އަންހެން ފުލުހުން ލޯތްބާއެކު މަގުތަކަށް

ދިވެހި އަންހެން ފުލުހުންގެ ދުވަސް ފާހަގަކުރުމަށް ''ލޯތްބާއެކު'' ނަމުގައި މަގުތަކަށް ނުކުމެ, ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ވިމެން އިން ޕޮލިސިން ދުވަހަކީ 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ސެޕްޓެންބަރު މަހުގެ 17 ވަަަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. ފުލުހުން މިއަދު ބުނީ ލޯތްބާއެކު ނަމުގައި އަންހެން ފުލުހުން އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތް، ފުލުހުން ގާއިމުވެފައިވާ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން، އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އަންހެން ފުލުހުން މަގުތަކަށް ނުކުމެ ރައްޔިތުންނާ ބައްދަލުކޮށް ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ދިވެހި އަންހެން ފުލުހުން މަގުތަކަށް: "ލޯތްބާއެކު" ނަމުގައި ވަނީ ހަރަކާތެއް ހިންގައިފައި-- ފޮޓޯ: ފުލުހުން އެ ނުކުތުމުގައި އާއްމުންނާ ބައްދަލުކޮށް, މިހާރު ރާއްޖޭގައި އެންމެ އާންމުވެފައިވާ ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުމަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މިގޮތުން، ހަލުވިކަމާއެކު ބަދަލުވަމުންދާ ސްކޭމްގެ މައްސަލަތަކާއި މިފަދަ ކުށްކުރާ ފަރާތްތަކުން ގެންގުޅޭ އުކުޅުތައް ކިޔައިދީ އަދި އެފަދަ ކަންކަމުން ރައްކާތެރިވުށާއި ސަލާމަތްވެ ތިބުމަށް ފަރުދީގޮތުން ކުރެވިދާނެ ކަންކަން ކިޔައިދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ހޭލުންތެރިކަމުގެ މެސެޖުތައް ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ. މީގެ އިތުރުން ވެސް ވިމެން އިން ޕޮލިސިން ދުވަސް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް ފުލުހުން ބުންޏެވެ. އިއްޔެ ފާހަގަ ކުރި މި ދުވަހާ ގުޅިގެން, ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ އަންހެން ފުލުހުންނަށް, ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށާއި، އަންހެން އޮފިސަރުން ބާރުވެރިކުރުވުމަށާއި، އަދި ލީޑަރުންނާއި ރޯލް މޮޑެލުންގެ ގޮތުގައި އެ ކަނބަލުންގެ ކުރިއެރުމަށް އެހީތެރިވެދިނުމަށް އަޒުމު އައު ކުރައްވާ ކަމަށެވެ. ދިވެހި އަންހެން ފުލުހުން މަގުތަކަށް: "ލޯތްބާއެކު" ނަމުގައި ވަނީ ހަރަކާތެއް ހިންގައިފައި-- ފޮޓޯ: ފުލުހުން ހަމައެހެންމެ ދިވެހި އަންހެނުން އެ މުއައްސަސާއަށް ކޮށްދެއްވަމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވާ ކަމަށް ނަވީން ވިދާޅުވިއެވެ. "އެ ކަނބަލުންގެ އިހުލާސްތެރިކަމާއި، ހިތްވަރާއި، ޕްރޮފެޝަނަލްކަން އަޅުގަނޑުމެންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއަރުވައި، އަދި މުޖުތަމައަށް ފޯރުކޮށްދެމުންދާ ހިދުމަތުގައި މުހިންމު ދައުރެއް އާދަކުރޭ," ނަވީން ވިދާޅުވިއެވެ. ރާއްޖޭގެ ފުލުހުންގެ އިދާރާގައި ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭ ގޮތަށް އެތައް އަންހެނުންނެއް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް އަންހެނުން ގެންދަވަނީ އެ މުއައްސަސާގެ ވަރަށް އިސް މަގާމުތައް ވެސް ފުރުއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ