ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދި ބައިގައި މަގުގެ ދެފަރާތުގައި ޕާކް ނުކުރެވޭނެ

ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދި ސަރަހައްދުގައި މަގުގެ ދެފަރާތުގައި ޕާކް ނުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކުރިއަށްގެންދާ ”ދަ ޕްލަސް“ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ، ކުރިން ބޮޑުތަކުރުފާނު މަގުގެ އެބައިގައި ދެފަރާތުގައި ޕާކްކުރި ނަމަވެސް، މަގު އަލުން ހުޅުވުމުން ޕާކްކުރަން ޖެހެނީ ފަޅުން ބައެއް ހިއްކައިގެން ތަރައްގީކޮށްފައިވާ ޕާކިން އޭރިއާގައި އެކަނި ކަމަށެވެ.
ޕާކިންއަށް ހާއްސަކޮށް ހިއްކާފައިވަނީ ބޮޑު ސަރަހައްދެއް ކަމަށާއި އެތަނުގައި 500 އެއްހާ ސައިކަލު ޕާކްކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ބަދަލާއެކު އެ ސަރަހައްދު ހިތްފަސޭހަ ސަރަހައްދަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
”އޭރުން ނަސަންދުރާއިން ފެށިގެން އިއްޒުއްދީން ފާލަމާ ދޭތެރޭގައި ކުރީގައި އަރިމަތީގައި ޕާކްކުރި ކުރުން ދެން ނުކުރެވޭނެ. ދެން ކުރަންޖެހޭނީ މި ދެންނެވި ތަނުގައި. އޭރުން ވަރަށް ފަސޭހަވާނެ ދުއްވަން. އެތަނުގައި ޕާކްކޮށްލާފައި އޮފީސްތަކަށާއި ދެން އެ ދާ ހިސާބަކަށް އެ މަގު ބޭނުންކުރާ ފަރާތްތަކުން ހިނގާލާފައި ވަޑައިގަތުމުން ވަރަށް ހިތްފަސޭހަވާނެ،“ ރައީސް ޑރ. މުއިއްޒު
މަގު ހުޅުވާއިރު، ގަސްތައް ފޯދިފައި ނެތަސް، ކުރިއަށް އޮތް ތަނުގައި ދެ ފަރާތުގައި ވެސް ގަސްތައް ޖަހައި، އެ ސަރަހައްދު އިތުރަށް ހިތްފަސޭހަކުރާނެ ކަމަށާއި އެކަމަށް ދުވަސްކޮޅެއް ނަގާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ މަސައްކަތް ނިމުމުން ދެން އޮތީ އެންމެ ބޮޑަށް ގާތަށް މުގުރިފައި ހަލާކުވެފައި އޮތް އެމްޕީއެލްއިން ފެށިގެން ރަސްފައްނާ ހިސާބަށް އޮތް ސަރަހައްދު ހެދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއާއެކު ބާޒާރުމައްޗާއި ވިޔަފާރި ބަނދަރުގެ ސަރަހައްދާއި ޖުމްލަކޮށް މުޅި މާލޭގައި ދުއްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ނަސަންދުރާ ކައިރިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލީ މިދިޔަ ބުދަ ދުވަހުއެވެ. ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް 21 ގައެވެ. މި މަޝްރޫއު އެއްކޮށް ނިންމަން އަމާޒު ހިފާފައި ވަނީ ޖުލައި 26 ގެ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ