އެމްއައިބީގެ ރުފިޔާ ކާޑުގެ ޑޮލަރު ލިމިޓު ބައެއް ވިޔަފާރި ސައިޓުތަކަށް ބޭނުންނުކުރެވޭ ގޮތް ހަދައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރުފިޔާ ކާޑުގެ ޑޮލަރު ލިމިޓު  ބައެއް ވިޔަފާރި ސައިޓުތަކަށް ބޭނުންނުކުރެވޭ ގޮތަށް މިއަދު ބަދަލުކޮށްފި އެވެ. 
އެމްއައިބީން މިރޭ ބުނެފައިވާ ގޮތުގައި އެ ބޭންކުގެ ރުފިޔާ ކާޑުތަކަށް ދެމުންދިޔަ 250 ޑޮލަރުގެ ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ދެމުންދިޔަ ލިމިޓެކެވެ. ނަމަވެސް، ވޭތުވެދިޔަ މުއްދަތުގައި ބައެއް ކަސްޓަމަރުން އެ ލިމިޓު އެހެން ބޭނުންތަކަށް ބޭނުންކުރަމުންދިޔަ ކަމަށް އެމްއައިބީން ބުނެފައިވެ އެވެ.
"ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށްދިނުމަށް އިސްކަން ދިނުމުގެ ގޮތުން މި ހިނދުން މި ހިނދަށް ބައެއް ވިޔަފާރި ސައިޓުތަކުން މި ޑޮލަރު ލިމިޓު ބޭނުންނުކުރެވޭ ގޮތް ހެދުމަށް ވަނީ ނިންމާފައި،" އެމްއައިބީން ބުނެފައިވެ އެވެ. 
އެމްއައިބީން ބުނެފައިވާ ގޮތުގައި ބޭރުގެ އީކޮމާސް ސައިޓުތަކުން ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަނެވެ. އެ ބަދަލު ގެނައި ނަމަވެސް ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކޭނެ ކަމަށް އެމްއައިބީން ބުނެ އެވެ.
"ރާއްޖޭން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކާއި، ސިއްހީ ހިދުމަތް ހޯދުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ އެކިއެކި ހަރަދުތަކަށް 250 ޑޮަލަރުގެ ލިމިޓުގެ ތެރެއިން ބޭނުންކުރެވޭނެ،" އެމްއައިބީން ބުނެފައިވެ އެވެ. 
އެމްއައިބީން މިފަދަ ކޮންޓްރޯލްތަކެއް ގެނެސްފައިވާއިރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ވަނީ ބޭންކުގެ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ މިންވަރަށް ވަރަށް ބޮޑަށް ލިމިޓުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ