ވެސްޓް ހޭމުން ކޮންފަރެންސް ލީގުގެ ތަށި ސަޕޯޓަރުންނަށް ދައްކާލައިފި

ވެސްޓް ހޭމް ޔުނައިޓެޑުން ކާމިޔާބުކުރި ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ތަށި، އެ ޓީމުގެ ސަޕޯޓާރުންނަށް އާންމުކޮށް ދައްކާލައިފިއެވެ.
އެގޮތުން ވެސްޓް ހޭމުން ވަނީ އީސްޓް ލަންޑަންގައި ތަށި ދައްކާލުމަށް މަގުމަތީ ޕެރޭޑެއް ބާއްވާފައެވެ. ވެސްޓް ހޭމުން ހޯދި މި ކާމިޔާބީ ފާހަގަކުރުމަށް އެ ކުލަބަށް ސަޕޯޓްކުރާ އެތައްހާސް ބަޔަކު ވަނީ މަގުތަކަށް ނިކުމެ އެއުފަލުގައި ބައިވެރިވެފައެވެ.
ވެސްޓް ހޭމުން ވަނީ ޕްރާގްގައި ކުޅުނު ފައިނަލް މެޗުގައި ފިއޮރެންޓީނާ ދެ ލަނޑު އެއް ލަނޑުން ބަލިކޮށްފައެވެ. މި ޕެރޭޑް އެކްލަބުން ފަށާފައިވަނީ އީސްޓް ލަންޑަންގެ ޗެމްޕިއަންސް ސްޓެޗޫ ކައިރިންނެވެ. އަދި ނިންމާލާފައިވަނީ ސްޓްރެޓްފަޑް ޓައުން ހޯލް ކައިރިއަށެވެ. ވެސްޓް ހޭމްގެ ކުޅުންތެރިންނާއި އޮފިޝަލުން ބަހުގައި ތަށި ދައްކާލުމަށް ބޭއްވި މި ޕެރޭޑް ބަލާލުމަށް އެކްލަބްގެ ސަޕޯޓަރުންވަނީ ވަގުތު ޖެހުމުގެ މާކުރިން މަގުތަކަށް ނިކުމެ ރަނގަޅު ހިސާބެއް ލިބޭތޯ މަސައްކަތް ކޮށްފައެވެ. އަދި މަގުތަކަށް އެއްވެފައިވި ސަޕޯޓަރުން ގިނަ ކަމުން ވެސްޓް ހޭމްގެ ކުޅުންތެރިން ގޮވައިގެން ދަތުރުކުރި ބަސް، މި ޕެރޭޑްގައި ހޭދަވާނެކަމަށް ކުރިން ހީކުރި ވަރަށްވުރެ ގިނަ ވަގުތުވެސް ނެގިއެވެ.
މިޕެރޭޑަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ވެސްޓް ހޭމްގެ ކޯޗް ޑޭވިޑް މޮއިސް ހާމަކުރިގޮތުގައި އޭނާގެ ޓީމަށް ސަޕޯޓަރުންގެ ފަރާތުން ލިބެމުންގޮސްފައިވަނީ އާދަޔާ ހިލާފު ވަރުގަދަ ސަޕޯޓެއް ކަމަށެވެ. މިގޮތުން ޕްރާގްގައި ބޭއްވި ފައިނަލް މެޗް ބަލާލުމަށް ދިޔަ ސަޕޯޓަރުންގެ އަދަދު ކުރިން ހީކުރިވަރަށް ވުރެ ގިނަވި ކަމަށާއި، މިރަސްމިއްޔާރާއި މަގުތަކަށް އެއްވެފައިތިބި ސަޕޯޓަރުންގެ ގިނަކަން އޭނާ ފާހަގަކުރިއެވެ. މިއީ ވެސްޓް ހޭމަށް ޔޫރަޕްގެ ބޮޑު މުބާރާތެއްގެ ތަށި ވޭތުވެދިޔަ 58 އަހަރުގެ ތެރޭގައި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ