އިންތިޚާބުގައި ވާދަކުރާނަން، ޕްލޭން ބީއެއް ނެތް، ބަލިވެއްޖެ ނަމަ ދާނީ ގެއަށް: އުމަރު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށާއި އެ ކަމުގައި އެއްވެސް 'ޕްލޭން ބީ'އެއް ނެތްކަމަށާއި އޭނާގެ އަތުގައި އޮތް ހަމައެކަނި ގޮތަކީ މި އިންތިޚާބު ކާމިޔާބުކުރުންކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި މިފަހަރު އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އެސްއެސްޓީވީގެ 'ބާރު ހަތަރެއް'ގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ އޭނާ ރާއްޖެއަށް ގެންނަން ބޭނުންވާ ހެޔޮ ބަދަލުތައް ގެންނަން ވަކާލާތު ކުރައްވާތާ 18 އަހަރު ވެއްޖެކަމަށެވެ. އިންތިޚާބުން ބަލިވާ ހާލަތުގައި ވެސް ކޯލިޝަނެއް ހެދުމުގެ ޝައުގުވެރިކަމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. "ނެތް އެއްވެސް 'ޕްލޭން ބީ'އެއް ނެތް. 'ޕްލޭން އޭ'އެއް އެކަނި އަޅުގަނޑު އަތުގައި އޮތީ އިނގޭތޯ. އަޅުގަނޑު އަތުގައި އޮތީ އިންތިޚާބު ކާމިޔާބުކުރުން އެެކަނި. އަޅުގަނޑު ގަސްތެއް ނުކުރަން އިނގޭތޯ އެހެން ސަރުކާރެއްގެ ތެރެއަށް ވަދެ ކޯލިޝަން ހަދައިގެން އެ ސަރުކާރެއްގައި ވަޒީރުކަމުގައި އިށީނދެގެން އެ ސަރުކާރެއްގެ 20 ޕަސެންޓާއި 30 ޕަސެންޓު ހޯދައިގެން އަޅުގަނޑުގެ މީހުން އެެ ތަންތާ ވަޒީފާއަށް ލައިގެން އުޅޭކަަށް އަޅުގަނޑު ބޭނުމެއް ނޫން،" އުމަރު ވިދާޅުވިއެވެ. 'ބާރު ހަތަރެއް'ގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގައި އޮތީ މައިގަނޑު ފަސް މައްސަލައެއްކަމަށެވެ. އެއީ މަސްތުވާތަކެތީގެ ވަބާ އާންމުވެފައި އޮތުމާއި، ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވަމުން އައުމާއި، ބޭރު ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމުގެ އިތުރުން ބިދޭސީންގެ އަތްމައްޗަށް ދިވެހި ވިޔަފާރި ދިއުމާއި އިސްލާމީ ޝަރީއަތް ތަންފީޒުނުކުރުންކަމަށެވެ. އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ޓަކައި މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައިނުވާކަމަށެވެ. އެއީ މިއަދު މަސްތުވާތަކެތީގެ ނުރައްކާ ރާއްޖެއަށް ފެތުރިފައިވާ މިންވަރަށް ފެތުރުނު މައިގަނޑު ސަބަބުކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ނުރައްކާ ބޮޑުވީ ރާއްޖޭގައި އެ ކަން ފެތުރިފައި އޮތް މިންވަރުން އެކަނި ނޫންކަމަށެވެ. މަސްތުވާތަކެތި ގައުމުތަކަށް ފޮނުވާ ޓްރާންސްޝިޕްމަންޓް ބަނދަރަކަށް ވެސް މިއަދު ރާއްޖެ ވެފައި އޮތުމަކީ އެ ނުރައްކާ ބޮޑުވުމުގެ އެންމެ ބޮޑު ސަބަބުކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއްވެސް ސަރުކާރަކަށް އެ ކަން ހައްލުކުރާނެ ގޮތެއް ބުނެނުދެވޭކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ތިއްބެވި ކެންޑިޑޭޓުން ވެސް ދައްކަނީ 'ފެއިލް'ވެފައި އޮތް ފޯމިއުލާއެއްކަމަށް އޭނާ ވިދާޅުވިއެވެ. "ހަމަ ވިދާޅުވަނީ ކުރިން ވެސް ގެންގުޅުނު ބާ ދިއުޅި އަޅުވައިގެން އަނބުރާ ވާހަކަދައްކަވަނީ. އެ ބާ ދިއުޅިން މިހާރު މި ކަން ނުވާނެކަން އެންމެންނަށް ވެސް އެނގެންވާނެ ދެެއްތޯ. ބާ ދިއުޅި އަޅުވައިގެން އަނބުރާތާ މިހާރު މިވީ 15 އަހަރު. ކޮންމެ އަންނަ ސަރުކާރަކުން އާނ، އަހަރުމެން އެހެން ހަދާނަން، ރިހެބިލިޓޭޝަން ބޮޑުކުރާނަން ޖަލު ހަދާނަން، މި ވާހަކަ ދައްކާތާ ކޮން ޒަމާނެއްތޯ މިވީ،" އޭނާ ވިދާޅުވިއެވެ. އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޓަކައި އޭނާ ގެންގުޅުއްވާނީ ސިންގަޕޫރުގައި މަސްތުވާތަކެތީގެ ވަބާ ހައްލުކުރަން ބޭނުންކުރި އުކުޅާއެކު އިސްލާމީ ޝަރީއަތުގެ ހުކުމްތައްކަމަށެވެ. މީގެ އިތުރުން ބޭރުގެ ސިފައިން ރާއްޖޭގައި ގާއިިމްވެ ތިބިކަމަށް ތުހުމަތުކުރައްވައި އޭނާވަނީ، އިންޑިއާގެ ނުފޫޒު މިއަދު ރާއްޖެއަށް މާ ބޮޑުކަމަށް ވިދާޅުވެފައެވެ. އަދި އުމަރުގެ ސަރުކާރެއްގައި ބޭރުގެ އެއްވެސް އަސްކަރިއްޔާއަކަށް ރާއްޖޭގައި ގާއިމްވުމުގެ ފުރުސަތު ނުދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ދިވެހި ވިޔަފާރީތައް ބިދޭސީން ހިންގާ މައްސަލައަކީ ބޮޑު މައްސަަލައެއްކަމަށެވެ. ބިދޭސީން ރާއްޖޭގައި ވިޔަފާރިކުރުމަކީ މައްސަލައެއް ނޫންކަމަށާއި މައްސަލައަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އެ ކަން ކުރަން ދީގެން ދޫކޮށްލައިގެން ތިބުންކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ދަރަނި އާދަޔާ ޚިލާފަށް މަތިވުމަކީ ވެސް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އެގޮތުން އިންޑިއާއާއި ޗައިނާއިން ރާއްޖެއިން ނަގައިފައިވާ ލޯނުތައް ގިނަކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންވީމާ އަޅުގަނޑުމެންގެ ދަރަނި މިހާރު ވަރަށް ބޮޑުވެއްޖެ. އަޅުގަނޑުމެންގެ މިނިވަންކަމަށް އަސަރުކުރާ ވަރަށް ދަރަނި އައިއްސި. އެހެންވީމާ މިއީ އަޅުގަނޑުމެން މެނޭޖުކުރަންޖެހޭ ކަންކަން. އަންނަ ކޮންމެ ސަރުކާރެއް ދައްކަަނީ ހިލޭ އެއްޗެހި ބަހައިދޭ ވާހަކަ. ހިލޭ ހަނޑޫ ހަކުރު ބަހައިދޭ ވާހަކައާއި ހިލޭ ފުށް ބަހާ ވާހަކައާއި އެހެނިހެން އެއްޗެހި ބަހައިދޭ ވާހަކަ މި ދައްކަނީ އިނގޭތޯ. މިއިން ކޮންމެ އެއްޗެއް ހިލޭ ދޭއިރު އޭގެ ފަހަތުގައި އޮންނާނެ ދަރަނި،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އާމްދަނީ އިތުރުކުރުމުގެ ވާހަކަ އެއްވެސް ކެންޑިޑޭޓެއް ނުދައްކާ ކަމަށެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބެއްގައި ކޮންމެ ބޭފުޅަކަށް ވެސް ވާދަކުރެވިދާނެކަމަށެވެ. ނަމަވެސް ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ގެންނާނެ ހައްލު އެ މީހަކަށް އެނގެންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އުމަރު ވަނީ އޭނާގެ ވެރިކަމެއްގައި އިސްލާމީ ޝަރީއަތް ވަކި މީހަކަށް ބެލުމެއްނެތި ތަންފީޒުކުރާނެކަމަށް ވިދާޅުވެފައެވެ. އަަދި ހުޅަނގުގެ ބާރުތަކާއި ޖަމިއްޔާތަކުން ބުނާނެ ވާހަކައަކާމެދު އެއްވެސް ސަމާލުކަމެއް ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒުކުރައްވާނެކަމަށާއި އެކަމާމެދު އެއްވެސް ޝައްކެއް ނުކުރުމަށް އޭނާ ވިދާޅުވިއެވެ. "100 ޕަސެންޓް އިނގޭތޯ. އަޅުގަނޑު ބުނާ ބަހުގައި އިތުބާރު ހުންނާނެ. އަޅުގަނޑު މިވެނި ގޮތަކަށް ކަން ކުރާނަމޭ ބުނެފިއްޔާ އެ ގޮތަށް ކަންކޮށްފައި ދައްކާފައި ހުންނާނީ މިހާ ހިސާބަށް ﷲގެ ވާގިފުޅާއެކުގައި،" އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ