުނެވެ. ރަތާއި އޮރެންޖުން ދިއްލަމުން މެދުމިނުގެ ދުވެލީގައި މިސްރާބު ބަހައްޓާފައި ހުރީ އާރަށާ ދިމާލަށެވެ. އަޅުގަނޑާއެކު ތިބި މީހުންގެ ތެރެއިން މީހަކު ބުންޏެވެ. ބޮޑުމީހާ އާރަށަށް ވަޑައިގަންނަވަނީ އެވެ. ބަލަންތިބޭށެވެ. އަދި އެ ލާންޗުތައް އެގޮތަށް މިރޭ ހައެއްކަ ބުރު ޖަހާނެ އެވެ. އެ ދެވުނީ ނޫޑުލްސްގަނޑަށް އަޅަން މަސްމިރުސް ނުލަ އެވެ. އެހެންވެ މަސްމިރުސް ބަލާ އަންނާނެ އެވެ. ހިކަނދިފަތްކޮޅެއް ނެތްކަން ހަނދާންވާނީ ކައްކަން ފަށާއިރަށެވެ. ދެން އެވީ ހިކަނދިފަތް ބަލާ އަންނާށެވެ. މިގޮތަށް ކޮންމެ ރެޔަކު މި ދޭތެރޭގައި ހާދަހާ ބުރެއް ޖަހައޭ ބުނެ އެތަނުގައި ތިބި މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.
އެތަނުގައި އެވަގުތު އަޅުގަނޑާއެކު ތިބީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ހަރަދުކުރެވޭ ފައިސާއަކީ އެ މީހުން ދައްކާ ޓެކްސްގެ ފައިސާއިން ހަރަދު ކުރެވޭ އެއްޗެއްކަން ދަންނަ ބައެކެވެ. ދައުލަތުގެ ބަޖެޓޭ ބުނީމާ އޭގެ މާނައަކީ ކޮބައިކަން އެވެރިންނަށް އެނގެ އެވެ. ކަންބޮޑުވުން އެ ފާޅުކުރީ އެހެންވެ އެވެ.
ދައުލަތުގެ އެންމެ އިސްވެރިޔާއަކީ، މުޅި ދައުލަތުގެ އެންމެހައި ކަމެއްގެ ޒިންމާ ރަސްމީ ގޮތުންނާއި ނުރަސްމީގޮތުން ނަންގަވަންޖެހިވަޑައިގަންނަވާނޭ ބޭފުޅެކެވެ. ގާނޫނީގޮތުން ރައީސްގެ ރަސްމީ ޒިންމާގެ ތެރޭގައި ނުހިމެނޭ ކަންކަމުގައިވެސް ކަމެއް ގޯސްވެއްޖެނަމަ ފުރަތަމަ ފާޑުކިއުން އަމާޒުވަނީ ރައީސަށެވެ. އެހެންވެ، އެ ހުރިހާ ކަމަކަށް ސަމާލުކަންދީ، ދައުލަތުގެ ތަރުތީބު ހިފެހެއްޓުމަކީ ރައީސްގެ ޒިންމާއެކެވެ. ދައުލަތުން ރައީސަށް އެހައި ގިނަ އިނާޔަތްތައް ހާއްސަކުރެވިފައި އެހުރީ މި ސަބަބަށްޓަކައެވެ. މުސާރައާއި، ސެކިއުރިޓީއާއި ޗުއްޓީ ހޭދަކުރެވޭނޭ ހާއްސަ ރަށެއް ދައުލަތުން ދިނީ އެހެންވެ އެވެ. އިންސާނަކު އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމަ ގޮތުގައި އަދާކުރެވޭނީ ހިތާއި ސިކުނޑިވެސް ހަމަޖެހިފައި އޮވެގެންނެވެ.
ރާއްޖޭގެ ހުރިހާ ރައީސުންވެސް އާރަށަށް ވަޑައިގެންނެވި އެވެ. އެތަނުގައި ބައްދަލުވުންތައް ބޭއްވެވި އެވެ. އާއިލާގެ މެންބަރުންނާއި، ރަހުމަތްތެރިންނާއި ބައްދަލުކުރެއްވުމުގެ އިތުރުން ސަރުކާރުގެ ރަސްމީ މަސައްކަތުން ބައެއްވެސް އެރަށުގައި ކުރިއަށް ނުގެންދަވާ ރައީސަކު ނެތެވެ. އެކަމަކާ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ޝަކުވާއެއްވެސް ނުކުރެ އެވެ. އެހެންނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އެރަށް ބޭނުންކުރައްވާވަރު ތަންކޮޅެއް ގިނައީ އެވެ. ރައީސުލްޖުމްހޫރިއްޔާ ޗުއްޓީ ހޭދަކުރައްވާ ރަށް ބޭނުންކުރައްވަންވާނީ ކުއްލި މުއްސަނދިކަމެއް ލިބޭ މީހަކު އޭނާގެ މުއްސަނދިކަމުން އުފާ ލިބިގަންނަން މަސައްކަތްކުރާ ގޮތަކަށް ނޫނެވެ. ޒިންމާދާރުކަމާއެކު އެވެ.
ރަށުތެރޭގައި މިކަމެއްގެ ވާހަކަ ފެތުރި އަޑުގަދަވީމާ، ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގެންނެވީ ކިތައް ފަހަރުތޯއާއި، އެކަމަށް ކުރެވުނީ ކިހައި ހޭދައެއްތޯ ބަލާލާ ހިތްވެއްޖެ އެވެ. އެހެންނަމަވެސް، އެކަމެއް ބަލާންވެގެން އުޅުންވެސް ހިމެނިގެން ދިޔައީ ބޮޑު ފާފަތަކުގެ ތެރޭގަ އެވެ. އެކަމުގެ މައުލޫމާތު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ނުރައްކާވެދާނެ ކަމެކޯލަ އެވެ. އެހެންވެ، އެ މައުލޫމާތު ހޯދަން އުޅުނު މީހުންގެ މައްސަލަ އެ ދަނީ ތަހުގީގު ކުރެވެމުންނެވެ.
ރާއްޖޭގެ ރައީސުންގެ ޗުއްޓީ ދަތުރުތަކުގެ މައުލޫމާތު ލިބޭ ގޮތެއް ނުވިއެވެ. އެހެންވެ މި ގަސްތުކުޅައީ އެމެރިކާގެ މޭރީލޭންޑްގައި ހުންނަ ކޭމްޕް ޑޭވިޑްއަށް އެމެރިކާގެ ރައީސުން ޒިޔާރަތްކުޅަ އަދަދު ބަލާށެވެ.
ބޮޑު މިނުގައި 51 ހެކްޓަރު ހުންނަ ކޭމްޕް ޑޭވިޑްއަކީ އެމެރިކާގެ ރައީސުން ޗުއްޓީ ހޭދަކުރެއްވުމަށް ހާއްސަކުރެވިފައިވާ 'ބޭރުގެ' އެވެ. މިތަން ބިނާކުރަން ފެށުނީ 1935 ވަނަ އަހަރު އެވެ. މަސައްކަތް ނިންމާލީ 1938 ވަނަ އަހަރު އެވެ. އެމެރިކާގެ ރައީސުން ޗުއްޓީ ހޭދަކުރައްވަން ބޭނުންކުރައްވާ ރަސްމީ ގެކޮޅުގެ ގޮތުގައި މިތަން ހަމަޖެއްސެވީ 1942 ގައި ރައީސް ރޫޒްވެލްޓްގެ ވެރިކަމުގަ އެވެ. އޭރު އެތަނަށް ކީ ނަމަކީ 'ޝަންގްރިއްލާ' އެވެ. އެ ސަރަހައްދަށް 'ކޭމްޕް ޑޭވިޑް' ގެ ނަން ދެއްވީ ރައީސް އައިސެންހަވަރ ގެ ރައީސްކަމުގަ އެވެ. އެއީ އޭނާގެ ބައްޕާފުޅާއި، ކާފަދަރިފުޅުގެ ހަނދާނުގަ އެވެ.
ކޭމްޕް ޑޭވިޑްގެ ސެކިއުރިޓީ ބަލަހައްޓަނީ އެމެރިކާ ސިފައިންގެ ފައުޖުތަކުންނެވެ. އެތަން މަޝްހޫރުވެފައި ވަނީވެސް ސިފައިންގެ މަރުކަޒެއްގެ ގޮތުގަ އެވެ. އެތަނުގެ ރަސްމީ މަސައްކަތްތަކާއި، ބެލެހެއްޓުމުގެ ހަރަދުގެ ގޮތުގައި އެމެރިކާ ސަރުކާރުން ކޮންމެ އަހަރަކު ދިހަ މިލިއަން ޑޮލަރާއި، ފަނަރަ މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ހަރަދު ކުރައްވަ އެވެ.
އެމެރިކާގެ މެރިލޭންޑް ސްޓޭޓްގެ ކެޓޮކްޓިން ފަރުބަދަ ސަރަހައްދުގައި އޮތް ކޭމްޕް ޑޭވިޑްއޭ ކިޔުނު 'ބޭރުގެ' އެމެރިކާގެ ހުރިހާ ރައީސުންވެސް ބޭނުންކުރެއްވި އެވެ. ވޮޝިންގޓަންގެ ބައިބޯ އަދި ހަލަބޮލި މާހައުލާ 100 ކިލޯމީޓަރު ދުރުގައި އޮތް ކޭމްޕް ޑޭވިޑް ވެގެން ދިޔައީ ހުރިހާ ރައީސުން ޗުއްޓީ ހޭދަކުރައްވައި، ރަސްމީ މަސައްކަތްޕުޅުތަކަށްވެސް ބޭނުންކުރެއްވި ތަނަކަށެވެ.
ފްރޭންކްލިން ޑީ. ރޫޒްވެލްޓަކީ ކޭމްޕް ޑޭވިޑް ފުރަތަމަ ބޭނުންކުރި ރައީސެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރޫޒްވެލްޓް މި ތަނަށް އައިސް، ވޮޝިންގްޓަން ޑީ.ސީ ގެ 'ހޫނުން' ދުރުގައި ގައުމުގެ އިސް މަޝްވަރާތައް ކުރެއްވި އެވެ. ރޫޒްވެލްޓް ގާތްގަނޑަކަށް 150 ދުވަސް ކޭމްޕް ޑޭވިޑްގައި ހޭދަކުރެއްވި އެވެ. މި ދުވަސްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވިންސްޓަން ޗަރޗިލްއާއެކު އެތަނުގައި ރަސްމީ ބައްދަލުވުންތައް ވެސް ބޭއްވި އެވެ.
ރައީސް އައިސެންހަވަރަކީ ކޭމްޕް ޑޭވިޑަށް މިހާރު މި ކިޔާ ނަން ދިން ރައީސެވެ. އައިސެންހަވަރ ގިނަ ވަގުތުތަކެއް އެތަނުގައި ހޭދަކޮށް، ކުޅިވަރުކުޅެ، ހާއްސަކޮށް ގޮލްފް ކުޅުމުގައި ވަގުތު ހޭދަކުރިއެވެ. އައިސެންހަވަރގެ ދައުރުގައި ކޭމްޕް ޑޭވިޑްގައި ގޮލްފް ކޯސް ހެދި އެވެ. އޭނާގެ ވެރިކަމުގެ މުއްދަތުގައި ޖުމުލަ 45 ފަހަރު ކޭމްޕް ޑޭވިޑްއަށް ޒިޔާރަތްކުރައްވައި އެތަނުގައި 189 ދުވަސް ހޭދަކޮށްފައި ވެއެވެ.
ރައީސް ކެނެޑީ އޭނާގެ ކުރު ދައުރުގައި ކޭމްޕް ޑޭވިޑަށް ޒިޔާރަތްކުރެއްވީ 19 ފަހަރު އެވެ.
ރައީސް ޖޮންސަން ކޭމްޕް ޑޭވިޑަށް ގިނައިން ޒިޔާރަތްކުރެއްވީ 30 ފަހަރު އެވެ. އޭނާ އެތަނުގައި ގިނަ ބައްދަލުވުންތައް ބާއްވައި، މުހިއްމު ނިންމުންތައް ނިންމިއެވެ. ހާއްސަކޮށް ވިއެޓްނާމް ހަނގުރާމައާ ގުޅޭ ގޮތުން ގިނަ މަޝްވަރާތައް ކުރިއަށް ގެންދެވުނީ ކޭމްޕް ޑޭވިޑްގަ އެވެ.
ކޭމްޕް ޑޭވިޑްގައި އެންމެ ގިނަ ދުވަސް ހޭދަކުރައްވައި، އެންމެ ގިނައިން ޒިޔާރަތްކުރި ރައީސްއަކީ ރައީސް ނިކްސަން އެވެ. ޖުމުލަ 160 ފަހަރު އެތަނަށް ޒިޔާރަތްކުރިއިރު އޭނާ އެތަނުގައި 225 ދުވަސް ހޭދަކުރިއެވެ. އޭނާ އިސްތިއުފާދިން މަޝްހޫރު 'ވޯޓަރގޭޓް ސްކޭންޑްލް' ފަޅާއެރީވެސް އޭނާ ކޭމްޕް ޑޭވިޑްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށެވެ. ރައީސް ލިންޑަން ބީ. ޖޮންސަންގެ ދައުރު ނިންމާލިއިރު ނިކްސަންއަށް ފާރަލުމަށްޓަކައި އޭނާއާ ގުޅުންހުރި އެކި ތަންތަނުގައި މައިކްރޯފޯނުތަކާއި ރެކޯޑުކުރާ އާލަތްތައް ހަރުކުރި އެވެ. އޭގެ ތެރޭގައި ކޭމްޕް ޑޭވިޑްގައި ހުންނަ ރައީސަށް ހާއްސަ ކޮޓަރިކޮޅުވެސް ހިމެނެ އެވެ.
ރައީސް ފޯޑް ކޭމްޕް ޑޭވިޑަށް ޒިޔާރަތްކުރީ 29 ފަހަރު އެވެ.
ރައީސް ކާޓަރ ވަނީ ކޭމްޕް ޑޭވިޑްއަށް 99 ފަހަރު ޒިޔާރަތްކުރައްވާފަ އެވެ. 1978 ވަނަ އަހަރު، ކާޓަރ އިސްރާއީލްގެ ބޮޑުވަޒީރު މެނާޚިމް ބެގިން އަދި އީޖިޕްޓްގެ ރައީސް އަންވަރު ސަދާތް އެއްތަނަކަށް ގެނެސް، "ކޭމްޕް ޑޭވިޑް އެކޯޑްސް" އެއްބަސްވުން ހެދި އެވެ. މި އެއްބަސްވުމަކީ މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް އެޅި އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.
ރީގަންއަކީ ކޭމްޕް ޑޭވިޑް އެންމެ ގިނައިން ބޭނުންކުރި ރައީސެވެ. އޭނާ 517 ދުވަސް އެތަނުގައި ހޭދަކުރިއެވެ. ޖުމުލަ 189 ފަހަރު އެތަނަށް ޒިޔާރަތްކުރެއްވި އެވެ. ކޭމްޕް ޑޭވިޑްގައި ރީގަން ދުނިޔޭގެ ލީޑަރުންނާއި ބައްދަލުކޮށް، ސޯވިއެޓް ޔޫނިއަންއާ ދެމެދު ހުރި މައްސަލަތައް ހައްލުކުރުމަށް ޑިޕްލޮމެޓިކް މަސައްކަތްތައް ކުރެއްވުން ފަދަ ރަސްމީ މަސައްކަތްތައްވެސް ކުރި އެވެ.
ރައީސް ޖޯޖް އެޗް.ޑަބްލިއު. ބުޝް ކޭމްޕް ޑޭވިޑަށް ޒިޔާރަތްކޮށް، ގަލްފް ހަނގުރާމައިގެ ދުވަސްވަރު އެތަނުގައި ސަލާމަތީ ބައްދަލުވުންތައް ބޭއްވި އެވެ. ބުޝްގެ ވެރިކަމުގެ ދެ ދައުރުގެ ތެރޭގައި 124 ފަހަރު ކޭމްޕް ޑޭވިޑްއަށް ޒިޔާރަތްކުރެއްވި އެވެ.
ރައީސް ކްލިންޓަން ކޭމްޕް ޑޭވިޑްއަށް 60 ފަހަރު ޒިޔާރަތްކޮށް އެތަނުގައި 170 ދުވަސް ހޭދަކުރި އެވެ.
ރައީސް ޖޯޖް ޑަބްލިއު. ބުޝް ކޭމްޕް ޑޭވިޑަށް 150 ފަހަރު ޒިޔާރަތްކޮށް، 487 ދުވަސް އެތަނުގައި ހޭދަކުރިއެވެ. މަޝްހޫރު 9/11 ގެ ހާދިސާއަށް ފަހު ޓެރަރިޒަމްއާ ދެކޮޅަށް ހިންގި ހަނގުރާމައިގެ ގިނަ ސިޔާސަތުތައް ކޭމްޕް ޑޭވިޑްގައި އެކުލަވާލެވުނެވެ.
ރައީސް އޮބާމާ ކޭމްޕް ޑޭވިޑް އެހާ ގިނައިން ބޭނުންނުކުރި ނަމަވެސް، އެތަނުގައި މުހިންމު ބައްދަލުވުންތައް ބޭއްވިއެވެ. 2012 ވަނަ އަހަރު، G8 ސަމިޓްގެ ބައެއް ހަރަކާތްތައް ބޭއްވީ ކޭމްޕް ޑޭވިޑްގަ އެވެ. އޮބާމާގެ 8 އަހަރުގެ ވެރިކަމުގައި އެތަނަށް ވަޑައިގެންނެވީ 39 ފަހަރު އެވެ.
ރައީސް ޓްރަމްޕަކީ ވައިޓްހައުސްވެސް ކަމުނުދާކަމަށް ވިދާޅުވި ބޭފުޅެކެވެ. ވައިޓްހައުސްއާ ގުޅޭގޮތުން ވިދާޅުވީ އެތަނުގައި ހޭދަކުރާ ފުރަތަމަ 30 ވަރަކަށް މިނެޓް ވެއަތުވަންދެން އެތަނަކީ ގަޔާވެވޭ ތަނަކަށް ވާނޭ ކަމަށެވެ. އަމިއްލަ މުއްސަނދިކަމުގައި ދުނިޔޭގެ ހުރިހާ އަރާމަކާއި މޮޅެއް ލިބިހުރި މީހަކަށް ވައިޓްހައުސްއާއި، ކޭމްޕް ޑޭވިޑްއަކީ މާ ހާއްސަ ތަނަކަށް ނުވާނެ އެވެ. ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި އެތަނަށް ވަޑައިގެންނެވީ ޖުމުލަ 15 ފަހަރު އެވެ. ދެވަނަ ދައުރުގައި އަދި ކޭމްޕް ޑޭވިޑްއަށް ޒިޔާރަތްކުރި ކަމަށް ރިޕޯޓުކޮށްފައެއް ނެތެވެ.
ރައީސް ބައިޑެން ކޭމްޕް ޑޭވިޑް ބޭނުންކުރީ ޖުމުލަ 39 ފަހަރު އެވެ. އެތަނުގައި ހޭދަކުރެއްވި މުއްދަތުގައި ރަސްމީ މަސައްކަތްތަކާއި ބައްދަލުވުންތައްވެސް ކުރިއަށް ގެންދިޔަ އެވެ.
މި މައުލޫމާތުތައް ވައިޓްހައުސްގެ ރަސްމީ ވެބްސައިޓުން ލިބެން އެބަހުއްޓެވެ. "އާރުޓީއައި އެއް ލާކަށް ނުވެސް ޖެހެ އެވެ." ޖޯޖިއޯން މައިކަލްގެ 'އިންސައިޑް ކޭމްޕް ޑޭވިޑް – ދަ ޕްރައިވެޓް ވަރލްޑް އޮފް ޕްރެސިޑެންޝަލް ރިޓްރީޓްސް' އޭ ކިޔާ ފޮތުގައި ވެސް އެބަހުއްޓެވެ. އެފޮތް ލިޔެގެން އޭނާ ކުށްވެރިއެއް ވެސް ނުވެ އެވެ. ކޭމްޕް ޑޭވިޑްއަށް ކުރާ ހަރަދުތަކާއި، ހިނގައިދިޔަ މުހިންމު ހާދިސާތަކުގެ ތަފްސީލުވެސް އެހުރީ އެވެ.
އެމެރިކާގެ ސަރުކާރުން ދެކޭގޮތުގައި އެ ގައުމުގެ ރައީސުން ކޭމްޕް ޑޭވިޑްއަށް ޒިޔާރަތްކުރައްވާ އަދަދާއި، އެތަނަށް ކުރާ ހަރަދަކީ ދައުލަތުގެ ބޮޑު ސިއްރެއް ނޫނެވެ. ބަޔަކު އެދުނަސް ނޭދުނަސް އެ މައުލޫމާތުތައް ހާމަކުރަމުން އެ ގެންދަނީ އެހެންވެ އެވެ. މިކަހަލަ މައުލޫމާތެއް ހޯދަން އެދުމަކީ ގައުމަށް ގައްދާރުވުމުގެ އަމަލެއްކަމުގައި ދެކިގެން އުޅެނީ އަޅުގަނޑުމެންގެ މިރާއްޖެ ފަދަ ވަރަށް މަދު ބައެއް ގައުމުތަކުގަ އެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ އަދަދާއި އެކަމަށް ކުރި ހަރަދަކީ ކޮބައިކަން ހާމަކޮށްގެން އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކަލެއް ކުރިމަތިވެދާނެނަމަ މާތްކަލާނގެ ރަސްކަންފުޅަށްޓަކައި ނަމަވެސް ނަމަނަމަ ތިޔަ މައުލޫމާތު ހާމަ ނުކުރައްވައްޗެވެ.
އެމެރިކާގެ ރައީސުން ޗުއްޓީ ހޭދަކުރައްވާ ކޭމްޕް ޑޭވިޑްއަށް ކުރެއްވި ދަތުރުތައް! އެމެރިކާގެ ރައީސުން ޗުއްޓީ ހޭދަކުރައްވާ ކޭމްޕް ޑޭވިޑްއަށް ކުރެއްވި ދަތުރުތައް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ