ފުކުޝިމާ ނިއުކްލިއަ ޕަވަޕްލާންޓުން ކަރަންޓް ދުއްވާލީ މީދަލެއް؟

ޖަޕާނަށް 2011 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމާއި އެއާ ގުޅިގެން އެރި ސްނާމީގެ ސަބަބުން ފުކްޝީމާ ޑައިއިޗީ ނިއުކްލިއަ ޕަވަޕްލާންޓުން ކަރަންޓް ކެނޑި ފިނިކުރުމުގެ ނިޒާމު ހަލާކުވެ، ނުރައްކާތެރި މިންވަރަކަށް ރޭޑިއޭޝަން ބޭރުވި އެވެ. އެއީ ޖަޕާނުގެ ތާރީހުގައި ހިނގި އެންމެ ނުރައްކާތެރި ނިއުކްލިއަ ކާރިސާއެވެ.
އެ ހާދިސާއަށް ފަހު، ނިއުކްލިއަ ހަކަތައާ ދެކޮޅަށް ޖަޕާނުގެ ތިމާވެށީގެ އެކްޓިވިސްޓުން އަޑު އުފުލި އެވެ. ކަންތައްތައް މިހެން އޮއްވައި މިދިޔަ ހަފުތާގައި ފުކުޝީމާ ނިއުކްލިއަ ޕްލާންޓުގެ ފިނިކުރާ ނިޒާމުން އަނެއްކާ ވެސް ވަނީ ކަރަންޓް ގޮސްފަ އެވެ. މިއީ 2011 ވަނަ އަހަރުގެ ކާރިސާގެ ފަހުން ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާ އަށް ވަނީ ވެފަ އެވެ.
ފުކުޝީމާ ޕްލާންޓުން ކަރަންޓް ކެނޑުނީ މިދިޔަ ހޯމަ ދުވަހު އެވެ. އެއާ އެކު އެޕްލާންޓްގެ އެތައް ޕޫލެއްގެ ފިނިކުރުމުގެ ނިޒާމު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ނަމަވެސް އެޕޫލްތަކުގައިވާ ފިއުލް ރޮޑްތައް ހޫނުވެ، ނުރައްކާވާ ހިސާބަށް ކަންތައް ނުދާނެ ކަމަށް ޕްލާންޓް ހިންގާ ކުންފުނިން އެދުވަހު ބުންޏެވެ.
ފިނިކުރުމުގެ ނިޒާމަށް އަލުން ކަރަންޓް ދިނުމުގެ މަސައްކަތާއި ކަރަންޓް ކެނޑުނު ސަބަބު ހޯދަން ޖަޕާނުގެ ސައިންސްވެރިން ކުރި މަސައްކަތުން އެކަމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތެއް ކަމަށް މިހާރު އެންމެ ބޮޑަށް ބެލެވިފައި ވަނީ ހަ އިންޗީގެ ދިގުމިން ހުރި މީދަލެކެވެ.
ފިނިކުރާ ނިޒާމާ ގުޅިފައިވާ ސްވިޗްބޯޑެއްގެ ކައިރިން ސައިންސްވެރިންނަށް ވަނީ މަރުވެފައިވާ މީދަލެއް ފެނިފަ އެވެ.
"އެއީ (ކަރަންޓް ދިޔައީ) ސީދާ މިވެނިކަމަކުންނޭ ބުނާކަށް އަހަރެމެންނަކަށް ނޭނގޭ، އެކަމަކު ސީން އިން އަހަރެމެންނަށް ފެނުން އެއްޗަކީ ސްވިޗް ބޯޑްގެ ދަށުގައި މަރުވެފައި އޮތް ޖަނަވާރެއް،" ފުކްޝީމާ ޕްލާންޓް ހިންގަމުން އަންނަ ދަ ޓޯކްޔޯ އިލެކްޓިރިކް ޕަވަ ކޮމްޕެނީގެ ތަރުޖަމާނު ވިދާޅުވި ކަމަށް ނޫސްތަކުގައިވެ އެވެ. (ނިއުޔޯކްޓައިމްސް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ