ގުދުރަތީ ރީތިކަން ނުގެއްލޭގޮތަށް ހޮނިހިރު ބާޒާރު ސަރަހައްދު ތަރައްގީކުރަން ހުޅުވާލައިފި އެވެ.
ކުޅުދުއްފުށީގެ މަޝްހޫރު ހޮނިހިރު ބާޒާރު ސަރަހައްދަކީ އަވައްޓެރި ރަށްތަކުގައި އުފައްދާ ތަރުކާރީ އާއި މޭވާ ވިއްކާ ބާޒާރެކެވެ. މި ބާޒާރު އޮންނާނީ ކޮންމެ ހޮނިހިރުދުވަހަކު އެވެ.
ބޮޑެތި ގަސްތަކެއް ހުރި މި ސަރަހައްދު ތަރައްގީކުރާއިރު އެއްވެސް ގަހެއް ނުކަނޑާނެ އެވެ. ކައުންސިލަރު މެންބަރު ރިލްވާން މުހައްމަދު (ރިލޭ) ވިދާޅުވީ، މިތަން ތަރައްގީކުރަނީ މިތަނުގެ އަސްލު ނުގެއްލޭގޮތަށް ގުދުރަތީ ފެހިކަމާއެކު އެވެ.
ސިޓީ ކައުންސިލުން މިތަން ތަރައްގީކުރަން ބިޑަށް މިއަދު ހުޅުވާލާފައިވާއިރު މި ސަރަހައްދު ތަރައްގީކުރަން ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން މަސައްކަތް ކުރިއަށްގެންދަނީ ހޮނިހިރު ބާޒާރު އެހެންތަނަކަށް ބަދަލުނުކޮށް އަދި ބާޒާރު ހިންގުމަށް ބަދަލު ގެނައުމަކާއި ނުލައި ތަރައްގީކުރާ ގޮތަށެވެ.
ބާޒާރު ތަރައްގީކުރާއިރު ފުރަތަމަ ފިޔަވަހީގައި ހިމެނެނީ މިހާރު އެސަރަހައްދުގައި ހުރި ދަތުރުހިޔާ ނަގައި އާ ދަތުރު ހިޔަލެއް އެޅުމާއި ފާހާނާ އަކާއި ފީޑިންގ ރޫމެއް އަކާއި ޕާރކިން އޭރިއާއެއް ތަރައްގީކުރުމެވެ. ދެވަނަ ފިޔަވަހީގައި ހިމެނެނީ ހޮނިހިރު ބާޒާރުގައި ސަރަހައްދުގައި ހުރި ގަސްތަކުގެ ބުޑު ރޭނުމާއި ބެންޗުތައް ހެދުމާއި ލައިޓް ޖެހުމާއި ނަންބޯޑް ހެދުމެވެ.
މިސަރަހައްދުގައި ބާޒާރުކުރަން ތިބޭ ދަނޑުވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިވަނީ ފާހާނާއެއް ނެތުމާއި ފެން ބޭނުންކުރެވޭނެ އިންތިޒާމެއް ފަސޭހައިން އެތަނުގައި ނެތުމެވެ. އެހެންނަމަވެސް މިތަން ތަރައްގީކޮށް ނިމޭއިރު މިކަމަށް ހައްލު ލިބިގެންދާނެ އެވެ. މީގެ ކުރިންވެސް ސިޓީ ކައުންސިލުން ވަނީ މިތަނުގައި ބެންޗް ބަހައްޓައިދީފަ އެވެ.
މިސަރަހައްދަކީ ބާޒާރެއްގެ އިތުރުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ހިތްހަމަޖައްސާލަން ބޭނުންކުރާ ފެހި ސަރަހައްދެކެވެ.
މި މަސައްކަތުގެ ޕްރީ ބިޑް މީޓިންގ އޮންނާނީ 15 ޖުލައި އެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފަހު ތާރީހަކީ 23 ޖުލައި އެވެ. އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި 6527177، 6527113، 6527192 ނަމްބަރަށް ގުޅުމުން ސާފުވާނެ އެވެ.
ގުދުރަތީ ރީތިކަން ނުގެއްލޭގޮތަށް ހޮނިހިރު ބާޒާރު ސަރަހައްދު ތަރައްގީކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ