30 މަހުން މިލަންދޫގައި އެއާޕޯޓު ހުޅުވާނަން: ރައީސް
ށ. މިލަންދޫ އެއާޕޯޓުގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މިލަދުންމަޑުލުގެ ދަތުރުފަތުރުގެ ކަންކަން އޮތް ގޮތަށް ބަލާއިރު، އެ ސަރަހައްދަށް، އަދި އެ ރަށަށް އެއާޕޯޓެއް ކޮންމެހެން މުހިންމު ކަމަށެވެ."އަޅުގަނޑުމެން ވަރަށް ގިނަ ގޮތްގޮތުން ބަލާފަ، ރަށުގައި އެއާޕޯޓު އަޅާނެ ގޮތާއި އެޅެން އޮތް ގޮތާއި ރަށުގެ ބިން އެންމެ ހެޔޮ ގޮތުގައި ބޭނުން ހިފޭނެ ގޮތާއި، މި ހުރިހާ ގޮތަކަށް ބަލާފައި ސަރުކާރުން ކަމާބެހޭ ފަރާތްތަކުން ބައްލަވާ ހައްދަވާފައި މިގޮތަށް މި ނިންމީ، އެއާޕޯޓު އަޅާނެ ތަނާއި އެ އޮރިއެންޓޭޝަނާއި މި ހުރިހާ ތަފުސީލެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.ރައީސް ވިދާޅުވީ، މިލަންދޫގައި އެއާޕޯޓު އެޅުމަށްޓަކައި ބަނދަރު އެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހޭނެ ކަމަށާއި، އެހެންކަމުން އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދާނީ އެ މަސައްކަތްވެސް ހިމެނޭ ގޮތަށް ކަމަށެވެ.އެ މަނިކުފާނު ވިދާޅުވިގޮތުގައި މި މަޝްރޫއުގެ ދަށުން މިލަންދޫގެ ބަނދަރު ވެސް ރަނގަޅު ފެންވަރަކަށް ތަރައްގީވާނެއެވެ."ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން އެންމެ ގިނަ ދުވަސްވެގެން އަށް މަސް ދުވަހުގެ ތެރޭގައި ނިމިގެން ދާނެ، މިއަދުން ފެށިގެން 30 މަސްދުވަހުގެ ތެރޭގައި، މާނައަކީ ދެ އަހަރާއި ބައި އެންމެ ގިނަވެގެން ވެގެންދާނީ މި އެއާޕޯޓު ނިންމަން،" ރައީސް ވިދާޅުވިއެވެ.މިލަންދޫގެ އެއާޕޯޓާ އެކު ށ. އަތޮޅަށް ހަތަރު އެއާޕޯޓް ލިބޭނެ އެވެ. އެއީ މިހާރު ހިންގަމުން އަންނަ ފުނަދޫ އެއާޕޯޓާއި ރައީސްގެ މި ދަތުރުފުޅުގައި އަމަލީ މަސައްކަތް ފެށި ބިލެއްފަހީގެ އެއާޕޯޓުގެ އިތުރުން ކޮމަންޑޫގެ އެއާޕޯޓެވެ.ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓް އެޅުމާ ބެހޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ކޮންމެ ސަރަހައްދަކަށް ވެސް 30 މިނެޓުން ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.މިލަންދޫ ކައިރީގައި އޮތް ފުނަދޫގައި އެއާޕޯޓެއް އޮތް ނަމަވެސް އެ ދާއިރާގައި ހިމެނޭ ނަރުދު އާއި ފީވަކުން އެ އެއާޕޯޓަށް ދިއުމަށް 30 މިނެޓަށް ވުރެ ގިނައިރު ނަގާކަން ފާހަގަކުރައްވައި ރައީސް އޭރު ވިދާޅުވެފައި ވަނީ ކޮންމެހެން ވެސް މިލަންދޫގައި އެއާޕޯޓެއް އަޅަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ