އެމްއައިބީގެ ޑޮލަރު ލިމިޓް ބައެއް ސައިޓްތަކަށް ކަނޑާލައި މަހަކަށް 10 ޓްރާންސެކްޝަނަށް ލިމިޓްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރުފިޔާ ކާޑުތަކަށް ދެމުން އައި 250 ޑޮލަރުގެ ލިމިޓު ބޭނުންކޮށްގެން އީކޮމާސް ބައެއް ވެބްސައިޓުތަކުން ވިޔަފާރި ނުކުރެވޭ ގޮތް ހަދައި، ކޮންމެ ކަސްޓަމަރަކަށް މަހަކަށް އެ ޑޮލަރު ލިމިޓުން ކުރެވޭނީ 10 މުއާމަލާތް ކަމަށް މިރޭ ހަމަޖައްސައިފި އެވެ.
އެމްއައިބީން ނެރުނު ނޯޓިސްއެއްގައި ބުނީ ރުފިޔާ ކާޑަށް ދީފައިވާ ޑޮލަރު ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ކަނޑައަޅާފައިވާ ލިމިޓެއް ކަމަށާއި އެކަމަކު ބައެއް ކަސްޓަމަރުން އެ ލިމިޓް އެހެން ކަންކަމުގައި ވެސް ބޭނުންކުރަމުން އަންނަ ކަމަށެވެ.
"... ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށްދިނުމަށް އިސްކަންދިނުމުގެ ގޮތުން މި ހިނދުން މި ހިނދަށް ބައެއް ވިޔަފާރި ސައިޓްތަކުން މި ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ވަނީ ނިންމައިފަ އެވެ." ނޯޓިސްގައި ބުނެފައިވެ އެވެ.
އެ ބޭންކުން ބުނީ މި ނިންމުމާ އެކު، އީކޮމާސް ވެބްސައިޓްތަކުގައި މަހެއްގެ މައްޗަށް ދެން ކުރެވޭނީ 10 މުއާމަލާތް ކަމަށެވެ.
އެކަމަކު ބައެއް ވިޔަފާރި ސައިޓްތައް ފިޔަވައި ކަސްޓަމަރުން އާންމުން ބޭނުންތަކަށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓްތަކާއި ރާއްޖޭން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކަށާއި ސިއްހީ ހިދުމަތަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ ހަރަދުތަކަށް 250 ޑޮލަރުގެ ލިމިޓްގެ ތެރެއިން ބޭނުންކުރެވޭނެ ކަމަށް ބުންޏެވެ.
މިއީ މި ލިމިޓް ވީހާވެސް ގިނަ ކަސްޓަމަރުންގެ ޒަރޫރީ ކަންކަމުގައި ބޭނުންކުރުމަށް ފުރުސަތު ދިނުމަށާއި ދެމެހެއްޓެނިވި ގޮތުގައި ކުރުމުގެ ގޮތުން ހަމަޖެއްސި ގޮތެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެމްއައިބީގެ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް 250 ޑޮލަރުގެ ލިމިޓެއް ދެމުން އައީ އެ ބޭންކަށް ވަކި މުއްދަތަކަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް އެކަންޏެވެ.
ބޭރު ފައިސާ ލިބުމުގެ ދަތިކަމާ ހެދި އެހެން ބޭންކުތަކުން ވެސް ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރުން ވަނީ ވަރަށް ބޮޑަށް ލިމިޓްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ