ރާއްޖޭން ހުށަހެޅި ރިޕޯޓު ރިވިއުކުރަން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ އދ.ގެ ކޮމިޓީން ބައްދަލުވުމެއް ބާއްވައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ މުއާހަދާގެ ދަށުން، 2018 ވަނަ އަހަރު ރާއްޖޭން ހުށަހެޅި ރިޕޯޓު ރިވިއުކުރުމަށް ޓަކައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ އދ. ގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ ފަރާތުން ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ މުއާހަދާގެ ދަށުން، 2018 ވަނަ އަހަރު ރާއްޖޭން ހުށަހެޅި ރިޕޯޓު ރިވިއުކުރުމަށް ޓަކައި، އދ ގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައެވެ. ބަންޑާރަނައިބުގެ އޮފީހުން ބުނީ، 2010ވަަނަ އަހަރުގެ އެޕްރީލް ފަސްވަަނަ ދުވަހު ރާއްޖޭން ބައިވެރިވި މި މުއާހަދާގެ ދަށުން ހުށަހެޅި އިބްތިދާއީ ރިޕޯޓުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ މުއާހަދާގެ ދަށުން ކަށަވަރުކޮށްދޭ ހައްގުތައް އެގޮތަށް ލިބިދިނުމަށް ޓަކައި 2010އިން 2018އަށް ރާއްޖޭން ކުރި މަސައްކަތްތައް ހިމަނައި، ކޮމިޓީން 2022ވަނަ އަހަރު ފޮނުވި ސުވާލުތަކަށް އޭޕްރިލް 2023ގައި ރާއްޖޭގެ ޖަވާބު ހުށަހަޅާފައިވާ ކަމަށެވެ. ޖެނީވާގައި ހުންނަ އދ. ގެ އިދާރާގައި ބޭއްވި އެ ބައްދަލުވުމުގައި، މުއާހަދާ ތަންފީޒުކުރުމަށް ރާއްޖޭން ކުރި މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ ސުވާލުތަކަށް ޖަވާބުދެއްވީ ބަންޑާރަނައިބު އަހްމަދު އުޝާމް ކަމަށް، ބަންޑާރަނައިބުގެ އޮފީހުން ބުންޏެވެ. އެގޮތުން ރާއްޖޭގެ ފަރާތުން އެ ރިޕޯޓަށް ހުށަހެޅި އިބްތިދާއީ ރިވިއު ފެށްޓެވުމުގެ ގޮތުން އުޝާމް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަސާސީ ހައްގުތަކަކީ އިންސާނީ ކަރާމާތާ ގުޅިލާމެހިފައިވާ ހައްގުތަކެއް ކަމަށާއި، އެއީ ހަމަހަމަ ފުރުސަތުތަކާއި ފުރިހަމަ ބައިވެރިވުމާއި ފުރިހަމަ ގާބިލުކަމަށް ހުރަސްއަޅާ ކޮންމެ ހުނަރެއް ނައްތާލުމަށް ބާރުއަޅާ ހައްގުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭން ސިޔާސަތުތައް އެކުލަވާލުމަށް މިހާރު ގެންގުޅޭ އުސޫލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތައް ވަކިވަކިން އެކަހެރިކޮށް ހައްލުކުރުމުގެ ބަދަލުގައި ހުރިހާ ދާއިރާއަކުން ގައުމީ ފެންވަރުގައި ސިޔާސަތުތައް އެކުލަވާލައި، އެ ސިޔާސަތުތަކުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކުރިއެރުވުމަށް ވަށާޖެހޭ ހައްލުތައް ހިމެނުން ކަމަށެވެ. މި ރިވިއު ބައްދަލުވުމުގައި ރާއްޖޭން ކޮމިޓީއާ ހިއްސާކުރި މައުލޫމާތާއި ރާއްޖޭން ހުށަހެޅި ރިޕޯޓުގެ އަލީގައި ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމާއި ލަފާ އެރުވުން އަންނަ ހޯމަ ދުވަހު އޮންނާނެ ކަމަށް، ބަންޑާރަނައިބުގެ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ