ފުއްގިރި މައްސަލަ: ޔާމީންގެ މައްސަލައިގެ ޝަރީއަތް މިމަހު 28 އަށް ތާވަލްކޮށްފި

ރ. ފުއްގިރި މައްސަލައިގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.
ރ. ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ ދައުވާއެވެ.
މި މައްސަލައިގެ އަޑުއެހުމެއް މި ވަނީ މި މަހުގެ 28 ވަނަ ދުވަހަށް ތާވަލްކޮށްފައެވެ. މި މައްސަލައިގައި އަޑުއެހުމެއް އެންމެ ފަހުން ތާވަލްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ނަމަވެސް އޭރު އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރު ޖުލައި 20 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ އޭރުގެ ފައިނޭންސް ޑިރެކްޓަރު ސްރީލަންކާގެ ސްރީތަކުމާރުގެ ހެކިބަސް ނަގަން މަސައްކަތް ކޮށްފައި ވާއިރު އިންޓަނެޓް މައްސަލައެއް ދިމާވެ ހެކިބަސް ނެގުން ފުރިހަމަ ކުރެވިފައެއް ނުވެއެވެ.
އަދި މުހައްމަދު ޝިފާއު ނަމަކަށް ކިޔާ މީހެއްގެ ހެކިބަސް ނަގަން ވެސް އެދުވަހު މަސައްކަތް ކުރި ނަމަވެސް އޭނާ ހާޒިރުވެފައި ވަނީ ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ކޮންސިއުލޭޓް އަށް ކަމުން އެމްބަސީ ހުރި ގައުމެއްގައި ކޮންސިއުލޭޓް މެދުވެރިކޮށް ހެކިބަސް ނުނަގަން ޝަރީއަތުން ވަނީ ނިންމާފައެވެ.
ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހެކިބަސް ނަގަމުން ދާއިރު އެ މައްސަލާގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައި ވާއިރު ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތްވެސް ކުރިއަށް ދަނީ އެއް ގަޒިއްޔާއަކުންނެވެ.
އެހެންނަމަވެސް ކްރިކް ރިޒާ ބަލިވެ އުޅޭތީ ޖެހިޖެހިގެން 5 ފަހަރު އަޑުއެހުން ކެންސަލު ކޮށްފައި ވާއިރު ކްރިކް ރިޒާގެ ސަބަބުން ޝަރީއަތް މަޑުޖެހިފައި ވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދުމާއެކު މިހާރު މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ކްރިކް ރިޒާގެ ބައި އުނިކުރުމަށް ފަހުއެވެ
މީގެ އިތުރުން ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ދައުވާކުރެއެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރިން އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އޮތީ އަންގާފައެވެ. ހައި ކޯޓުން، އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމާފައި ވާތީ އެ ބައި ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން ކްރިމިނަލް ކޯޓުން އޮތީ އެ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ