ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާއި ފަންނީ ގާބިލުކަން އިތުރުކުރުމަށް، އެލިއާ އިން ކުރިއަށްގެންދިޔަ ބޯޓް އޮޕަރޭޓަރުންގެ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން އެލިއާ އިން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް އޮތީ މި މަހުގެ 14 އިން 16 އަށެވެ.
ތަފްސީލް - މި އަހަރުގެ ޕްރޮގްރާމްގައި، ރިސޯޓްތަކާއި ކަނޑުދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ޖުމްލަ 47 ބައިވެރިން ބައިވެރިވި އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ތަމްރީނުތަކުގައި ހިމެނުނީ:
ކަނޑުދަތުރުފަތުރުގެ ގަވާއިދުތައް
ދަތުރުކުރުމުގެ ރައްކާތެރިކަން
ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް
ފަސްޓް އެއިޑް
އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުން
އުޅަނދުފަހަރު ދުއްވުމުގައި އެންމެ ރަނގަޅު އުސޫލުތައް
މީގެ އިތުރުން، މި ޕްރޮގްރާމްގެ ތެރެއިން ޔަމަހާ އައުޓްބޯޑް އިންޖީނު މަރާމާތުކުރުމާއި ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމުގެ އަމަލީ ސެޝަންތަކެއް ވެސް ކުރިއަށްގެންދިޔަ އެވެ. އެއީ، ކަނޑުމަތީގެ ހާލަތްތަކުގައި ފައިދާހުރި ގޮތެއްގައި މަސައްކަތްކުރުމަށާއި އޮޕަރޭޝަނަލް ހިންގުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އަމަލީ ތަޖުރިބާ ބައިވެރިންނަށް ފޯރުކޮށްދިނުމަށް ހިންގި ސެޝަންތަކެކެވެ.
ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި، ފަންނީ ގޮތުން ކުރިއެރުން ހޯދުމަށް ބައިވެރިން ދެއްކި ސަމާލުކަމާއި މި ތަމްރީނު ކާމިޔާބުކަމާ އެކު ފުރިހަމަކުރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހުރިހާ ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.
މި ތަމްރީނަކީ މިހާރު ހަލުވިކަމާ އެކު ބަދަލުވަމުންދާ ކަނޑުދަތުރުފަތުރުގެ މާހައުލުގައި، ބޯޓުފަހަރުގެ ކެޕްޓަނުންނަށް ރައްކާތެރިކަމާއި ޒިންމާދާރުކަމާ އެކު އުޅަނދުފަހަރު ދުއްވުމަށް ބޭނުންވާ މައުލޫމާތާއި ޔަގީންކަމާ އަދި އަމަލީ ހުނަރުތައް ދަސްކޮށްދިނުމަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ޕްރޮގްރާމެކެވެ.
މި އަހަރުގެ ބޯޓް އޮޕަރޭޓަރުންގެ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާ އެކު ކުރިއަށްގެންދިއުމަށް ދިން އެހީތެރިކަމަށް، މޯލްڈިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމްއެންޑީއެފް، ފުލުހުން އަދި ބައިވެރިވި ހުރިހާ މުއައްސަސާތަކަށް އެލިއާ އިން ޝުކުރު އަދާކުރި އެވެ.
ފާހަގަކޮށްލެވޭ - ރާއްޖޭގައި ޔަމަހާ އައުޓްބޯޑް އިންޖީނު ފޯރުކޮށްދޭ ހަމައެކަނި ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން، ކަނޑުމަތީގެ މަސައްކަތްތައް މިއަށް ވުރެ ރައްކާތެރި އަދި ހަރުދަނާ ކުރުމަށް އެހީތެރިވެދޭ ފުރިހަމަ ތަމްރީނު ފުރުސަތުތައް ފޯރުކޮށްދިނުމުގައި އެލިއާ އިން އަބަދު ވެސް މަސައްކަތް ކުރެ އެވެ.
އެލިއާއިން ބޯޓު އޮޕަރޭޓަރުންގެ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ