ޣައްޒާގައި އިސްރާއީލު ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް އދ.އިން ކަނޑައަޅައިފި
އދ. މަޖިލިސް (18 ސެޕްޓެމްބަރު 2025): ޣައްޒާގައި އިސްރާއީލު ހިންގަމުން ގެންދަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް އެކަމާބެހޭ ގޮތުން ކުރި ތަހުގީގުތަކަށްފަހު އދ.އިން ކަނޑައަޅައިފިއެވެ. މިކަން މިގޮތަށް ނިންމީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކާއި ޣައްޒާގެ އާންމުންނާމެދު އަމަލުކުރާގޮތް ބެލުމަށް ހިންގި 22 މަހުގެ ތަހުގީގަކަށްފަހުއެވެ. މި ތަހުގީގު ކުރިޔަށް ގެންގޮސްފައިވަނީ "ކޮމިޝަން އޮން އިންކުއަރީ އޮން ދަ އޮކިއުޕައިޑް ޕަލެސްޓީނިއަން ޓެރިޓަރީ"ގެ ނަމުގައި އދ.އިން އެކުލަވާލި މުސްތަގިއްލު ކޮމިޝަނަކުންނެވެ. މި ކޮމިޝަންގައި ހިމެނެނީ ބައިނަލްއަގްވާމީ ލެވެލްގައި ގާނޫނީ މަސައްކަތްތަކާއި ފަނޑިޔާރުކަމާއި ތަހުގީގުތަކުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރުންނެވެ. މިބޭފުޅުންގެ ތެރޭގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި މަޝްހޫރު ގާނޫނީ ވަކީލު ނަވީ ޕިއްލޭ ހިމެނިވަޑައިގަންނަވައެވެ. ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާކަމަށް ކަނޑައެޅެނީ ފަސް ޖަރީމާއެއް ހިންގާކަން ސާބިތު ވެގެންނެވެ. އޭގެތެރޭގައި ސިސްޓަމެޓިކް ގޮތެއްގައި އާންމުންނަށް ހަމަލާދީ އާންމުން މެރުމާއި ޣައްޒާގެ ދަރިފަސްކޮޅު ނެތިކޮށްލުމުގެ ހާލަތެއް ގަސްތުގައި ކުރިމަތިކުރުވުމާއި ޖިސްމާނީ އަނިޔާއާއި ނަފްސާނީ ބޮޑެތި އަނިޔާތައް ދިނުމާއި ކާބޯތަކެތި ނުދީ ބަނޑަށް ޖެއްސުމާއި ބޭސްފަރުވާ އިން މަހުރޫމު ކުރުވާފަދަ ހާލަތްތައް ގަސްދުގައި ކުރިމަތި ކުރުވުން ހިމެނެއެވެ. ޣައްޒާގައި އިސްރާއީލުން ޖެނޮސައިޑް ހިންގާކަން އދ. ން ތަހްގީގްކުރުމަށްފަހު އެކަމާބެހޭ ރިޕޯޓް ނަވީ ޕިއްލޭ ހާމަކުރައްވަނީ ޣައްޒާގައި އިސްރާއީލު ހިންގާ ޖަރީމާތައް ބަލައި ތަހުގީގު ކުރުމަށްފަހު އދ.ގެ ކޮމިޝަނުން ނެރުނު ބަޔާނުގައި މި ފަސް ޖަރީމާގެ ތެރެއިން ހަތަރު ޖަރީމާ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ގަސްދުގައި ހިންގާކަންވަނީ ސާބިތު ހެއްކާއި ގަރީނާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ހަތަރު ޖަރީމާގެ ތެރޭގައި ގަސްދުގައި އާންމުންނަށް ހަމަލާދީ އާންމުން މެރުން، އާއިލާގެ މެންބަރުން މަރައިގެންނާއި އަމިއްލަ ގެދޮރު ހަލާކުކޮށްގެން ގަސްދުގައި ނަފްސާނީ އަނިޔާ ދިނުން، ޣައްޒާގައި ދަރިފަނި ރައްކާކޮށްފައި ހުންނަ ފާޓީލިޓީ މަރުކަޒަށް ބޮންއަޅައި އެތަން ފުނޑާލުން ފަދަ ދަރިމައިވުމަށް ހުރަސްއެޅުމުގެ ޖަރީމާތައް ހިންގުން އަދި ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް ހުރަސްއަޅައި ގިނަ ބަޔަކު ބަނޑަށް ޖައްސައި އަދި ބަނޑަށް މެރުމުގެ ޖރީމާތައް ހިންގާކަންވަނީ ފާހަގަކޮށްފައެވެ. ޣައްޒާގައި އިސްރާއީލު ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާކަމަށް ކަނޑައަޅައި އދ. ގެ މުސްތަގިއްލު ކޮމިޝަނުން ނެރުނު 72 ސަފްހާގެ ރިޕޯޓް ބުނާގޮތުން ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލު ނައްތާލުމުގެ ޖަރީމާތައް އިސްރާއީލު ސިފައިން ހިންގަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ ދިފާއީ ވަޒީރާއި އެނޫންވެސް އިސްރާއީލުގެ އިސްވެރިން ގެ އަމުރަށެވެ. އެމީހުންގެ މޭސްތިރިކަމުގެ ދަށުންނެވެ. ޣައްޒާ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ހިއްވަރުދީ ނަތަންޔާހޫ އާއި އިސްރާއީލުގެ އިސްވެރިން އެކިފަހަރުމަތިން ދައްކާފައިވާ ވާހަކަތަކާއި ދީފައިވާ ބަޔާންތަކުގެ ތަފްސިލުވެސް މި ރިޕޯޓްގައި ހިމެނެއެވެ. ހަނގުރާމައިގެ ޖަރީމާ ހިންގާކަމުގެ ތުހުމަތުގައި ނަތަންޔާހޫ އާއި އިސްރާއީލުގެ އިސްވެރިން ހައްޔަރު ކުރުމުގެ އަމުރެއް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުންވަނީ ނެރެފައެވެ. ނަމަވެސް މިއަމުރު ނެރެފައިވާތީ އެމެރިކާ ގެންދަނީ ނަތަންޔާހޫގެ ދިފާއުގައި އެކޯޓަށް ބިރުދައްކައިކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އިސްރާއީލުން ޣައްޒާގައި ހިންގަނީ ޣައްޒާ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއްކަމަށް މިކޮމިޝަންގެ އިތުރުން ބައިނަލްއަގްވާމީ އެތަށް ޖަމްއިއްޔާއަކުންވެސް ވަނީ ހާމަކޮށްފައެވެ. މި ރިޕޯޓް ހާމަ ކުރައްވަމުން ނަވީ ޕިއްލޭ ވިދާޅުވީ އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ޒިންމާ އުފުލަންޖެހޭނީ ނަތަންޔާހޫ އާއި އިސްރާއީލުގެ އަސްކަރީ އަދި މަދަނީ އިސްވެރިން ކަމަށާއި، އެއީ ދުރާލައި ރާވައިގެން، ނަސްލު ނައްތާލުމުގެ ނިޔަތުގައި ހިންގާ އަމަލުތަކެއް ކަމުގައެވެ. ޕިއްލޭ ވަނީ އދ.ގެ ހައްޤުތަކާ ބެހޭ އިސްވެރިޔާ ވޮލްކަރ ޓަރކްއާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިޔޯ ގުތެރެޝް މި ރިޕޯޓް ބައްލަވައި މި ރިޕޯޓާ ގުޅިގެން އިސްރާއީލާ ދެކޮޅަށް އެޅެންހުރި ފިޔަވަޅުތަކައިގެން ކުރިޔަށް ވަޑައިގަތުމަށް އެދެބޭފުޅުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ