ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި 5 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.
މި މައްސަލަ ސުޕްރިމް ކޯޓުން ބަަލައިގެންފައިވާކަން ހާމަކުރެއްވީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައެވެ.
ޝަމީމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވާކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ކޯޓަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ކޮޕީ ސެޓުތައް ހުށަހެޅުމަށް އަންގާފައިވާ ގޮތުގެމަތިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރިކަމުގެ ދައުވާ ސާބިތުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވުމުންނެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އެހެންނަމަވެސް ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ކްރިމިނަލް ކޯޓުގެ ނިންމުމަށް ވަނީ ތާއީދުކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ތާއީދު ލިބުމުން ރައީސް ޔާމީންގެ ފަރާތުން ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައެވެ.
ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑަރ ކުރި ކަމުގެ މައްސަލައިގެ ހުކުމް ރައީސް ޔާމިން މިހާރު ތަންފީޒުކުރަމުންދާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައިވެސް މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ މިކަމުގެ ދައުވާ ވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ އުފުލާފައެވެ. މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ.
ރައީސް ޔާމީންގެ 5 އަހަރުގެ ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ