އެމެރިކާގެ ފާގަސަންގައި ޒުވާނެއްގެ ގަޔަށް ފުލުހަކު ބަޑި ޖެހުމުން މަސްރަހު ހޫނުވެ އެންމެ ފަހުން ކާފިއު އިއުލާން ކޮށްގެންވެސް ރައްޔިތުން މައިތިރި ނުވުމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ މަރުވި ޒުވާނާ އަށްޓަކައި ހަމްދަރުދީ ފާޅުކޮށް ފިއެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާއި ބައްދަލުކުރަށްވާ ވާހާކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވީ ފާގަސަންގެ ރައްޔިތުން މަޑުމައިތިރި ވުމަށާއި ހަމަނުޖެހުންތައް ހިންގުމަކީ އެއްވެސް ކަމެއް ހައްލު ވާނެ ކަމެއް ނޫން ކަމަށެވެ.
ފާގަސަންގެ ރައްޔިތުންގެ އިހްސާސް ތަކަށް އިހްތިރާމް ކުރައްވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވީ ފުލުހުން ވެސް "ބަޑި ޖެހުމުގެ ކުރިން އަޑުއަހަން ޖެހޭ" ކަމަށެވެ.
"އެމެރިކާ ކުރިއަށް ދަނީ އެކަކު އަނެކަކާއި ގުޅިގެން. އެކަކު އަނެކެއްގެ އަޑު އަހައިގެން. އަހަރެމެން ބައިބައި ކުރެވިގެން ނުވާނެ. އަދި ބައިބައި ވެގެން ވެސް ނުވާނެ. އަހަރެމެން އަހަރެމެންގެ އުސޫލް ތަކުގައި ހިފަހައްޓަން ޖެހޭ." އޮބާމާ ވިދާޅުވިއެވެ.
އޮގަސްޓް 9 ވަނަ ދުވަހު އެއްވެސް ހަތިޔާރެއް ނެތް ކަޅު ނަސްލުގެ ޒުވާނެއްގެ ގަޔަށް ފާގަސަންގެ ފުލުހަކު ބަޑިޖެހި މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. ފާގަސަންގައި ކުއްލި ހާލަތު އިއުލާން ކޮށް ކާފިއު އިއުލާން ކޮށްފައި ވީނަމަވެސް ރައްޔިތުން ދަނީ މަގުމައްޗަށް ނިކުމެ ބައެއް ފިހާރަތަކަށާއި ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދީ ތަންތަން ލޫޓު ވަމުންނެވެ.
މަރުވި ޒުވާނާގެ ހަށިގަނޑުގެ ހަތަނަކަށް ވަޒަން އަރާފައިވާ ކަމަށް އޭނާގެ އޮޓްޕްސީ ރިޕޯޓުން ދެއްކުމާއި އެކު ހައްތަހާ މަސްރަހު ދަނީ ހޫނު ވަމުންނެވެ. އެންމެ ފަހުން އެފްބީއައި އިން ބުނެފައި ވަނީ މަރުވި ޒުވާނާގެ މަރުގެ މިނިވަން ތަޙްޤީޤެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ފާގަސަންގެ މަސްރަހު ކޮންޓްރޯލް ކުރުމަށް ފާގަސަންގެ ލޯކަލް ސަރުކާރުން މިހާރު ވަނީ އެމެރިކާގެ ނޭޝަނަލް ގާޑްގެ އެހީތެރިކަމަށް ވެސް އެދިފައެވެ. ނޭޝަނަލް ގާޑްގެ ސިފައިން މިހާރު ދަނީ ފާގަސަންގައި ހަރަކާތްތެރި ވަމުންނެވެ.
ފާގަސަންގެ މަސްރަހު ހޫނުވަމުންދާތީ އދ.ގެ ސެކެޓްރީ ޖެނެރަލް ބަންކީ މޫން ވެސް ވަނީ އެކަމާއި ގުޅިގެން ވާހަކަފުޅު ދައްކަވާފައެވެ. ބަން ވިދާޅުވީ މުޒާހަރާ ކުރަން ވާނީ ސުލްހަވެރި ކަމާއި އެކު ކަމަށާއި މުޒާހަރާ ތަކަކީ ހަމަނުޖެހުންތަކަށް ހިތްވަރުދީ ހަމަނުޖެހުންތައް ހިންގުމަށް މަގުފަހި ކުރުމަށް ބާއްވާ މުޒާހަރާ ތަކަކަށް ވެގެން ނުވާނެ ކަމަށެވެ.
ފާގަސަންގެ ރައްޔިތުން މަޑުމައިތިރި ވުމަށް އޮބާމާ ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ