ތަޓްރީޒް: ބަރަންޏަކުން ފަލަސްތީނުގެ އެހާރާއި މިހާރު
މިއީ ފަލަސްތީނު މީހުންގެ ސަގާފީ މަސަތްކަތެކެވެ. ވޭތުވެދިޔަ ދެތިން އަހަރެއްގައި ސޯޝަލް މީޑިއާއިން މި މަސަތްކަތްތައް ފެނުނު ނަމަވެސް މިއީ ޒަމާނުއްސުރެ އެކި ވާހަކަތަައް ކިޔައި ދިނުމުގައި ބޭނުންކޮށް އުޅޭ އުކުޅެކެވެ. ތަޓްރީޒްގެ ނަމުން ނަން ދެވިފައިވާ މި އެމްބްރޮއިޑަރީގެ ހިތްގައިމު ފަންނަކީ ހަމައެކަނި ފޮތިގަނޑެއް ޒީނަތްތެރިކޮށް ލުމައްވުރެ މާ ބޮޑު، މާ މާނަފުން ކަމެކެވެ. ކޮންމެ ރޮއްޖަކުން ވެސް ބުނެލައިދެނީ މި އުފެއްދި މީހާއާއި, ލައިގެން ހުރި މީހާއިން ފެށިގެން ފަލަސްތީނު ބިމުގެ ވާހަކަތަކެވެ. ޖީލުތަކަކަށް ދެމިގެން އައި ތަޓްރީޒްއަކީ ގޭގޭގައި ތިބޭ އަންހެނުން ފައިސާ ހޯދުމަށްޓަކާ އަދި ގައުމުގެ ސަގާފަތް ދިރުވާ ވާހަކަތައް ހިއްސާކުރުމާއި އަނިޔާވެރިކަމާ ދެކޮޅަށް ކުރާ މަސަތްކަތުގައި ބައިވެރިވުމުގެ ގޮތެކެވެ. ކުރު ތާރީޚެއް ކެތްތެރިކަމާއި ހުނަރަކީ މި މަސަތްކަތްކުރާ މީހުންގެ ގައިގައި ހުންނަންޖެހޭ މައިގަނޑު ދެ ސިފައެވެ. ބައެއް ޑިޒައިންތައް ނިންމުމަށް އެތައް މަހެއް އަދި އަހަރުތަކެއް ވެސް ނަގާފާނެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި މަސަތްކަތުގެ މޫތައް ކަނާނީންގެ ޒަމާނާ ހިސާބަށް ފައިބާފައިވެއެވެ. ތަޓްރީޒްގައި ފެންނަ އެކި ފާޑުފާޑުގެ ރޮދި ޑިޒައިންތަކުގެ ތެރެއިން އެންމެ ގިނައިން ފެންނަ އަދި ފަލަސްތީނުގެ މީހުންނާއި އެންމެ ބޮޑަށް ގުޅިފައިވަނީ ’ގުތްބާ ފައްލާހިއްޔާ‘ ނުވަތަ ކޮރޮސް ސްޓިޗް ސްޓައިލެވެ. އެންމެ ކުރީގައި ވެސް މި އެމްބްރޮއިޑަރީ ސެޝަންތަކަކީ ހަމައެކަނި ފަހަންދާ ކްލާހެއް ނޫނެވެ. ހުރިހާ އަންހެންވެރިން ވެގެން އެއްވެލައި، އެ މީހެއްގެ ދިރިއުޅުމުގެ ވާހަކަތަކާއި ނަސޭހަތްދިނުމުގަޔާއި އަދި ސަގާފަތް އާލާކުރުމުގެ ބޭނުމުގައި ބާއްވާ އިޖުތިމާއި ޖަލްސާތަކެކެވެ. ފަލަސްތީނުގެ މީހުން ގެދޮރުދޫކޮށް ދިޔުމަށް ފަހު މި އެއްވުންތައް ބަދަލުވެ، ރެފިއުޖީ ކޭމްޕުތަކުގައި ތިބި އަންހެންވެރިންނަށް މި ކަންވީ އެ ބައެއްގެ އަސްލާއި އެ މީހުންނަކީ ކޮންތާކުން އައިސްފާވާ ކޮން ބައެއްކަމާއި ގެއްލުނު ކަންކަމުގެ ވާހަކަދައްކާލާނެ މަގަކަށެވެ. ތަޓްރީޒް ބަދަލުވެގެން އައިގޮތް ކުރިން 1948 ހިސާބުގެ ނަކްބާއަށް ފަހު، މި ފަންނަން ބަދަލުތަކެއް އައިސްފައިވެއެވެ. ރެފިއުޖީ ކޭމްޕުތަކުގައި އުޅެން ޖެހުމުން ތަޓްރީޒްގެ މަސަތްކަތަށް ބޭނުންވާ ތަަކެތީގެ ދަތިކަމާ ފަލަސްތީނުގެ އަންހެންވެރިންނަށް ކުރިމަތިލާން ޖެހުނުނެވެ. ސިލްކުގެ ބަދަލުގައި ކޮޓަން ބޭނުންކުރަން ފެއްޓުމާއި އަތުން ފެހުމުގެ ބަދަލުގައި މެޝިނުން މި ފޮތިތައް އެމްބްރޮއިޑާ ކުރަން ފެއްޓިއެވެ. އެކި އަވަށުގެ އެކި ހިސާބުތަކުގެ އަންހެންވެރިން އެއްވެ، އެ ބައެއްގެ ތަޓްރީޒް ސްޓައިލާއި ޑިޒައިންތައް އެއްތަނަކަށް މަސްހުނި ވާން ފެށިއެވެ. އެކި ޒަމާންތަކުގައި ސަރަހައްދީ ގޮތުން ޚާއްސަ ވެފައި ހުރި ޑިޒައިންތައް އެއްވެ، ބޮޑު އެއް ވާހަކަ އެއް ގެނެސްދެވޭ ފަދައިން ގައުމީ ވަރުގަދަ އައިޑެންޓިޓީއެއް އުފެދުނީ އެ ހިސާބުންނެވެ. ފަލަސްތީނުގެ މީހުންގެ ”ސައިލަންޓް ރެސިސްޓަންސް“ގެ ތެރޭގައި ތަޓްރީޒްގެ ރޯލު ފަލަސްތީނުގެ ރަމްޒުތައް މަނާކޮށްފާވާއިރު އެކަމުގެ ރައްދުގައި އެ ގައުމުގެ މީހުން މަޑުމަޑުން ތިބެ މިކަންކަމަށް ރައްދުދިނުމުގެ ގޮތުން މި ވާހަކަތައް ދައްކާހެދުމަށް ބޭނުންކުރީ 'އިންތިފާދާ‘ ނަމަކަށް ކިޔާ ހެދުމެކެވެ. މި ހެދުމަކީ އެ މީހުންގެ ގައުމީ ’ތޯބް' ހެދުމާ އެއްގޮތް ފޭރާމެކެވެ. މި ހެދުމުގައި ފޮރުވިފައި ހުންނަ ގޮތަށް އެތައް ބައިވަރު މެސެޖުތަކެއް ތަޓްރީޒް އެމްބްރޮއިޑަރިީގެ ސިފައިގައި ހިމަނަން ފެށުނެވެ. މީގެ ތެރޭގައި ޒައިތޫނި ގަހުގެ ގޮފިތަކާއި އޮރެންޖު ގަސް, ފަލަސްތީނުގެ ދިދަޔާއި އޭގެ ކުލަތައް ވެސް ހިމަނާފައި ހުރެއެވެ. މި ހެދުންތައްވީ މަޑުމަޑުން ތިބެ، އިދިކޮޅު މީހުންނަށް ރައްދު ދިނުމުގައި ގެންގުޅޭ ވަރުގަދަ މެދުވެރިއަކަށެވެ. ރަމްޒުތަކުގެ މާނަ ބަހުގައި ގެންގުޅޭ ވައްޓަފާޅިތަކާއި ޕެޓާންތައް އެކި ސަރަހައްދުގެ މީހުން ބޭނުންކުރާލެއް ތަފާތެވެ. އޭގެ ތެރޭގައި ސައިޕްރަސް ގަސް, ކަދުރު ގަސް, އަދި އެސް އަކުރެއްގެ ސިފައިގައި ހުންނަ ލީޗް ހިމެނެއެވެ. ފާހަގަކޮށްލެވޭ އެއް ސިފައަކީ ދީނީ ރަމްޒުތައް ނުހުންނަ ކަމެކެވެ. އޭގެ ބަދަލުގައި ތަޓްރީޒްއިން ދައްކުވައިދެނީ ފަލަސްތީނުގެ ހިއްސާވާ ބިމެވެ. ގުދުރަތީ ކަންކަމާއި ދިރިއުޅުމުގައި ދިމާވާ ކަންތައްތައްތަކަށް ސަމާލުކަންދީފައި ހުރެއެވެ. މިއަދު ތަޓްރީޒް ފެންނަ ގޮތް މިއަދާއި ހަމައަށް ވެސް ތަޓްރީޒްގެ މި ރީތި ކަވި މަސަތްކަތް އެތައް ބައިވަރު ކުރީގެ ވާހަކަތަކާ އެކު ފެންނަން އެބަހުއްޓެވެ. މިއީ ފަލަސްތީނުގެ މީހުން މިއަަދު ވެސް ފަހުރުވެރިކަމާ އެކީ ކޮންމެ ތަނެއްގައި ވެސް ލައިގެން އުޅޭ އެއްޗެކެވެ. މި ހެދުންތަކާއި ފަންނަކީ ހަމައެކަނި ރީއްޗަކަށް ނުވަތަ ފޫހިފިލުވާލުމަށް ގެންގުޅޭ މަސަތްކަތެއް ނޫނެވެ. މިއީ ފަލަސްތީނުގެ ހަނދާނާއި އައިޑެންޓިޓީ ވެސް މެއެވެ. އާއިލާއަށް އެހީތެރިވެދީ, ސަގާފަތް ދަމަހައްޓާ, ފަލަސްތީނުގެ ވާހަކަ އެކި ޖީލުތަކަށް ފޯރުކޮށްދީ ކިޔާދިނުމަށް އޮތް ގޮތެކެވެ. ކޮންމެ ރޮއްޖަކީ މާޒީއާއި މިހާރާ ގުޅުވާލާ ރޮނގެކެވެ. ތަޓްރީޒްއަކީ އެމްބްރޮއިޑަރީއަށް ވުރެ މާ އަގުހުރި މާ ބޮޑު އެއްޗެކެވެ. އެއީ، ބަަރަންޏަކުން ލިޔެވިފައިވާ ތާރިޙީ ވާހަކަތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ