މަޖިލީހުގެ ޖަލްސާތައް މިހާރު ބޭއްވެނީ އެމްޑީޕީގެ މެންބަރުން ކުރާ މަސައްކަތުން: ނާޒިލް
ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރު ބޭއްވެނީ އިދިކޮޅު އެމްޑީޕީގެ މެންބަރުން ކުރާ މަސައްކަތުގެ ސަބަބުން އެކަނި ކަމަށް، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ނާޒިލް ވިދާޅުވީ، މިދިޔަ މަޖިލީހުގައި ކުރީގެ ރައީސް އަދި ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ރިޔާސަތުގައި ހުންނެވިއިރު އަމަލުކުރެއްވި ގޮތާ، މިހާރު މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވާ ގޮތް ވަރަށް ތަފާތު ކަމަށެވެ. ނާޒިލް ވިދާޅުވީ ނަޝީދު އަމަލުކުރެއްވި ގޮތުން މަޖިލީހުގެ ނިމިދިޔަ ދައުރުގެ ނަތީޖާ ރައްޔިތުންނަށް ސާފުކޮށް ފެންނަން ކަމަށެވެ. އެގޮތުން އެ މަސައްކަތްތަކަށް ލިބުނީ "އޭ"އާއި "އޭ ޕްލަސް" ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން: މަޖިލީހުގެ ޖަލްސާތައް މިހާރު ބޭއްވެނީ އެމްޑީޕީގެ މެންބަރުން ކުރާ މަސައްކަތުން އެކަނި ކަމަށް ނާޒިލް ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ "މިހާރު މި އޮތް ރައްޔިތުންގެ މަޖިލީހުގެ ނަތީޖާ ނެރެފިއްޔާ އަޅުގަނޑު ދަންނަވާނީ ސީ ޕްލަސް ޕްލަސް ހިސާބުން ނިންމާލަން ޖެހޭނީ،" ނާޒިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނިމިދިޔަ ތިން ހަފުތާ ވަންދެން މަޖިލީހުގައި އެޖެންޑާކޮށްފައިވަނީ އެމްޑީޕީގެ މެންބަރުން ވަޒީރުންނާ ކުރި ސުވާލުތައް ކަމަށާއި އިތުރު އެހެން މަސައްކަތެއް ނެތް ކަމަށެވެ. މަޖިލިސް ބޭއްވެނީ އަޅުގަނޑުމެން އެމްޑީޕީ 13 މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ކުރާ މަސައްކަތުން ހަގީގަތުގައި، އެ ނޫން ނަމަ މި ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ބާއްވާނެ އެޖެންޑާއެއް މި ބޭފުޅުންނަކަށް ނުލިބޭނެ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ނާޒިލް ވަނީ، އެމްޑީޕީ ނޫން ބަޔަކަށް ރައްޔިތުންގެ ކަންކަން ކޮށްދޭން ނޭނގޭ ކަމަށް ވެސް ވިދާޅުވެފައެވެ. އެމްޑީޕީން މީގެ ކުރިން ވެސް ވަނީ މަޖިލީހުގެ މި ދައުރުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މަޖިލީހުގެ ކޮންމެ މެންބަރަކަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބޭއިރު، މިހާރު ކޮމިޓީ ބައްދަލުވުމެއްގައި 15 މިނިޓު ވެސް ހޭދަ ނުވާ ކަމަށް މި މަހުގެ އަށް ވަނަ ދުވަހު އެމްޑީޕީ މެންބަރުން ބުނެފައިވެއެވެ. މަޖިލީހުން އެޖެންޑާކުރާ ގިނަ ކޮމިޓީތައް ގަޑި ޖެހުމާއެކު ކެންސަލްކޮށް، ބައެއް ކޮމިޓީތައް ފަސް މިނެޓު ނުވަތަ 10 މިނެޓުން ނިންމާލާ މައްސަލައިގައި އާންމުންގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެއެވެ. އަދި ގަވައިދުން ޖަލްސާތައް ނުބާއްވާ މައްސަލަ ވެސް ބޮޑެވެ. ސަރުކާރުގެ އަޣުލަބިއްޔަތުން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ. އަދި، މަޖިލީހުގެ އިދާރާ ހިންގުމަށް ވެސް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރެއެވެ. އެކަމަކު، އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތް ނުކުރާކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ