ޕޭޕެލުން ފައިސާ ލިބުމުގެ ހުއްދަ އުރީދުއަށް ދީފި

ޕޭޕެލް މެދުވެރިކޮށް އިންވާޑް ރެމިޓަންސް، ނުވަތަ ފައިސާ ލިބުމުގެ ހުއްދަ މަރުކަޒީ ބޭންކު އެމްއެމްއޭން އުރީދޫ ފިންޓެކަށް މިއަދު ދީފިއެވެ. އެމްއެމްއޭގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ ފިންޓެކް މޯލްޑިވްސްއާ ފައިސާ ލިބުމުގެ ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ. އެ ލައިސަންސާ ހަވާލުވެވަޑައިގަތީ އުރީދޫ މޯލްޑިވްސްގެ ޗެއާވޮމަން އަދި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެންބަރު ފާތިމާ އަލް ކުވާރީއާއި އުރީދޫ މޯލްޑިވްސް އަދި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީއެވެ. އުރީދޫން ބުނީ، ޕޭޕެލް މެދުވެރިކޮށް ފައިސާ ލިބުމުގެ ހުއްދަ ލިބުމުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ސިސްޓަމް ހަރުދަނާކުރުމަށް އުރީދޫގެ އެމް-ފައިސާއިން ކުރަމުންދާ މަސައްކަތް އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށެވެ. ހަމަ އެހެންމެ މި ހުއްދަ ލިބުމުގެ ސަބަބުން އާންމުންނާއި ފްރީލާންސަރުންނާއި ކުދި ވިޔަފާރިތަކާއި އާމްދަނީއާއި އެހީއަށް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ބަރޯސާވާ އާއިލާތަކަށް ޕޭޕެލް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިތުރުން، އެމް-ފައިސާ ވޮލެޓަށް ފައިސާ ސީދާ ލިބުމުގެ ފުރުސަތުވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ. އުރީދޫން އިއްޔެ ބުނީ، ޕޭޕެލްގެ ޚިދުމަތް، އެ ކުންފުންޏާ ގުޅިގެން އަންނަ އަހަރު ރާއްޖެއަށް ތައާރަފު ކުރެވޭނެ ކަމަށާއި މިހާރު ކުރަމުން އަންނަނީ އެ ކުންފުންޏާއެކު ހަދާ ޕާޓްނާޝިޕްގެ ތަފުސީލް ފައިނަލް ކުރުމުގެ މަސައްކަތް ކަމަށެވެ. https://sun.mv/212669 މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް ވެސް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. އެގޮތުން، އަންނަ އަހަރު ތައާރަފު ކުރަން ހަމަޖެހިފައިވާ ޕޭޕަލް ޚިދުމަތާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލްގެ ޚިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެސް ވިޔަފާރިކޮށް، ޕޭޕަލް އަދި އެމްފައިސާ އެކައުންޓްތަކުން ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވާނެކަން އުރީދޫން ފާހަގަކުރިއެވެ. އުރީދޫން ވަނީ، ޕޭޕަލް ތައާރަފު ކުރުމަކީ ރާއްޖެ ޑިޖިޓަލް އިކޮނޮމީއަކަށް ހެދުމަށް ކުރާ ދަތުރުގައި ކުރިއަށް ދިޔުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ