އަމީން އުނގޫފާރު މެމްބަރު ކަމުގެ ހުވާ ކުރައްވައިފި

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމާއި ގުޅިގެން އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔަބު ކުރެއްވި ޑރ. އަފްރާޝީމްގެ ކޮއްކޮ އިބްރާހިމް އަމީން މެންބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން އަމީން ކާމިޔާބު ކުރައްވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން އަންގަވާފައިވާތީ އަމީން މިއަދު ހެނދުނު މަޖިލީހުގެ އިދާރާގައި މެންބަރު ކަމުގެ ހުވާ އޭނާ ކުރައްވާފައިވާ ކަމަށެވެ.
މަޖިލީހުގެ ހުރިހާ މެންބަރުންގެ ފަރާތުން އަމީނަށް މަރުހަބާ ދަންނަވަމުން ޝާހިދު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކުގައި އަމީންގެ ފުރިހަމަ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ފަށާފައިވާ ބަޖެޓް ބަހުސްގައާއި އެހެނިހެން މަސައްކަތުގައި އިބްރާހިމް އަމީން ވަރަށް ފުރިހަމަ އަށް ބައިވެރިވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބަ އޮތް،"ޝާހިދު ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ޕީޕީއެމް ޓިކެޓްގައި އަމީން ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޑރ. އަހްމަދު އަޝްރަފްއާ ވާދަ ކުރައްވައިގެންނެވެ.
ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ އޮކްޓޯމްބަރު މަހުގެ އެއްވަނަ ދުވަހުގެެރޭ އޭނާ ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލުގޭގެ ސިޑިކައިރީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ