ގެއަކުން ކަރަންޓް ކަނޑާލައިގެން ރަށު ކައުންސިލް ބަންދުކުރިޔަ ނުދީ ހިފަހައްޓައިފި

ގއ. ކަނޑުހުޅުދޫގެ ގެއެއްގެ ކަރަންޓް ބިލްތަކަށް ފައިސާ ނުދައްކައިގެން އެގެއިން ކަރަންޓް ކަނޑާލުމާ ގުޅިގެން، އެގޭގައި ދިރިއުޅޭ މީހަކު އެ ރަށު ކައުންސިލް އިދާރާ އަށް ވަދެ އެތަން ބަންދުކުރިޔަ ނުދީ ހުރަސްއަޅައިފި އެވެ.
ކަނޑުހުޅުދޫ ކައުންސިލް އިދާރާގެ ރައީސް ރިފާއު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެ މީހާ މިއަދު މެންދުރު 12 ޖަހާކަންހާ އިރު ރަށު ކައުންސިލްގެ އިދާރާ އަށް އައިސް އެ މައްސަލަ ކައުންސިލް އިދާރާ އަށް ހުށަހެޅި ކަމަށާއި އެކަމަށް ހައްލެއް ހޯދައިނުދީފި ނަމަ އަނެއްކާ ވެސް އެނބުރި އަންނާނެ ކަމަށް ބުނެފައި އެނާ ދިއީ ކަމަށެވެ. އެއަށް ފަހު ދެވަނަ ފަހަރަށް އެ މީހާ ކައުންސިލްގެ އިދާރާ އަށް ދިޔައީ މެންދުރު ފަހު އޮފީސް ބަންދުކުރަން ކައިރިވެފައިވަނިކޮށް ގާތްގަނޑަކަށް 2:30 އެހާކަންހާ އިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިފާއު ވިދާޅުވީ އެ މައްސަލާގައި ރަށު އޮފީސް ތެރެއަށް ވަދެ އަޑުގަދަކޮށް ހަދާފައިވާ ކަމަށާއި އެމީހާ ބުނަމުންދަނީ އެ މީހާގެ ގެއިން ކަރަންޓް ކަނޑާލައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ފަހުން އެތަނުގެ ތެރޭގައި އަޑުގަދަކޮށް ނުހެދުމަށް އެދުމުން، އެ މީހާ ކައުންސިލް އިދާރާގެ ރައީސް އިންނަވާ އޮފީސް ތެރޭގައި މަޑުން އިންނާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
ނަމަވެސް ރަށު ކައުންސިލްގެ އިދާރާ ބަންދުކުރާ ގަޑިޖެހުނު އިރު ވެސް އެމީހާ އެތަނުގެ ތެެރެއިން ނުކުމެފައިނުވާތީ ކަައުންސިލްގެ މުވައްޒަފުންނަށް ވަނީ އެތަނުގެ ތެެރޭގައި މަޑުކުރަންޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެންނަށް މިތަނުގެ ތެރޭގައި ނުތިބެވޭނެތީ ސިވިލް ސާވަންޓަކާއި ކައުންސިލަރަކާއި ބަހައިލައިގެން މިތަނުގައި މިތިބެނީ. ކައުންސިލް އިދާރާތަކަކީ ރައްޔިތުންނާ ގުޅުން ހުރި ތަންތަން ކަމުގައި ވިޔަސް މިތަނުގެ ތެރެއަށް އައިސް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހުރަސްއެޅުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން. އެމީހާ ބުނަނީ ފެނަކަ ކޯޕަރޭޝަނުން ހިންގަމުން އަންނަ އެ ރަށުގެ އިންޖީނު ގެއިން އޭނާ އަށް ދޭންޖެހޭ ފައިސާ ވެސް އެބަހުރި ކަމަށް." ރިފާއު ވިދާޅުވި އެވެ.
އެމައްސަލަ ކަނޑުހުޅުދޫ ރަށު ކައުންސިލްގެ އިދާރާ އިން ވަނީ އަތޮޅު ކައުންސިލަށާއި ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ