ޕީޕީއެމްގައި ރެނދުއަޅުވަން އުޅުނަސް، ޕާޓީއަކުން ރައީސް ޔާމީން އާއި ރައީސް މައުމޫން ވެސް ވަތްކެއް ނުކުރެވޭނެ: އަބްދުއް ރަހީމް

ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫނާއި ދެބޭފުުޅުންނަކީ ޕީޕީއެމްއިން ވަކި ކުރެވޭނެ ދެ ބޭފުޅުންނެއް ނޫން ކަމަށް އެޕާޓީގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ 2018 ގެ ކެމްޕޭން ލީޑަރުން ތަމްރީން ކުރުމުގެ މަހާސިންތާގެ ދެވަނަ ބުރު އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީޙުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމަކީ ރައީސް މައުމޫން އުފެއްދެވި ޕާޓީއެއް ކަމަށާއި ޕާޓީގެ އެންމެ ބޮޑު އެސެޓަކީ ވެސް ރައީސް މައުމޫން ކަމަށެވެ.
"ޕީޕީއެމަކީ ރައީސް މައުމޫން އުފެއްދެވި ޕާޓީއެއް. ޕާޓީގެ އެންމެ ބޮޑު އެސެޓަކީ ވެސް ރައީސް މައުމޫން. ޕާޓީ އުފެއްދެވުމުގައި ރައީސް ޔާމީންވެސް ވަރަށް އިސް ދައުރެއް އަދާކުރެއްވި. ޕީޕީއެމްގައި ރެނދުއަޅުވަން މަސައްކަތް ކުރި ނަމަވެސް ޕާޓީއަކުން ރައީސް ޔާމީން އަދި ރައީސް މައުމޫން ވެސް ވަތްކެއް ނުކުރެވޭނެ." ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ އަބްދުއް ރަހީމް ވިދާޅުވިއެވެ.
އަބްދުއް ރަހީމް ވިދާޅުވީ، މަންފާ ކުރާ ކޮންމެ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާއި އެގޮތުން ރައީސް އަބްދުﷲ ޔާމީނަށް ކެމްޕޭން ކުރުމަށް ބޭނުންވާ ކެމްޕޭން ލީޑަރުން ތަމްރީން ކުރުމަކީ ގައުމީ މަސައްކަތެއް ކަމަށެވެ. އަދި ރައީސް ޔާމީންއަކީ ބަޔަކު ޕާޓީއެއް ހެދުމުން "ފިނިކޮޓަރީގައި" އިންނަވައިގެން ރިޔާސީ ޓިކެޓް ހޯއްދެވި ބޭފުޅެއް ނޫންކަމަށް ވެސް އަބްދުއް ރަހީމް ވިދާޅުވިއެވެ.
"ޔާމިން ވެރި ކަމަށް ވަޑައިގެންނެވި އިރު ރާއްޖެ އޮތީ ވީރާނާވެ ނާއުންމީދުވެ މާޔޫސް ވެފައި. އެެހެން ނަމަވެސް ދެ އަހަރުވާންދާއިރު ވީރާނާ ކަމާއި މާޔޫސް ކަމާއި ނާއުންމީދު ފިލުވައި ދެއްވައި އިޖުތިމާއީ ފޭރާން ރައީސް ޔާމީން ހެޔޮކޮށް ދެއްވައިފި." އަބްދުއް ރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް އުފައްދައިގެން މެންބަރުން ހޯދުމުގަ އާއި އިންތިހާބުތައް ކާމިޔާބު ކުރުމުގަަ އާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެންމެ މުހިންމު ރޯލެއް އެންމެ ގިނަ ވަގުތު ދެއްވި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީންކަން ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމްގެ ތެރޭގައި މިހާރު މުޅިން ތިބީ 2013 ވަނަ އަހަރު ތިބި މީހުންއެކަަނި ނޫން ކަމަށާއި އެހެން ކަމުން ބައެއް ކަންކަން ސާފުވާން ޖެހޭ ކަމަށެވެ.
"ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކޮށް ޕާޓީއަށް މެމްބަރުން އިތުރުކޮށް އިންތިހާބުތައް ކާމިޔާބު ކޮށްދިނުމަށް ރައީސް ޔާމީން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވި. ޕާޓީއަށް ފައިސާ ހޯދުމަށް ކުރެވުން މަސައްކަތަކަށް.، އެކަން ކުރުމުގައި 100 އަކުން 90 އިންސައްތަ ހިއްސާކުރައްވާ ބޭފުޅަކީ ރައީސް ޔާމީން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ދިފާޢުގައި އަބްދުއް ރަހީމް ވާހަކަ ދައްކަވާފައި މިވަނީ ޕާޓީގެ ރައީސްކަން މައުމޫނަށް ގެއްލޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ތާއީދުކުރައްވައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ