އައު މަޝްރޫޢާއެކު ސޯޝަލް ހައުސިންއަށް އޮތް ކިއު ކުޑަވާނެ: ވަޒީރު މުއްޠަލިބު

އަތްފޯރާފަށުގައި ބޯހިޔާވަހިކަން ލިބެން ނެތުމުން ސޯޝަލް ހައުސިންއަށް އޮތް ޑިމާންޑާއި ކިއު ބޮޑު ކަމަށާއި އަލަށް ފަށާ މަޝްރޫޢާއެކު އެ ކިއު ކުޑަވާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުގެ އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ ދަށުން ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ދިވެހި ފަސް ކުންފުންޏަކާ ހަވާލުކުރުމަށްފަހު، އަމިއްލަ ލިންކްޑިންގ އެކައުންޓުގައި ޝާއިޢު ކުރެއްވި ލިޔުމެއްގައެވެ.
ވަޒީރު ވިދާޅުވީ، ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފައިވާ 1000 ހައުސިން ޔުނިޓް ޚާއްސަ ކުރާނީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ކަމަށާއި، މީގެ ސަބަބުން އިންވެސްޓްމަންޓް އެސެޓެއްގެ ގޮތުގައި އެ ތަންތަން ބޭނުންކުރުން ހުއްޓުވޭނެ ކަމަށެވެ. އަދި އަމިއްލައަށް ލޯނު ނަގައިގެން ގެދޮރު ގަނެވޭނެ ފެންވަރު ހުރި އާއިލާތަކުން ވެސް މާކެޓުގައި އަގުހެޔޮ ބޯހިޔާވަހިކަން ނެތުމުން ސޯޝަލް ހައުސިން ކިއޫގައި މަޑުކުރަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަތްފޯރާފަށުގެ ކޮންމެ ޔުނިޓެއް ވިއްކުމުން ދެ ކަމެއް ހާސިލުވޭ. އެއީ އެއް އާއިލާއަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބުމާއި، ދައުލަތުގެ ސީދާ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އޮތް ސޯޝަލް ހައުސިންގ ކިއޫ ކުޑަވެގެންދިއުން." ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދިވެހި ކުންފުނިތަކާ ޙަވާލުކޮށްގެން މި މަޝްރޫޢު ކުރިއަށް ގެންދާ ބޭނުމަކީ ދިވެހި ކުންފުނިތަކުގެ ޤާބިލުކަން އިތުރުކޮށް، ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ތަޖުރިބާ ހޯދައިދިނުން ކަމަށެވެ. ނަމަވެސް ރާއްޖޭގައި ބޯހިޔާވަހިކަމަށް އޮތް ޑިމާންޑް ބޮޑުކަމުން، ކުރިއަށް އޮތްތަނުގައި ބޭރުގެ ކުންފުނިތަކުގެ ބައިވެރިވުން ވެސް ބޭނުންވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، އެ މަޝްރޫޢަކީ ސަރުކާރުގެ އެހީތެރިކަމާއެކު އަމިއްލަ ކުންފުނިތަކުން މަސައްކަތް ނިންމުމަށްފަހު އާއިލާތަކަށް އަމިއްލަ މިލްކުވެރިކަން ހޯދައިދިނުމަށް އެކުލަވާލާފައިވާ އައު ނިޒާމުގެ ފެށުން ކަމަށެވެ.
އަމިއްލަ 5 ކުންފުންޏަކާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގައި ހައުސިން ޔުނިޓްތައް ތަރައްޤީ ކުރަނީ، ހުޅުމާލެ 3 ވަނަ ފިޔަވަހީގައެވެ. މި މަޝްރޫޢުގެ މަސައްކަތް ކުންފުނިތަކާއި ހަވާލުކޮށްފައިވަނީ، 2 އަހަރާއި ބައިގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ވިއްކަން ޖެހޭނީ، ސަރުކާރުގެ ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށެވެ. އެގޮތުން އިމާރާތް ކުރާ ދެ ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ، 1.8 މިލިއަން ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ، 2.3 މިލިއަން ރުފިޔާއެވެ.
މީގެ ކުރިން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކޮންމެ ކުންފުންޏަކުންވެސް ކުރާނީ 200 ހައުސިންގ ޔުނިޓުގެ މަސައްކަތް ކަމަށެވެ. އަދި ކޮންމެ ކުންފުންޏަކަށް ޙަވާލުކުރާ މަޝްރޫޢުގެ ތެރެއިން 60 ޔުނިޓަކީ 2 ކޮޓަރި ކަމަށާއި، 140 ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓުތައް ކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
2 ކޮޓަރީގެ އެޕާޓްމަންޓުތައް 700 ފޫޓު އަދި 3 ކޮޓަރީގެ އެޕާޓްމަންޓުތައް 950 އަކަފޫޓަށްވުރެ ބޮޑުވާނެއެވެ. މީގެއިތުރުން މިއިމާރާތްތަކުގެ ފިނިޝިންއާއި އިމާރާތުގެ ކުރިމަތީގައި އޮންނަ ޖާގަ ފަދަ ކަންކަން ކުރީގެ މަޝްރޫޢުތަކާއި ތަފާތުވާނެ ކަމަށްވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ