ބޮޑުތަކުރުފާނު މަގުގެ ފުޅާ ކުރި ސަރަހައްދުގެ މަގުމަތީ ޕާކުކުރުން މަނާކުރަނީ

މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ހިންގާ ޕްރޮޖެކްޓުގެ ދަށުން މިހާރު ތަރައްގީކުރާ ބައި ނިމި، އަލުން މަގު ހުޅުވާލާއިރު މަގުމަތީ ޕާކުކުރުން މަނާވާނެ ކަމަށް  ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ. 
ހަފުތާ ބަންދުގައި ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި މުއިއްޒު މިހެން ވިދާޅުވީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ސަރުކާރުން ބޭނުންވީ ސަބަބާއީ އެ މަގު ތަރައްގީކުރުމުގެ ސަބަބުން ލިބިގެންދާ ފަސޭހަތައް ކިޔައިދެއްވަމުންވެ. 
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
Villa College
MU STORE
Enterprise Development Industrial Pvt Ltd
މުއިއްޒު ވިދާޅުވި ގޮތުގައި، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުން އެ މަގުގައި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ލުޔެއް ލިބުމާ އެކުއެކީ، މާލޭގެ އެހެން މަގުތަކުގައި ކާރޫބާރޫ ބޮޑުވާ މައްސަލައަށް ވެސް ލުޔެއް ލިބިގެން ދާނެ އެވެ. މިސާލަކަށް، އެމަނިކުފާނު ވިދާޅުވީ، ބާޒާރުމަަތީ ސަރަހައްދުގެ މަގު ފުޅާކުރުމުން އެ ސަރަހައްދުގެ އެތެރޭގެ މަގުތަކުގެ ޓްރެފިކު މަދުވެފައިވާ ކަމަށެވެ. 
އެމްޓީސީސީއާ ހަވާލުކޮށްގެން، އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ސަރުކާރުގެ ޕްލޭނަކީ މުޅި މާލެ ވަށައިގެން އެ މަގު ފުޅާކޮށް،  ރިންގް ރޯޑެއް ގޮތަށް ތަރައްގީކުރުމެވެ. މުއިއްޒު ވިދާޅުވީ، މުޅި މަޝްރޫއު ނިމުމުން މާލޭގެ ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ. 
"އެއީ ދެކޮޅަށް ދުއްވޭ ދެ ލޭނު ހިމެނޭ ގޮތަށް ވަށައިގެން ބޮޑުތަކުރުފާނު މަގު ހެދިގެން ދިޔުމުން، ހަމަ އެތެރޭގެ މަގުތަކަށް ލުއި އަންނާނެ އިރާދަކުރެއްވިއްޔާ މުޅި މާލޭގެ ދުއްވުމަށް ފަސޭހަތަކެއް ވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ގޮސް އިއްޒުއްދީން ފާލަމާ ހަމައަށް އޮންނަ ސަރަހައްދެވެ. މި ސަރަހައްދުގެ މަސައްކަތް ފެށި ފަހުން ތިން މަސް ދުވަސް އަންނަ ހަފުތާގެ ތެރޭގައި ހަމަވާއިރު، އެހާތަނަށް މަގު ހުޅުވޭނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 
ޕާކުނުކުރެވޭ ގޮތަށް މަގު ހުޅުވާލާއިރު، ސަރުކާރުން ވަނީ ސައިކަލުތައް ޕާކުކުރަން ފަސް ނަމްބަރު ޖެޓީއާ ދިމާލުން ބޭރަށް އިތުރު ސަރަހައްދެއް ހިއްކާފަ އެވެ. މުއިއްޒު ވިދާޅުވީ މި ތަނުގައި 500 ސައިކަލު ޕާކުކުރެވޭނެ ކަމަށާއި، އޭރަށް މަގުމަތީގައި ދުއްވަން ވަރަށް ފަސޭހަ ވާނެ ކަމަށެވެ. 
މުއިއްޒު ވަނީ މިހާރު ކުރިއަށްދާ ބައިގެ މަސައްކަތް ނިމުމުން، އެމްޕީއެލްއިން ފެށިގެން ރަސްފަންނާ ހަމައަށް މަގު ތަރައްގީކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. 
ބޮޑުތަކުރުފާނު ތަރައްގީކުރާއިރު މަގު ފުޅާކުރަން ފަޅުން ބަޔެއް ނަގާތީ، އެ ސަރަހައްދު ބޭނުންކުރާ އުޅަނދުފަހަރުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމާ ގުޅިގެން ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ ފަޅު ހަނި ވިިޔަސް، ލޯންޗުތައް ކައިރިކުރަން އޮންނަ ސަރަހައްދު ކުރިއަށް ވުރެ އިތުރުވާނެ ކަމަށެވެ. 
ބޮޑުތަކުރުފާނު މަގުގެ އިތުރުން ސަރުކާރުން ވަނީ މާލޭގެ އެތެރޭގެ މަގުތައް ތަރަައްގީކުރުމުގެ މަޝްރޫއެއް ހިންގާނެ ކަމަށް ވެސް ބުނެފަ އެވެ. ޗައިނާގެ ހިލޭ އެހީގައި ހިންގާ މި މަޝްރޫއުގެ މަސައްކަތް ފަށަން ގިނަ ތާރީހުތަކެއް ދިނުމަށް ފަހު، ސަރުކާރުން މިހާރު ބުނަނީ އަންނަ އަހަރުގެ ކުރީކޮޅު މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
ސަރުކާރުން ބުނާ ގޮތުގައި މި މަޝްރޫއުތައް ނިމި، ޕާކިން މައްސަލަ ހައްލުކުރަން އިމާަރާތްކުރާ ޕާކިން ބިލްޑިންތަކުގެ މަސައްކަތް ނިމުމުން މާލޭގެ ޓްރެފިކް މައްސަލަ އާއި ފެންވަރު ދަށް މަގުތަކުގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ