ކެނެޑާއިން ދުން އަންނާތީ ޓެކްސް ނަގާނެކަމުގެ އިންޒާރު

ކެނެޑާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން، އެމެރިކާގެ އުތުރުގެ ބޮޑު ސަރަހައްދަކަށް ދުމުގެ އަސަރުކޮށްފައި ވާތީ، ކެނެޑާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން އާ ޓެރިފްތަކެއް ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
ޓްރަމްޕް މި އިންޒާރު ދެއްވާފައިވަނީ، ކެނެޑާގެ އަލިފާނުގެ ހާދިސާތަކާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ޝަކުވާ ކުރައްވަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި ކެނެޑާގެ އޮންޓޭރިއޯގެ ޕްރިމިއާ ޑަގް ފޯޑް ވަނީ، ޝަކުވާ ކުރުމުގެ ބަދަލުގައި އަލިފާން ނިއްވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ކިބައިން އެދިވަޑައިގެންފަ އެވެ.
MU STORE
Enterprise Development Industrial Pvt Ltd
MU STORE
Villa College
Enterprise Development Industrial Pvt Ltd
ޓްރަމްޕް ވިދާޅުވީ "ގަސްތުގައި އިހުމާލުވުމުގެ" ސަބަބުން އާ ޓެކްސްތަކެއް ނަގާނެ ކަމަށެވެ. އަދި ކެނެޑާގެ ސަބަބުން އެމެރިކާގެ ވައި ނުސާފުވެ، ސިއްހަތަށް ނުރައްކާވާ ފަދަ ތަގައްޔަރުވެފައިވާ ވައި އެމެރިކާއަށް ފެތުރެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ކެނެޑާގެ ވައިލްޑްލޭންޑް ފަޔާ އިންފޮމޭޝަން ސިސްޓަމުން ހާމަކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހާ ހަމައަށް އެ ގައުމުގެ 888 ސަރަހައްދެއްގައި އަލިފާން ރޯވެފައިވާއިރު، އޭގެ ތެރެއިން ގިނަ އަލިފާންގަނޑުތައް ވަނީ ކޮންޓްރޯލުން ނެއްޓިފަ އެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީއަށް ގުޅުއްވައި، އެ ގައުމުގެ ޖަންގަލިތައް ރަނގަޅަށް ބަލަހައްޓަމުން ނުދާތީ އާއި "ގަސްތުގައި އިހުމާލުވަމުންދާ" މައްސަލައިގައި ޖަވާބުދާރީވުމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.
ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވަނީ މި މައްސަލައިގެ ބޭނުން ހިފައި، ކެނެޑާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓަށް ހެދުމަށް ޓްރަމްޕް ކުރިން ގެންގުޅުއްވި ހިޔާލު އަލުން ތިލަކޮށްފަ އެވެ. މި ވާހަކަތަކުގެ ސަބަބުން ކެނެޑާގެ ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވާއިރު، އިހުތިޖާޖުގެ ގޮތުން ގިނަ ބަޔަކު ވަނީ އެމެރިކާއަށް ދަތުރުކުރުން ހުއްޓާލާފަ އެވެ. މީގެ އިތުރުން، ކެނެޑާގެ ހަރަދުގައި އޮންޓޭރިއޯ އާއި މިޝިގަން ގުޅުވައިދިނުމަށް ބިނާކުރާ "ގޯޑީ ހޯވް އިންޓަނޭޝަނަލް ބްރިޖް" ހުޅުވުން ލަސްކުރުމަށް ވެސް އޮންލައިންކޮށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދެ ގައުމުގެ ވެސް ޒިންމާއެއް ކަމަށް ބޮޑުވަޒީރު ކާނީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން ކާނީގެ ކެބިނެޓްގެ އިމަޖެންސީ މެނޭޖްމަންޓް މިނިސްޓަރު ވިދާޅުވީ، މިފަދަ ކާރިސާތަކުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ ދިގު ތާރީހެއް އޮތް ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އަބަދުވެސް މުއާމަލާތް ކުރެވެމުންދާ ކަމަށެވެ. މިގޮތުން 1982 ވަނަ އަހަރުގެ އަލިފާން ނިއްވުމުގެ އެއްބަސްވުމާއި، 2025 ވަނަ އަހަރުގެ ޖީ7 ސަމިޓުން އެކުލަވާލި އެހީތެރިކަމުގެ އެއްބަސްވުމަށް އޭނާ އިޝާރާތް ކުރެއްވި އެވެ.
ކެނެޑާގެ މެންބަރު އެލީނޯ އޮލްޒެވްސްކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޖަންގަލިތަކުގައި އަލިފާން ރޯވުން ހުއްޓުވުމަށާއި ޖަންގަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކެނެޑާއިން ގާތްގަނޑަކަށް 12 ބިލިއަން ކެނޭޑިއަން ޑޮލަރު (8.5 ބިލިއަން އެމެރިކާ ޑޮލަރު) އިންވެސްޓްކޮށްފައިވާ ކަމަށެވެ.
ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި އެމެރިކާ އާއި ކެނެޑާގެ ގުޅުން ވަނީ ވިޔަފާރީގެ މައްސަލަތަކާ ހުރެ ނުތަނަވަސްވެފަ އެވެ. އެތައް އަހަރެއް ވަންދެން މިނިވަން ވިޔަފާރީގެ ފައިދާ ހޯދަމުން އައި ކެނެޑާއަށް، މިދިޔަ އަހަރު ޓްރަމްޕް ވަނީ ޓެރިފްތަކެއް ކުރިމަތިކުރުވާފަ އެވެ. އަދި މިހާތަނަށް ވެސް ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އާ އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ