ޕާކިސްތާނާއި ކުވައިތުން ދިފާޢީ އެއްބަސްވުމެއް ޤާއިމުކުރަން މަޝްވަރާކުރަނީ

ޕާކިސްތާނާއި ކުވައިތާ ދެމެދު ދިފާޢީ އެއްބަސްވުމެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާ ކަން، މަޞްދަރުތަކުން ހާމަކޮށްފިއެވެ. ދިފާޢީ އެއްބަސްވުމެއްގެ ބަދަލެއްގެ ގޮތުގައި ހަކަތައިގެ ދާއިރާއިން އެއްބާރުލުން ހޯދުމަށާއި، މާލީ ވުނަކުރުން އިތުރުކުރުމަށް ޕާކިސްތާނުން މަސައްކަތް ކުރަމުންދާ ކަމުގައި މި ކަމުގެ މަޢުލޫމާތު އިނގޭ މަޞްދަރުތަކުން ބުނެއެވެ. މިއީ، މި މަޝްވަރާތަކުގެ ކުރީކޮޅު ކަމުގައިވީ ނަމަވެސް، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މި މަޝްވަރާތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމުގައި ވެސް މަޞްދަރުތަކުން ޤަބޫލުކުރެއެވެ.
ކުވައިތުން އެދެނީ ސަޢޫދީ ޢަރަބިއްޔާއާއެކު ޕާކިސްތާނުން ޤާއިމުކޮށްފައިވާ ފެންވަރުގެ ދިފާޢީ އެއްބަސްވުމެއް އެކުލަވައިލުމަށެވެ. މީގެ ތެރޭގައި، ޕާކިސްތާނުގެ އެތައް ހާސް ސިފައިން ފޮނުވުމާއި، އަސްކަރީ މަތިންދާބޯޓާއި ޑްރޯން ފޯރުކޮށްދިނުމާއި، ދިފާޢީ ނިޒާމު ޤާއިމުކޮށްދިނުން ހިމެނޭނެ ކަމަށް ބެލެއެވެ. ނަމަވެސް، ކުވައިތަށް ސިފައިން ފޮނުވުމާ މެދު ޕާކިސްތާނުން ވިސްނާފައިނުވާ ކަމުގައި މަޞްދަރުތަކުން ބުނެއެވެ. ސަޢޫދީ ޢަރަބިއްޔާއާއެކު ޕާކިސްތާނުން އޮތީ ޒަމާންވީ ގާތް ގުޅުމެކެވެ. މި ސަބަބާ ހުރެ، ކުވައިތުގެ ހުރިހާ އެދުމަކަށް އިސްލާމްއާބާދުން އިޖާބަދޭނެކަމާމެދު ސުވާލުތަކެއް ހުރި ކަމުގައި މަޞްދަރުތަކުން ޤަބޫލުކުރެއެވެ.
ދިފާޢީ އެއްބަސްވުންތަކަކީ ޕާކިސްތާނަށް ބޭނުންވާ މާލީ ވުނަކުރުން އިތުރުކުރުމަށް އިސްލާމްއާބާދުން މިހާރު ބޭނުން ކުރަމުންދާ މުހިންމު ވަސީލަތެކެވެ. ޚާއްޞަ ގޮތެއްގައި، ހަކަތައިގެ ރިޒާވް އިތުރުކުރުމަށް ކުވައިތާއެކު ގުޅުން ބަދަހިކުރުމަށް އިސްލާމްއާބާދުން ބޭނުންވެއެވެ. ކުވައިތުން މިހާރު ދަނީ ޕާކިސްތާނާއެކު ބޮންޑެޑް ފިއުލް ސްޓޯރޭޖެއް ބިނާކުރުމުގެ ފުރުޞަތުތައް ބަލަމުންނެވެ. މި މަޝްވަރާތައް ކާމިޔާބުވެއްޖެ ނަމަ، ދެ ޤައުމުގެ މެދުގައި މިހާރު އޮތް ޑީސަލް ފޯރުކޮށްދިނުމުގެ އެއްބަސްވުން ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވެގެންދާނެ ކަމުގައި މަޞްދަރުތަކުން ދެކެއެވެ.
ޕާކިސްތާނުގެ އަސްކަރީ ޤާބިލުކަމުގެ ސަބަބުން، އެއީ އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި ގަލްފުގެ ގިނަ ޤައުމުތަކުން ޤަބޫލުކުރެއެވެ. އެމެރިކާގެ ދިފާޢީ އެހީތެރިކަމަށް ބަރޯސާވުމާމެދު ގަލްފުގެ ގިނަ ޤައުމުތަކުގައި ކަންބޮޑުވުންތައް އެބަހުއްޓެވެ. ނަމަވެސް، ގަލްފުގެ ޤައުމުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޒިންމާ ނެގުމުގައި ޕާކިސްތާނަށް އޮތް ނުރައްކާތަކާމެދު އިސްލާމްއާބާދުން ސަމާލުވާން ޖެހޭނެ ކަމުގައި ތަޖުރިބާކާރުން ދެކެއެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނެވުމާއެކު، ޕާކިސްތާނާއި ކުވައިތާ ދެމެދު ދިފާޢީ އެއްބަސްވުން ޤާއިމުކުރުމުގެ މަސައްކަތްތައް ހަލުވިކުރެވިގެންދާނެ ކަމުގައި ވެސް މަޞްދަރުތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ