ކަސްޓަމްސް އިން 241 ކޮމިޓީއަށް ސައްހަ ނޫން މައުލޫމާތު ދީފައިވާކަން ހާމަވެއްޖެ ކަސްޓަމްސް އިން 241 ކޮމިޓީއަށް ސައްހަ ނޫން މައުލޫމާތު ދީފައިވާކަން ހާމަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ސައްހަ ނޫން މައުލޫމާތު ދީފައިވާކަން ހާމަވެއްޖެ އެވެ.
މިދިޔަ އަހަރު 200 ކާޓަން ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލައާ ގުޅިގެން އެ ކޮމިޓީން ބަލަން ފެށި މައްސަލައިގެ ރިޕޯޓަށް މިއަދު ބަހުސް ވަނީ ފަށައިފަ އެވެ. އެ ރިޕޯޓާ ގޮތެއް ނުނިންމައި މިއަދުގެ ކޮމިޓީ ވަނީ ނިންމާލާފަ އެވެ.
އެ ރިޕޯޓު އެކުލަވާލުމުގައި ކޮމިޓީގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހާމަކުރެއްވި ގޮތުގައި ކަސްޓަމުން އެންމެ ފުރަތަމަ ހިއްސާކުރީ ސައްހަ ނޫން މައުލޫމާތުތަކެކެވެ.
"އަޅުގަނޑު ހަމަ މި ނުކުތާގައި ފާހަގަކޮށްލަން ބޭނުންވޭ އެންމެ ފުރަތަމަ ކަސްޓަމްސްގެ ފަރާތުން މި ކޮމިޓީއަށް ދިން މައުލޫމާތު ވެސް ސައްހަ ނޫން ކަން. ކަސްޓަމްސްގެ ފަރާތުން ކޮންސްޓްރަކްޓް ކޮށްފައި ފޮނުވި ޓައިމްލައިންގައި ހުރި މައްސަލަތައް އެބަހުރި،" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި އެވެ.
އެކަން ފާހަގަކުރެވުމާއެކު ޓައިމްލައިން ރަނގަޅު ކުރަން ކަސްޓަމްސްއަށް އެންގި ކަމަށާއި އާ ޓައިމްލައިން އެކުލަވާލީ ސީދާ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ ބެއްލެވުމުގެ ދަށުން ކަމަށް ނާޒިމް ހާމަކުރެއްވި އެވެ.
"އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް ދިން ޓައިމްލައިންގައި ވެސް އަޅުގަނޑުމެންނަށް ދިނީ ސައްހަ ނޫން މައުލޫމާތުކަން އެނގިގެން އަޅުގަނޑުމެން ވާނީ އެކަން ކޮމިޝަނާ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައި ސައްހަ މައުލޫމާތު ހޯދާފައި،" އޭނާ ވިދާޅުވި އެވެ.
ކޮމިޓީ ރިޕޯޓުގައި އަލަށް އެކުލަވާލި ސައްހަ ޓައިމްލައިން ވަނީ ހިމަނައިފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ސައްހަ ނޫން މައުލޫމާތު ދިނުމަކީ ގާނޫނީ ކުށެކެވެ. މިކަމުގައި ޒިންމާވާ ކަސްޓަމްސްގެ އޮފިސަރުންނާ ދެކޮޅަށް އަޅާނެ ފިޔަވަޅެއް އަދި ނޭނގެ އެވެ.
އެ މައްސަލައާ ގުޅިގެން އެކުލަވާލި ކޮމިޓީ ރިޕޯޓުގައި ރެކޮމެންޑޭޝަންތަކެއް ހިމަނާފައި ހުރިއިރު އޭގެ އިތުރުން ވެސް ބައެއް ކަންކަން ތަންފީޒު ކުރަން އަންގަން މެންބަރުން ހުށަހެޅުންތަކެއް ހުށަހެޅުއްވި އެވެ. ނަމަވެސް، އެ ހުށަހެޅުންތަކަށް ކޮމިޓީގައި ވޯޓަކަށް މިއަދު ނާހަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ