ހަނގުރާމަ ހުއްޓާލިކަން އިއުލާން ކުރުމާއިއެކު ފަލަސްތީނު ރައްޔިތުން އުފަލުން ފޮޅިފައި

އިސްރާއީލާއި ހަމާސް އާއި ދެމެދު ކުރިއަށް ދިޔަ ހަނގުރާމައިގައި ފާއިތުވި 50 ދުވަހު ބިރުވެރިކަމުގައި ތިބި ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ޣައްޒާގެ މަގުތަކަށް ނިކުމެ ލިބުނު ކާމިޔާބީ ފާހަގަކުރަމުން އެބަދެއެވެ.
މިސްރުގައި ކުރިއަށްދިއަ ސުލްހައިގެ ވާހަކަތަކަށް ފަހު އިސްރާއީލުން ހަމާސްގެ ހުށަހެޅުންތައް ގަބޫލުކޮށް ހަތް ހަފްތާއަށް ދެމިގެންދިޔަ ލޭއޮހޮރުވުންތައް ހުއްޓާލުމުން މިއީ ދެފަރާތަށްވެސް ލިބުނު ކާމިޔާބެއް ކަމަށް ސިފަ ކުރާ ބަޔަކު ވެސް އެބަތިއްބެވެ.
ނަމަވެސް މި ކާމިޔާބީ ބޮޑަށް ފާހަގަކުރަމުން އަންނަނީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނެވެ. އެގޮތުން ރޭ ފަލަސްތީނު ރައްޔިތުން މަގުތަކަށް ނިކުމެ ނަސްރު ލިބުމުގެ އުފަލުގައި ބައިވެރިވެފައިވެ އެވެ. އަދި ހަވާ އެރުވުމާއި މައްޗަށް ބަޑި ޖަހަމުން ދިޔަ އަޑު ރޭ ވަނީ އިވިގެން ގޮސްފައެވެ.
ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ހަމާސްގެ މުޖާހިދުންވެސް އުފާފާޅުކުރުންތަކުގައި ބައިވެރިވި އެވެ.
މިސްރުގައި ބޭއްވުނު ސުލްޙައިގެ ވާހަކަތަކަށް ފަހުވެސް ހަމަލާތައް ހުއްޓާނުލައި އިތުރަށް ވަރުގަދަވެގެން ދިއުމަށްފަހު، ކުއްލި ގޮތަކަށް އިސްރާޢީލުން ހަމާސްގެ ޝަރުތުތައް ޤަބޫލުކޮށް ހަނގުރާމަ ހުއްޓާލަން ނިންމުމުން، މިއީ ދިގު މުއަދަތަކަށް ވެވުނު ސުލްޙައެއް ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
ސުލްޙައިގެ އެއްބަސްވުމުގައި ވާގޮތުން، މިހާރު ބަންދު ކުރެވިފައިވާ ޣައްޒާގެ ބޯޑަރުތައް ހުޅުވި، ޣައްޒާއަށް މުދަލާއި އެހެނިހެން ތަކެތި އެތެރެ ކުރެވިގެން ދާނެއެވެ. އަދި ޣައްޒާގެ މަސްވެރިންނަށް 6 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރުމުގެ ފުރުސަތުވެސް އަލުން ލިބިގެންދާނެއެވެ.
މީގެއިތުރުން ހައްޔަރުކޮށްފައިވާ ފަލަސްތީނު ރައްޔިތުންނާއި އިސްރާއީލް ސިފައިންގެ ހަށިތައް ބަދަލުކުރުމުގެ މަސައްކަތްވެސް ފެށުމަށް ނިންމާފައިވެ އެވެ.
އަދި، މަސްދުވަހުގެ ތެރޭގައި ދެ ފަރާތުގެ ވަފުދުތަކުން މިސްރުގެ ގާހިރާގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވެ އެވެ. އެގޮތުން، މި މަޝްވަރާތަކުގައި ހަމާސްއަށް ހަތިޔާރު ނުގެންގުޅެވޭ ގޮތްތަކާއި މެދު މަޝްވަރާކުރުމަށް އިސްރާއީލުން ނިންމާފައިވާއިރު ހަމާސްއިން ބޭނުންވަނީ ހިސާރު ނައްތާލުމަށާއި ޢައްޒާ އާރާސްތުކުރުމަށާއި ހަމާސްގެ ހަތިޔާރު އިތުރުކޮށް ވަރުގަދަ ކުރުމަށެވެ.
ޣައްޒާގެ ރައްޔިތުން އުފާ ފާޅުކުރަމުން ދިޔަ ނަމަވެސް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ދެއްވި އިންޓަވިއު އެއްގައިވި ވިދާޅުވެފައިވަނީ މިއީ ދާއިމީ ހައްލެއް ކަމަށް ޤަބޫލުކުރެވެން ނެތް ކަމަށެވެ. އަދި އިސްރާޢީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް، އައްބާސް ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގައި އެދުމަށް ނިންމާފައިވާކަމަށް ވެސް މަޢުލޫމާތުލިބެއެވެ.
ފަލަސްތީނުގެ ހުރިހާ ބިންތަކެއް އަދި އިސްރާޢީލުގެ އަޅުވެތިކަމުން މިނިވަން ވެފައި ނުވިނަމަވެސް، އިސްރާޢީލުން އަމާންދީފިކަމަށް ހަމާސްއިން ޤަބޫލުކުރެއެވެ.
"އަހަރުމެން މިއަދު މިނިކުތީ މާތް ރަސްކަލާނގެ އިރާދަފުޅުން ޣައްޒާއަށާއި މުސްލިމުންނަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން." ހަމާސްގެ ތަރުޖަމާނު ބުންޏެވެ.
ޖުލައި 8 ވަނަ ދުވަހު ފެށި މި ޢުދުވާނުގައި ފަލަސްތީނުގެ 2200 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ކުށެއްނެތް މައުސޫމް ކުޑަކުދިންނާއި އަންހެނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ