ފަހު ވަގުތު ނުކިރޭނެކަން އެންގުމުން 2.6 ޓަނުގެ މަސް ކަނޑަށް

ފަހު ވަގުތު މަސް ނުކިރޭނެ ކަމަށް މިފްކޯގެ ބޯޓުން އެންގުމާއި، ކައިރި ރަށަކުން ބަޔަކު މަސްތައް ނުގަތުމުގެ ސަބަބުން ބޭނި ހުރިހާ މަހެއް ކަނޑަށް އުކާލައިފިއެވެ. މ. ނާލާފުއްޓަށް ނިސްބަތްވާ "ވިންދު-1" ދޯނިން ބޭނި 2.6 ޓަނުގެ ހުރިހާ މަހެއް ކަނޑަށް އުކާލާ މަންޒަރު ފެންނަ ވީޑިއޯއެއް 'އެކްސް'ގައި ވަނީ އާންމުވެފައެވެ. "ވިންދު-1" ދޯނިން ބާނާފައިހުރި ހުރިހާ ކަނޑުމަހެއްހެން އެ ސަރަހައްދުގައި އޮތް މިފްކޯގެ މަސް ކިރާ ބޯޓު ކައިރިއަށް އުކާލާ މަންޒަރު މިއަދު އާންމުކުރި އެ ވީޑިއޯގައި ފެނެއެވެ. އިތުރު ތަފުސީލު ހޯދުމަށް "ސަން"އިން ސުވާލުކުރުމުން ވިންދު-1 ދޯނީގެ ފަރާތުން އިބްރާހީމް ހުސައިން މިއަދު ބުނީ، މަސް ބާނައި ނިންމާލުމަށް ފަހު އޭނާގެ ދޯނިން މަސްކިރަން ދިޔައީ އާދީއްތަ ދުވަހުގެ ރޭގަނޑު 11 ޖަހާކަން ހާއިރު ކަމަށާއި، އޭރު މިފްކޯގެ ބޯޓުގެ ކަފުގައި އެންމެ ފަހަށް އޮތް ދޯނި މަސްކިރައި ނިންމާލުމަށް ފަހު ދިޔައީ ކަމަށެވެ. އޭގެ ފަހުން އޭނާގެ ދޯނި މަސްކިރަން އެރުވުމަށް ފަހު މި ވަގުތަށް މަސްކިރުން ހުއްޓުނީ ކަމަށާއި ދެން މަސްކިރޭނީ ފަތިހު 4 ގެ ފަހުން ކަމަށް، މިފްކޯގެ ބޯޓުން އެންގިކަމަށް އޭނާ ބުންޏެވެ. "ދެން އަޅުގަނޑުމެންނަކަށް ނޭނގޭ އެތަނަކަށް އެހެން ދޯނިފަހަރު އައިސްފައި ގޮސްފައިވާ ކަމެއް، ދެން އަޅުގަނޑު ސުވާލުކުރީ މަސް ކިރޭނެހޭ، ބުނީމާ ބޯޓުން ބުނީ އާނ މަސް ކިރޭނެޔޭ އެކަމަކު މަސް ކިރޭނީ ހަތަރެއްގެ ފަހޭ،" އިބްރާހީމް ބުންޏެވެ. https://x.com/MVNoosBreaking/status/1942496124516102200 އިބްރާހީމް ކިޔައިދިން ގޮތުގައި މިފްކޯގެ މަސް ކިރާ ބޯޓުން އެގޮތަށް އެންގުމުން ކަފު ޖަހައިގެން އެ ތަނުގައި އޭނާގެ ދޯނިން މަޑުކޮށްގެން އޮތެވެ. މަސްތައް ހަލާކުވާނެ ކަމަށް ބުނެ، ގާތްގަނޑަކަށް އިއްޔެގެ މެންދަމު 3:30 ހާއިރުު މަސްކޮޅު ވީހާ ވެސް އަވަހަށް ނަގައިދިނުމަށް މިފްކޯގެ ބޯޓުގައި އެދިފައިވާނެ ކަމަށް އިބްރާހީމް ކިޔައިދިނެވެ. އިބްރާހީމް ބުނީ، އެގޮތަށް މަޑުކޮށްގެން އޮއްވާ މުލަކުން ދެ ދޯންޏަކާއި ވޭވަށުން ދޯންޏަކާއި ދިއްފުށީ ސަރަހައްދުން ދޯންޏެއް އައިސް މަސް ކިރަން މަޑުކުރި ކަމަށާއި، އެގޮތަށް ފަހަރަކު ދޯންޏެއް މަސްކިރައި ނިމުމަށް ފަހު އޭނާގެ ދޯނިން މަސްކިރަން ޖެހުމުން މަސް ނުކިރޭނެ ކަމަށާއި ބޯޓު ފުރިއްޖެ ކަމަށް މިފްކޯގެ ބޯޓުން އެންގި ކަމަށެވެ. "އެ ތަނުން އެއް ދޯންޏަކީ ބޯޓު ކައިރިއަށް އައީމާ ބޯޓުން މި ގުޅީ 4ގެ ފަހުއޭ މަސްކިރޭނީ، ބުނީމާ ދިޔައީ ރަށަށް، ގޮސް ރަށުގައި އޮތީ. އަޅުގަނޑުމެން މި އޮތީ ބޯޓު ކަފުގައި، ދެން އެ ތަނުން މި ރަށަށް މި ދިޔަ އޮޑިފަހަރުން އެއް ދޯންޏަކީ އެން ދަމައިގެން އަނެއްކާ ދެވަނަ ބުރަށް ކަނޑަށް ނުކުމެ ފަހުން ދެ ޓަނު މަސް ބާނައިގެން އައި ދޯންޏެއް، އެ ދޯނި މަސް ކިރިއިރު ފުރަތަމަ ކިރީ،" "ދެން ކިރަމުން ގޮސް އެ ހަތަރު ދޯނީގެ މަސްކިރައި ފަހަށް ޖެހުނީ އަޅުގަނޑުމެންނަށް، ޖެހުނީމާ އެންގީ މަހެއް ނުކިރޭނެޔޭ، ބޯޓު ފުލްވީއޭ، އެއީ އެކަން ވީ ގޮތަކީ،" އޭނާ ބުންޏެވެ. ދެން ކައިރި ރަށްފުށުގެ މީހުންނަށް ގުޅި ނަމަވެސް އިއްޔެ ހެނދުނު 7:30 ވިއިރު ވެސް އެއްވެސް ބަޔަކު މަސްތައް ބޭނުން ނުވުމުން މަސްތައް އުކާލީކަމަށް އިބްރާހީމް ކިޔައިދިނެވެ. އޭނާ ބުނީ، 2.6 ޓަނުގެ މަސް ބޭނުމަށް ކުރި ދަތުރަށް ގާތްގަނޑަކަށް 36،000 ރުފިޔާއާއި 37،000 ރުފިޔާއާ ދެމެދުގެ ހަރަދެއް ދިޔަ ކަމަށެވެ. މިފްކޯގެ ބޯޓަކަށް މަސްކިރަނީ: މަސް ނުކިރިގެން ދޯންޏަކަށް ގިނަ އަދަދެއްގެ މަސް ވަނީ އުކާލާފައި -- ފޮޓޯ/ މިފްކޯ "އެކަމުގެ ހިތާމައިގައި މިއަދު މަސްވެރިކަން ވެސް އަޅުގަނޑު އަތުން ގެއްލުނީ، އަޅުގަނޑު ދޯނީގައި މަހަށް ދާނެ މީހަކު ނުުވީ،" މިކަމާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން މިފްކޯގެ އޮފިޝަލް ވިދާޅުވީ، މަސްވެރިންނަށް ހިދުމަތްދިނުމުގައި މިހާރު ވެސް އޮޕަރޭޝަންތައް އޮމާންކަމާ އެކީ ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތްކުރަމުންދާ ކަމަށާއި މަސްކިރުމުގެ އިންތިޒާމު ހަމަޖައްސައި މަސްކިރަން ހޭދަވާ ވަގުތު އަވަސްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މިފްކޯއިން މަސްކިރުން ލަސްވާން ބޭނުންނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. މަސްކިރުން ލަސްވި މައްސަލައިގައި މިފްކޯގެ މަސްބޯޓުގެ ފަރާތުން އެ ކުންފުނީގެ އޮޕަރޭޝަންސް ޑިޕާޓްމެންޓާ ހިއްސާކުރި މައުލޫމާތާ ގުޅޭގޮތުން ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދެއްވައެވެ. "މި ދުވަސްކޮޅު ކިރުމުގައި އެބައުޅޭ ދަތިތަކެއް، ނަމަވެސް އެކަމަށް ބޮޑަށް އަހުލުވެރިކުރުވުމަށް ބޯޓުފަހަރުތަކާ މަޝްވަރާކުރެވެމުން ދަނީ، މަސްވެރިންނަށް ވެސް ދަތިނުވާ ގޮތަކަށް މި ކަންކަން ރޭވުމަށް،" އޮފިޝަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ