ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންގެ ހޭދަ ކުރާ މިންވަރު ދެނެގަތުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރާ "މޯލްޑިވިއަންސް ޓްރެވަލިން އެބްރޯޑު ސާވޭ" އަށް މި މަހު ފަހުކޮޅު މައުލޫމާތު އެއްކުރާނެ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
އެމްއެމްއޭގެ މި ސާވޭގެ ދަށުން އެއްކުރާ މައުލޫމާތުގެ ތެރޭގައި ދަތުރުގެ މަގުސަދާއި، ދަތުރު ކުރި ގައުމާއި، ޓިކެޓު ހަރަދުގެ އިތުރުން ހުރުމުގެ ހަރަދާއި، ބޭސް ފަރުވާގެ ހަރަދާއި ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ހަރަދު ހިމެނެ އެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މި ސާވޭއަށް ބޭނުންވާ މައުލޫމާތު އެެއްކުރާނީ މި މަހުގެ 25 އިން ފެށިގެން 31 އާ ހަމައަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި ކަމަށެވެ. މައުލޫމާތު އެއްކުރަނީ ރާއްޖެ އަންނަ ދިވެހި ފަސިންޖަރުންގެ ފަރާތުންނެވެ.
ބޭރަށް ދަތުރުކުރާ ދިވެހިންގެ ސާވޭއަކީ 2014 އިން ފެށިގެން 2018 އަށް އެމްއެމްއޭއިން ގަވާއިދުން ކުރަމުންދިޔަ ސާވޭއެކެވެ. ނަމަވެސް 2019 އިން ފެށިގެން އެ ސާވޭ ހެދުން ވަނީ ހުއްޓާލާފަ އެވެ.
އެމްއެމްއޭގެ މި ސާވޭއަށް އޮފް ޕީކު ދުވަސްވަރާއި ޕީކު ދުވަސްވަރުގައި ވެސް މައުލޫމާތު އެއްކުރެ އެވެ.
މިހާތަނަށް ޝާއިއުކޮށްފައިވާ ސާވޭތަކުން ދައްކާ ގޮތުގައި އެ ފަސް އަހަރުގެ ތެރޭގައި ދިވެހިން ބޭރު ގައުމުތަކަށް އެންމެ ގިނައިން ދަތުރުކުރީ ބޭސްފަރުވާއަށެވެ. ދެން އެންމެ ގިނައިން ދަތުރު ދަނީ ޗުއްޓީ ހޭދަކުރާށެވެ. މި ދަތުރުތަކުގައި ދިވެހިން އެންމެ ގިނައިން ދަތުރުކުރަނީ އަވައްޓެރި އިންޑިއާ އާއި ސްރީލަންކާއަށެވެ.
މި މުއްދަތުގެ ތެރޭގައި ހަރަދުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، ބޭސްފަރުވާއަށް ކުރާ ދަތުރުތަކުގެ ހަރަދުަ ވަނީ 2015 ގައި 683 ޑޮލަރުގައި ހުރެފައި 2018 ގައި 878 ޑޮލަރަށް އުފުލިފަ އެވެ. އަދި، ޗުއްޓީއަށް ކުރާ ދަތުރުތަކުގައި ކުރާ ހޭދަ ވަނީ އެ މުއްދަތުގެ ތެރޭގައި 780 ޑޮލަރުން 890 ޑޮލަރަށް އުފުލިފަ އެވެ.
ބޭރަށް ދަތުރުކުރާ ދިވެހިން ދަތުރުތަކަށް ހޭދަކުރާ މިންވަރު ދެނެގަތުމަކީ ރާއްޖޭގައި ޑޮލަރު ބޭނުންކުރާ މިންވަރު ދެނެގުަމުތަށް މުހިންމު މައުލޫމާތެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާންމުންނަށް ވިއްކާ ޑޮލަރުގެ ތެރެއިން ގިނަ އަދަދެއްގެ ޑޮލަރު ދަތުރުވެރިންނަށް ވިއްކަން ޖެހެ އެވެ.
ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފުރާ ކޮންމެ މީހަކަށް ލިބޭ 500 ޑޮލަރާއި ރުފިޔާގެ އިތުރުން ރުފިޔާ ކާޑުތަކުން ލިބޭ ޑޮލަރު އެލަވަންސާއި ބޭސް ފަރުވާއަށް ފުރާ މީހުންނަށް އިތުރަށް ވިއްކާ ޑޮލަރުތައް ހިމަނައިގެން މިހާރު ގިނަ އަދަދަކަށް ޑޮލަރު ލިބެ އެވެ.
ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭރަށް ދަތުރުކުރާ ދިވެހިންގެ ސާވޭ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ