ގާސިމް އިބްރާހިމް ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިތްޕުޅުގެ އޮޕަރޭޝަނެއް މިއަދު ކުރައްވައިފިއެވެ.
ގާސިމްގެ ހިތްޕުޅުގެ އޮޕަރޭޝަން ކުރައްވާފއިވަނީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލުގައެވެ.
މި އޮޕަރޭޝަން ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާ އިރަށް ދިގު ދެމިގެންދިޔަ ކަމަށާއި ގާސިމްގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
ހިތުގެ އޮޕަރޭޝަނެއް ގާސިމް ކުރައްވާފައިވާއިރު ބޭސްފަރުވާ ކުރުމަށް އޭނާއަށް ދީފައިވާ މުއްދަތު ކަރެކްޝަނަލް ސާވިސްއިން ވަނީ އިތުރުކޮށްދީފައެވެ. ގާސިމްގެ ބޭސްފަރުވާ އަށް އިތުރުކޮށް ދިނީ 10 ދުވަހެވެ.
ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރަން ނިންމީ، ލިބިފައިވާ ލިޔެކިޔުންތަކަށް ބެލުމަށް ފަހު ކަމަށެވެ.
ގާސިމް ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯދަން ސިންގަޕޫރަށް ވަޑައިގެންނެވިއިރު އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އެއީ ރިޝްވަތު ހުށަހެޅުމުގެ ކުށް ގާސިމްގެ މައްޗަށް ސާބިތުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ