ރާއްޖޭގެ އެންމެ މުހިންމު ބައިވެރިއަކީ އިންޑިއާ: ރައީސް މައުމޫން

ހުރިހައި ގޮތަކުންވެސް ރާއްޖޭގެ އެންމެ ގާތް އަދި އެންމެ މުހިންމު ބައިވެރިއަކީ އިންޑިއާ ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުރުމުން ވިދާޅުވެފައިވަނީ "އިސްލާމް އަ ރިލިޖަން އޮފް ޕީސް" މި މައުޟޫއަށް ދިއްލީގެ އޮބްޒަރވަރ ރިސަރޗް ފައުންޑޭޝަންގައި ދެއްވި ތަޤްރީރަށްފަހު ނޫސްވެރިން ދެންނެވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވެފައިވަނީ ދެޤައުމުގެ ގާތް ގުޅުންތަކަށް ބެލި ނަމަވެސް، ތައުލީމާއި ތަމްރީނަށް ބެލި ނަމަވެސް އަދި އަސްކަރީ އާއި ނޭވީގެ ގުޅުންތަކަށް ބެލިނަމަވެސް ރާއްޖޭގެ އެންމެ ގާތް ޤައުމަކީ އިންޑިއާ ކަމަށެވެ.
އިންޑިއާގެ އަސްކަރިއްޔާގެ އެންމެ ބޮޑެތި މަނަވަރުތައް ދާދިފަހުން ރާއްޖެއަށް ކުރި 4 ދުވަހުގެ ޒިޔާރަތް ރައީސް މައުމޫން ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައިފައެވެ.
ޓެރަރިޒަމާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވެފައިވަނީ އައިއެސްގެ އަަމަލުތައް އެގޮތަށް އެހުންނަނީ އިސްލާމް ދީނުގެ ޞައްޙަ މައުލުމާތު ނުލިބޭތީ ކަމަށެވެ. އަދި ޖަރީމާތައް ހިންގުމާއި އަދި އިސްލާމް ދީނުގެ ނަމުގައި ހަނގުރާމަވެރި އަމަލުތައް ހިންގުމަކީ އިސްލާމް ދީނުގައި އޮތް ކަންކަން ނޫން ކަމަށެވެ.
އިސްލާމް ދީނުގެ ނަމުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ކުރަމުންގެންދާ ހަނގުރާމަތަކާއި ދެމުން ގެންދާ ހަމަލާތައް ރައީސް މައުމޫން ވަނީ ކުށްވެރިކުރައްވައިފައެވެ.
ރައީސް މައުމޫން ވިދާޅުވެފައިވަނީ މުސްލިމުންނަކީ އަނިޔާވެރި ބައެއް ނޫން ކަަމަށާއި ދުނިޔޭގެ ކަންކޮޅުތަކުގައި އަނިޔާވެރި، ހަރުކަށި އަމަލުތައް ހިންގަނީ ދުނިޔޭގެ މުސްލިމުންގެ އާބަދީއަށް ބަލާއިރު އެންމެ އިންސައްތައަކަށްވުރެ ވެސް މަދު އަދަދެއްގެ މީހުން ކަމަށެވެ. އެހައި މަދުބައެއްގެ ސަބަބުން މުސްލިމުންގެ ނަން ކިލަނބުވަމުން އަންނަކަން ވެސް ރައީސް މައުމޫން ވަނީ ފާހަގަކުރައްވައިފައެވެ.
ރައީސް މައުމޫން ވިދާޅުވީ ކީރިތި ޤްރްއާނުގައި އޮތީ އެހެން ދީންތަކުގެ މީހުންނާއި ވެސް ގުޅިގެން އެކުވެރިކަމުގައި އުޅުމަށް ކަަމަށެވެ.
މުސްލިމުން ނޫން މީހުން ވެސް މަރައި އަނިޔާވެރިވުމެއް ކީރިތި ޤްރްއާނުގައި ނެތް ކަމަށެވެ. "އަހަރެމެންގެ ފޮތްތަކުން އެނގެން އޮތީ އެންމެ މީހަކު މެރުމަކީ ވެސް މުޅި އިންސާނިއްޔަތު މަރައިލުން ފަދަ ކަމެއްކަން."
ރައީސް މައުމޫން ވަނީ ޓެރަރިޒަމްގެ އަމަލުތައް ހިންގަނީ ހަމަ އެކަނި މުސްލިމުން ނޫން ކަމާއި ޓެރަރިސްޓް ގިނަ އަދަދެއްގެ ޖަމާއަތްތައް ދުނިޔޭގެ ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކުރައްވައިފައެވެ.
މައުލުމާތު: ދަ އިކޮނޮމިކް ޓައިމްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ