ޕާކިސްތާނު ޝެފް އާބިދުގެ މައްޗަށް ބަންގްލަދޭޝް ވެއިޓަރު މަރާލިކަމުގެ ދައުވާ ސާބިތުވެއްޖެ

ހުޅުމާލޭގެ ރެސްޓޯރެންޓެއްގެ ތެރޭގައި ބަންގްލަދޭޝްގެ ވެއިޓަރަކަށް ވަޅިން ހަމަލާދީ ހިންގި މާރާމާރީގައި އެ ވެއިޓަރު މަރުވި މައްސަލައިގައި މަރާލިކަމުގެ ދައުވާ އުފުލާފައިވާ އެ ރެސްޓޯރެންޓްގެ ކައްކާ، ޕާކިސްތާނުގެ މުހައްމަދު އާބިދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ކަނޑައަޅައިފި އެވެ.
ވީކިހިނެއް؟ - 2022 ވަނަ އަހަރުގެ ރޯދަ މަސް ތެރޭގައި ހިނގި އެ މާރާމާރީއާ ގުޅިގެން، އާބިދުގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.
އާބިދު ވަނީ އޭނާ ހަމަލާދިނީ ވަޅިއެއްކަންް ނޭނގި ހުރެ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމް މާރާމާރީ ހިންގަން ފެށުމުން ދިފާއުވާން ވެގެން ކަމަށް ބުނެ، ދައުވާއަށް އިންކާރުކޮށްފަ އެވެ.
ތަފްސީލް - މިދިޔަ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝާފިއު ވިދާޅުވީ އާބިދު ޝަމީމަށް ހަމަލާދިނީ ރުޅުވެރިކަމުގެ ނިޔަތް އޮވެގެން ކަން ފެންނަން އެބަ އޮތް ކަމަށާއި އެ ހަމަލާއަކީ މީހާގެ ފުރާނާ ގޮސްދާނެ ވަރުގެ ހަމަލާއެއް ކަމަށެވެ.
އޭގެ އިތުރުން ޝަމީމްގެ ހަށިގަޑު ތަހުލީލުކޮށް މެޑިކަލް ރިޕޯޓް ތައްޔާރުކުރި ޑޮކްޓަރުގެ ހެކިބަހުން ވެސް ޝަމީމްގެ މޫނު މައްޗަށާއި މެއަށް ލިބުނު ޒަހަމަކީ އެއް ހަމަލާއަކުން ލިބުނު ޒަހަމެއް ކަމާއި މަރުވީ މެއަށް ދިން ހަމަލާއިން ކަން އެނގެން އެބަ އޮތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ޝަރީއަތަށް ދެން ހެކިބަސް ދިނީ ރެސްޓޯރެންޓްގައި އޭރު މަސައްކަތްކުރި ބިދޭސީންނެވެ. އެ މީހުން ހެކިބަސް ދިން ގޮތުގައި އެ ދެ މީހުންގެ ހަމަނުޖެހުން ހިނގީ އާބިދު ތައްޔާރުކުރަމުން ދިޔަ ބިރިޔާނީއަށް ޝަމީމް ކޮށައިދިން އަލުވި މަދުވެގެން އޭނާ ޝަކުވާ ކުރުމާ އެކުގަ އެވެ. އެ ގޮތުން:
އާބިދާއި ޝަމީމްގެ ދެމެދުގައި ދެ ފަހަރު އެ ދުވަހު މާރާމާރީ ހިނގި ކަމަށްވޭ
ފުރަތަމަ ފަހަރު ދެ މީހުން ވެސް އެކަކު އަނެކަކު ގައިގައި ޖެހީ އަތުން؛ ދެވަނަ ފަހަރު އާބިދު ޝަމީމާ ދިމާއަށް ވަޅި ހޫރާލި ތަން ބިދޭސީންނަށް ފެނިފައިވޭ
އާބިދުގެ މައްޗަށް ދައުވާ ސާބިތުވުމުން، ޝަމީމްގެ ވާރިސުންގެ ބަސް ނެގުމަށްފަހު އަދަބާ މެދު ގޮތެއް ކަނޑައަޅާނެ އެވެ. ވާރިސުންގެ ބަސް ހޯދަނީ މަރަށް މަރު ހިފަން ބޭނުންވޭތޯ ބެލުމަށެވެ. އާބިދުގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅަނީ ވާރިސުން އެ ގޮތަށް ބޭނުންވެއްޖެނަމަ އެވެ.
މައްސަލައިގެ ފެށުން - ޕާކިސްތާނުގެ ކެއުންތަކަށް ހާއްސަ 'ހާންޖީ' ރެސްޓޯރަންޓުގެ ތެރޭގައި 18 އޭޕްރީލް 2022ގައި ހިނގި ހަމަނުޖެހުމެއްގައި ބަންގްލަދޭޝްގެ ވެއިޓަރެއް ކަމަށްވާ އެމްޑީ ޝަމީމް މަރާލުމުގެ ތުހުމަތުގައި އާބިދު ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް އެ ރޭ ދަންވަރު، ހުޅުމާލޭ ދެވަނަ ފޭސްގެ އަތިރިމަތީގައި ހުއްޓަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ