ކ. އަތޮޅުން ފެނުނު ކިނބޫ ހިފައި، އެމްއެންޑީއެފްގެ ބެެލުމުގެ ދަށަށް
ކ. އަތޮޅު ރިސޯޓެއް ކައިރިން މިއަދު ފެނުނު ކިނބޫ ހިފައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ކ. އަތޮޅުގައި ހިންގާ, ވަރު ބައި އެޓްމޮސްފިޔާ ރިސޯޓުން ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރި ވިކަމަށެވެ. ނަމަވެސް، މިރޭ 08:05 ހާއިރު ސިފައިން ބުނީ، އެ ކިނބޫ މިހާރު ހިފައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މިއީ ހިކާ ބޮޑުމިނުގެ ކިނބުލެއްކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ. އެ ކިނބޫ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ ހައެއްކަ ފޫޓުގެ ކިނބުލެއް, ހިލަ ތޮށިގަނޑު މަތީ އޮތް މަންޒަރެވެ. ރާއްޖޭން ކިނބޫ ފެނުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. ނަމަވެސް ބައެއް އަހަރުތަކުގައި ވަކި މޫސުމެއްގައި ރާއްޖޭން ކިނބޫ ފެނިފައި އެބަހުއްޓެވެ. ވަރަށް ކުރިން ރާއްޖޭން ފެނުނު ކިނބުލެއް ސިފައިންގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ބަގީޗާގައި ވެސް ގިނަ އަހަރުތަކެއް ވަންދެން ބޭއްވިއެވެ. ފަހުން އެ ކިނބޫ ވަނީ ގޮތް ނޭނގޭ ގޮތަކަށް މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ