ބަންދުގައިވާ މަޖިލިސް މެންބަރުން މިނިވަންކޮށް ދައުވާތައް އަނބުރާ ގެންދިއުމަށް އުމަރު އެދިވަޑައިގެންފި

ޕީޕީއެމްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުންގެ ތެރެއިން މިހާރު ޖަލުގައި ތިއްބެވި ހަތަރު މެންބަރުން ޖަލުން ދޫކޮށްލާ ދައުވާތައް އަނބުރާ ގެންދިއުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފި އެވެ.
ޕީޕީއެމްގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވި މެންބަރުންގެ ތެރެއިން މިހާރު ޖަލުގައި ތިއްބެވީ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އެވެ.
މި ހަތަރު ބޭފުޅުން ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި ނަމަވެސް މި ހަތަރު ބޭފުޅުން ވެސް ވަނީ ޕީޕީއެމުން ވަކިކޮށްފަ އެވެ.
މި ހަތަރު ބޭފުޅުންނާ ގުޅޭގޮތުން އުމަރު ނަސީރުގެ ފޭސްބުކް ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މި ހަތަރު ބޭފުޅުންނަކީ ވެސް ޕީޕީއެމްއަށް ނުހަނު ގިނަ ގުރުބާނީތަކެއް ވެފައިވާ ޕީޕީއެމްގެ ބޮޑެތި ހިދުމަތްތެރިން ކަމަށެެވެ. އަދި ވިދާޅުވީ ޕީޕީއެމްއާއި ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ހޯއްދަވައިދެއްވުމަށް މި ހަތަރު ބޭފުޅުން ވެސް އެތަކެއް ގުރުބާނީއެއް ވެފައިވާ ކަމަށެވެ.
އުމަރު ވިދާޅުވީ ރައީސް ޔާމީނާއި ހިޔާލުތަފާތު ވުމަކީ މިފަދަ ހިދުމަތްތެރިން ޖަލުގައި ތިބެންޖެހޭ ސަބަބެއް ނޫން ކަމަށެެވެ. ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކުރިމަތިވެފައިވާ ސިޔާސީ ގޮންޖެހުންތަކުގެ ހައްލަކީ މަޖިލިސް މެންބަރުން ހައްޔަރުކުރުން ނޫން ކަމަށްވެސް ވިދާޅުވި އެވެ. އަދި މަޖިލިސް ނުބޭއްވުމަކީ ވެސް ހައްލެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.
"މިކަމުގެ ސަބަބުން ރޫޅިގެން ދަނީ ދުސްތޫރީ ނިޒާމެވެ. އަދި ގެއްލިގެން ދަނީ ރައްޔިތުންގެ ފަރާތުން ވެރިކަމަށް އޮންނަންޖެހޭ އިތުބާރާއި ޔަގީންކަމެވެ. އަދުލުވެރިކަމާއި ހަމަހަމަ ކަމެވެ،" އުމަރު ވިދާޅުވެފައިވެ އެވެ.
އުމަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އަޑުކަނޑުވާލުމަށް ރައީސް ޔާމީން ބޭނުންވާނަމަ އެކަމަށް އޮތް އެންމެ ރަނގަޅު ހަތިޔާރަކީ އަދުލުވެރިކަމުގެ ދަންމަރު ކަމަށެވެ. އެ ދަންމަރު އުފުލިފައިވާ ވެރިއެއްގެ އަތުން ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ހިދުމަތްތެރިން ދޫކޮށްލާ އެމީހުންގެ މައްޗަށް އުފުލިފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ސަރުކާރަށާއި ޕްރޮސެކިއުޓާ ޖެނަރަލް އަށް އިލްތިމާސްކުރައްވާ ކަމަށެވެ.=
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ