ކުރިއަށް އޮތް ތިން މަސް ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ ކުޑަކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގައިފިއެވެ.
ޕީސީބީން މި މަހުގެ 12 ވަނަ ދުވަހު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ކުންފުނިތައް ރައިޓްސައިޒްކުރުމުގެ ގޮތުން 33 އިންސައްތަ މުވައްޒަފުން މަދުކުރުމަށް އެ ބޯޑުން މި އަހަރުގެ އޭޕްރިލް 18 ވަނަ ދުވަހު ނެރުނު ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް، 13 ޖުލައި އިން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންގާ ކަމަށެވެ.
ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހު އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ މަސައްކަތް އަދާހަމަކޮށް، ފިނޭންސް މިނިސްޓްރީ އާއި ޕީސީބީއަށް އީމެއިލް މެދުވެރިކޮށް ހިއްސާކުރުމަށް ވެސް އެ ސާކިއުލާގައި އަންގާފައިވެއެވެ.
އެ ބޯޑުގެ ޒިންމާ އަދާކުރުމުގެ ގޮތުން ބޯޑުން އަންގާ އެންގުންތަކަށް އަމަލުކުރުމަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރެޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓުކުރުމުގެ ގާނޫނުގެ ދަށުން ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލާޒިމު ކަމެއް ކަން އެ ސާކިއުލާގައި ހަނދާންކޮށްދީފައިވެއެވެ.
ޕީސީބީން މީގެ ކުރިން ވަނީ ކުންފުނިތަކުން ކުރާ މުހިންމު ނޫން ހަރަދުތައް ކުޑަކުރުމަށް ވެސް އަންގައިފައެވެ. އެގޮތުން، ކުންފުނިތަކުން ކުރާ ދަތުރުތަކަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާތީ، ރާއްޖޭއިން ބޭރަށް ކުރާ ދަތުރުތަކާއި އެހެނިހެން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މަދުކުރުމަށް ކުރިންވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން، ކުންފުނިތަކުން ބާއްވާ އެކި ހަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުމަށާއި، ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ޚަރަދު ކުޑަވާނެ ގޮތްތައް ހޯދުމަށް ޕީސީބީން ވަނީ ބާރުއަޅާފައެވެ.
ކުންފުނިތަކުގެ ހަރަދު ކުޑަކޮށް ހިންގުން ހަރުދަނާކުރުމަށް، ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ފެނަކަ އަދި އެޗްޑީސީން ވަނީ މުވައްޒަފުން މުސާރައާއެކު އަމިއްލައަށް ކެނޑުމުގެ ފުރުސަތު ވެސް ހުޅުވާލައިފައެވެ. ފެނަކައިން މީގެ ކުރިން ބުނެފައިވަނީ އެ ފުރުސަތުގައި 97 މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދުނު ކަމަށެވެ.
އެހެންނަމަވެސް، މުސާރައާއެކު މުވައްޒަފުންނަށް ވަކިވާން ފުރުސަތު ދިނުމުން ހޭދަވާނެ ފައިސާގެ އަންދާޒާއެއް ސަރުކާރުން މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.
އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި، ކުންފުނިތަކުގެ ހަރަދުކުޑަކުރުމަށް މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރު ކުންފުނިތަކުން އެ ޕާޓީއަށް ތާއީދުކުރާ ގިނަ ބަޔަކު ދަނީ ވަޒީފާއިން ވަކިކުރަމުންނެވެ. އޭގެ ތެރޭގައި، ސަރުކާރާ ދެކޮޅު ހިޔާލު ފާޅުކުރާ ފަރާތްތަކާއި އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް ހިމެނޭ ކަމަށް އެ ޕާޓީން ބުނެއެވެ.
ތިން މަސް ތެރޭ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ