ފާފަކުރެވުން އެއީ ނޯމަލް ކަމެކޭ... ދެރަނުވޭ!

ލޮބުވެތި އަޚާއެވެ! އިންސާނަކަށް ވީތީ ފާފަކުރެވުން އެއީ ނޯމަލް ކަމެކެވެ. އެ ކަމާ ދެރަވެ މާޔޫސްނުވާށެވެ! މި ބުނީ "ފާފަކުރުން" އެއީ ނޯމަލް ކަމަކަށް ހަދާށެކޭ ނޫނެވެ. މި ބުނީ "ފާފަކުރެވުން" (ކުރެވުން) އެއީ ނޯމަލް ކަމެކެވެ. ފާފައެއް ކުރެވޭ ކޮންމެ ފަހަރަކު އޭނާ ތައުބާވާ ނަމަ، އެއީ ވެސް ﷲ تعالى އޭނާއަށް ދެއްވާ ވަރަށް އަގުހުރި ނިޢުމަތެކެވެ. ޞާލިޙު ރަނގަޅު މީހުންނަކީ ފަހަރެއްގައި ވެސް ކުށްނުކުރެވޭ މަޢުޞޫމު ބައެއް ނޫނެވެ. އެކަމަކު، އެ މީހުންނަކީ ފާފައެއް ކުރެވޭ ކޮންމެ ފަހަރަކު ﷲ ހަނދުމަކޮށް، ކުރެވުނު ފާފައާމެދު ދެރަވެ އެ ފާފަ އަލުން ރިޕީޓުނުކުރަން ޢަޒުމު ކަނޑައަޅާ މީހުންނެވެ. ވަގުތުން ތައުބާވާ މީހުންނެވެ. ފާފައެއް ކުރެވުމުން ވަގުތުން ތައުބާވާ މީހުން ދެކެ، ﷲ ވަރަށް ބޮޑަށް ލޯބިވެވޮޑިގެން ވެއެވެ. ﷲ تعالى ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ: "ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެން ވެއެވެ. އަދި ޠާހިރުވާ މީހުން ދެކެ ވެސް އެކަލާނގެ ލޯބިވެވޮޑިގެން ވެއެވެ." (ސޫރަތުލް ބަޤަރާ: 222) ލޮބުވެތި އަޚާ! ސުވަރުގެއަށް ދާން ތިޔަ ކުރާ ދަތުރުގައި، ބައެއް ފަހަރު މަގުން ކައްސާލި ނަމަވެސް އެ ކަމާ މާ ބޮޑަށް ދެރަވާކަށް ނުވާނެއެވެ. ހިތްވަރު އެލުވައިލާކަށް ވެސް ނުވާނެއެވެ. އެއީ ތިމާގެ ހުއްޓުމެއް ނޫނެވެ. އެ ހިސާބުން ވެސް އަވަހަށް ތެދުވަންވީއެވެ. އަނެއްކާ ވެސް މަސައްކަތް ފަށާށެވެ! ކިތަންމެ ގިނަ ފަހަރު މަގުން ކައްސައިލިޔަސް، ތައުބާވުން މަތީ ދެމިހުރިހައި ހިނދަކު އެ މީހެއްގެ ފާފަތައް، ﷲ ފުއްސަވާނެ ކަން ޔަޤީނެވެ. ޤުދުސިއްޔަ ޙަދީޘެއްގައި ﷲ تعالى ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ''އޭ އާދަމުގެ ދަރިޔާއެވެ! ބިންފުރޭހައި ފާފަޔައިގެން ތިމަން އިލާހުގެ ޙަޟްރަތަށް ތިބާ އައި ކަމުގައި ވިޔަސް، ތިމަން އިލާހާ ޝަރީކުކޮށްފައި ނުވަންޏާ، ބިން ފުރޭހައި އެ ފާފަތައް ތިބާއަށް ޓަކައި ފުއްސަވައިދެއްވަވާހުށީމެވެ.'' (رواه الترمذي) އެކުވެރިންނޭ މި ކަންކަމާމެދު ވިސްނާށެވެ! ޝައިޠާނާ އެ ގެންނަ ވަސްވާސްތަކަށް ބީރު ކަންފަތެއް ދޭށެވެ! ޝައިޠާނާ ބޭނުންވަނީ އޭނާއާ އެކު އަހަރުން ވެސް ނަރަކައަށް ވައްނާށެވެ. އަހަރުންގެ ފާފަތަކަށް ވުރެ ﷲ تعالىގެ ރަޙުމަތް މާ މަތިވެރި ވެގެންވާކަން ހަނދާން ނައްތުވާށެވެ. އެހެނަސް ބުނަމޭ! ﷲގެ ރަޙުމަތުން ދުވަހަކު ވެސް އުންމީދު ކަނޑައިނުލާށެވެ! މާތް ﷲގެ ރަޙުމަތުން އުންމީދު ކަނޑައިލުމަކީ ވެސް ފާފައެކެވެ. އަދި ވެސް ބުނަމެވެ! އިސްސާނާއަށް ޓަކައި ﷲ ވަނީ ހެޔޮ ގޮތްތައް ގިނަ ކުރައްވައިފައެވެ. އެއިލާހުގެ އޯގާވަންތަކަމާއި އެ އިލާހުގެ ރަޙުމަތްފުޅުގެ ތަނަވަސްކަން ނިކަން ދެކެބަލާށެވެ! އިޚްލާޞްތެރިކަމާ އެކު ތައުބާވެ އެ ފާފައަކަށް އެނބުރި ނުދިޔުމަށް އިންސާނާ ޢަޒުމު ކަނޑައަޅާހައި ހިނދަކު، އެ މީހާ އެ ފާފައެއް ނުކުރާ މީހެއް ފަދައެވެ. އަދި މުސްލިމަކު ތައުބާވެ، ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރެއްޖެއްޔާ، ﷲ تعالى އޭނާއަށް ކުރެވިފައިވާ ފާފަތައް، ހެޔޮ ޢަމަލުތަކަށް ބަދަލު ކޮށްދެއްވައެވެ. ސޫރަތުލް ފުރުޤާނުގައި ﷲ سبحانه وتعالى ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙު ޢަމަލުކުޅަ މީހަކު މެނުވީއެވެ. ފަހެ، އެއުރެންނާ މެދު (ދަންނާށެވެ!)، އެއުރެންގެ ނުބައި ކަންތައް، ހެޔޮ ކަންތަކަށް ބަދަލުކުރައްވާނެތެވެ." (ސޫރަތުލް ފުރުޤާން: 70) ލަސްނުކޮށް ތައުބާވާށެވެ! އަދި ތައުބާވުން ގިނަކުރާށެވެ! ދަންނާށެވެ! ފާފަކުރެވުން އެއީ ހަމަ ވަރަށް ނޯމަލް ކަމެކެވެ. އެކަމާ މާބޮޑަށް ދެރަނުވާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ