ހިޔާ ފުލެޓުތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް އަންނަމަހު

ބޯހިޔާވަހިކަމަށް ޚާއްޞަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފުލެޓުތަކުގެ އެޕާޓްމަންޓްތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
"ޕީ.އެސް.އެމް" ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، ސްމާޓް މީޓަރުގެ ޚިދުމަތް ތަޢާރަފުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އެނިޒާމަށް ބޭނުންވާ ކޮމިއުނިކޭޝަން ޗެނަލްތައް ގުޅާލުމުގެ މަސައްކަތްތައް ކަމަށް މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ، މާލޭ ސަރަޙައްދުގައި އެންމެ ފުރަތަމަ ސްމާޓް މީޓަރުތައް އިންސްޓޯލްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓުތަކުގެ އެޕާޓްމަންޓްތަކުގައި ކަމަށެވެ.
އެގޮތުން ހިޔާ ޓަވަރުތަކުގެ ހުރިހާ އެޕާޓްމަންޓެއްގައިވެސް ސްމާޓް މީޓަރ ހަރުކުރާނެކަމަށް މުޣުނީ ވިދާޅުވިއެވެ. މި ޚިދުމަތް ތަޢާރަފުކުރުމަށް ތަފާތު 3 ޓެކްނޮލޮޖީއެއް ސްޓެލްކޯއިން ދަނީ ބަލަމުންނެވެ. އަދި މީގެން ކޮންމެ ޓެކްނޮލޮޖީއެއްވެސް ބޭނުންކުރެވޭނެހެން އެކުންފުނިން ވަނީ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށްފައެވެ.
މުޣުނީ ވިދާޅުވީ، މާލޭ ސަރަޙައްދެކޭ އެއްފަދައިން އަތޮޅުތަކުގައިވެސް އެކުންފުނިން ޚިދުމަތްދޭ ރަށްރަށަށް ސްމާޓް މީޓަރ ތަޢާރަފުކުރާނެކަމަށެވެ. އަދި މި ޚިދުމަތް ތަޢާރަފުކުރުމުން ކަސްޓަމަރުންނަށް އެމީހުންގެ ގޭބިސީތަކުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރާއި، ބިލަށް އަރާވަރު ކޮންމެތަނެއްގައި ހުރެގެންވެސް ރިއަލް ޓައިމްކޮށް ބަލާލެވޭނެކަމަށެވެ.
އަދި ބިލަށް އެންމެ މަތިން އަރާނެ ޢަދަދެއް ކަނޑައަޅާ، ކަރަންޓް ޔޫސޭޖް އެ ޢަދަދަކާއި ގާތްވުމުން ކަސްޓަމަރަށް އެކަން ނޮޓިފައިކޮށްދިނުމާއި، ބޭނުންވާ ވަރަށްވުރެ އިތުރަށް އަރާފައިވާނަމަ ޚިދުމަތް މެދުކަނޑާލަން އެދުންފަދަ ލުއިފަސޭހަތައް ކަސްޓަމަރުންނަށް މި ޚިދުމަތާއެކު ލިބިގެންދާނެކަމަށް މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ މިމަޝްރޫޢުއަކީ ސްޓެލްކޯ އިން ފޯރުކޮށްދޭ ޚިދުމަތްތައް ފަހުގެ ޓެކްނޮލޮޖީތަކާއި ރައްޓެހި ޚިދުމަތްތަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ސްމާޓް މީޓަރު ތަޢާރަފުކުރުމަކީވެސް މުހިންމު ސަމާލުކަމެއްދީގެން ކުރިއަށް ގެންދާ ކަމެއް ކަމުގައެވެ. އެގޮތުން މިހާރު ތަޢާރަފުކުރާ ސްމާޓްމީޓަރގެ ސަބަބުން އާންމުކޮށް އެންމެ ގިނައިން ކަރަންޓް ބޭނުންކޮށް އުޅޭ ވަގުތުތަކާއި، ކަރަންޓް ބޭނުންކުރާ މިންވަރު ވަގުތުން ބަލާލެވޭނެކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ