ކަރަންޓް ކެނޑޭތީ މަޖިލިސް ޖަލްސާ މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލިސް އިދާރާގެ ކަރަންޓު މައްސަލައެއް ދިމާވެ، މިއަދުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހެނދުނު 9 ޖެހިއިރު ފެށި މަޖިލިސް ޖަލްސާގައި ކަރަންޓު މައްސަލަ ދިމާވީ، 9:30ހާއިރު އެވެ. މި މައްސަލަ ދިމާވިފަހުންވެސް މިހާރު ގަޑިއެއްހާއިރުވެފައިވާއިރު، އަދިވެސް ޖަލްސާ ނުފެށެ އެވެ. 
ތަފްސީލު - ކަރަންޓު މައްސަލަ ދިމާވިއިރު އޭރު ބަހުސް ކުރަމުން ގެންދިޔައީ އިންޝުއަރެންސް ބިލު ކޮމިޓީން ނިންމި ގޮތުގެ ރިޕޯތަށެވެ. އެ ރިޕޯޓަށް އެވަގުތު ބަހުސް ކުރަމުން ގެންދެވީ ހުރާ ދާއިރާގެ ޕިއެންސީ މެންބަރު ޑރ. އަނާރާ ނައީމް އެވެ.
ކަރަންޓު މައްސަލަ ދިމާވުމުން، މަޖިލީހުގެ ބައެއް ލައިޓްތައް ނިވުނެވެ. އެ ލައިޓްތައް ނިވުނު ނަމަވެސް މައިކް ސިސިޓަމް އާއި ލައިވް ފީޑް ބަރާބަރަށް ދިޔައީ މަސައްކަތް ކުރަމުންނެވެ.
ގާތްގަނޑަށް 5 ވަރަކަށް މެނެޓު މަޑުކުރުމަށްފަހު، ރިޔަސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވީ، " ކަރަންޓަށް ދިމާވި މައްސަލައިގެ އަދި މިއުޅެނީ ވާނުވާ ނޭނގިގެން" ކަމަށެވެ.
"އެހެންވީމަ ކުޑަކޮށް މިކަން ބަލާލަން އަޅުގަނޑުމެން ހުސްވަގުތުކޮޅެއް ނަގާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ