މީޑިއާ ކޮމިޝަންގެ އިދާރީ ހިންގުމުގެ ބާރު ކޮމިޝަނަރުންނަށް ނެތް މީޑިއާ ކޮމިޝަންގެ އިދާރީ ހިންގުމުގެ ބާރު ކޮމިޝަނަރުންނަށް ނެތް

ސަރުކާރުން އަޑީގައި އޮވެ މިނިވަން މީޑިއާ ނެތިކޮށްލުމަށް އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ އިދާރީ ހިންގުމުގެ ބާރު އެ ކޮމިޝަނުގައި ތިއްބަވާ ކޮމިޝަނަރުންނަށް ނޯންނަކަން ހާމަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އޮތް ރައީސް މުހައްމަދު މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީއިން ފާސްކުރި ގާނޫނަށް އަމަލުކުރަން ފަށައި ކޮމިޝަން އެކުލަވާލެވެންދެން އެ ކޮމިޝަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އުކުލަވާލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
މުއިއްޒު ތަސްދީގުނުކޮށް އަދި އޮތް ގާނޫނުގެ 36 ވަނަ މާއްދާގައި ވާގޮތުން ކޮމިޝަނުގެ އިދާރީ ހިންގުމަށް ސެކްރެޓަރީ ޖެނެރަލެއް ކަނޑައަޅާނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. ސެކްރެޓަރީ ޖެނެރަލްގެ ކިބައިގައި ވެސް ކޮމިޝަނަރުންގެ ހުރުން ލާޒިމު ސިފަތައް ފުރިހަމަވާން ޖެހެ އެވެ.
ކޮމިޝަނު އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށް ކަމަށްވާއިރު އޭގެ ތެރެއިން ތިން މެންބަރުން އައްޔަން ކުރާނީ މުއިއްޒު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރަމުން އަންނަ މަޖިލީހުންނެވެ. މީޑިއާތަކުގެ ހަތަރު މެންބަރުން ތިބޭއިރު ހުރިހާ މެންބަރުން ވެސް މުއިއްޒުގެ މަޖިލީހަށް ވަކިކުރެވޭނެ އެވެ.
ކޮމިޝަނުގެ ރައީސް ވެސް އައްޔަން ކުރާނީ މުއިއްޒުގެ ބާރު ފުރިހަމައަށް ހިނގާ ރައްޔިތުންގެ މަޖިލީހުންނެވެ. އެއީ ޖަލްސާތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ރިޔާސަތު ބެލެހެއްޓުމާއި، ކޮމިޝަނަރުންނާ މަސައްކަތް ކުރުމާއި ކޮމިޝަނުގެ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުން މަތިކޮށްފައިވާ މަގާމެވެ.
ކޮމިޝަނުގެ ހުރިހާ މެންބަރުންނަކީ ވެސް ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލިސް ބޭނުންވެއްޖެ ވަގުތެއްގައި ވަކިކުރެވޭނެ މެންބަރުންނެވެ.
ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.
ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ.
އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލު ތަސްދީގު ނުކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ