ޕްރީ ސްކޫލް ވާހަކަ ފޮތް ލިޔުމުގެ މުބާރާތެއް ހުޅުވާލައިފި

ކިޔަވައިދިނުމުގެ އެހީއެއްގެ ގޮތުގައި ޕްރީ ސްކޫލް އުމުރުގެ ކުދިންނަށް ބޭނުންވާ ވާހަކަ ފޮތް ނުވަތަ "ބިގްބުކް" އުފެއްދުމުގެ މުބާރާތެއް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ޕްރީ ސްކޫލް ޓީޗަރުންނަށް ހުޅުވާލައިފި އެވެ.
އެތަނުން ބުނީ މި މުބާރާތުގައި ތައްޔާރު ކުރަން ބޭނުން ވަނީ 4-6 އަހަރުގެ އުމުރުފުރާގެ ކުދިންނާ ގުޅޭ ފޮތްތަކެއް ކަމަށާއި ޝައުގުވެރިވާ މީހުންނަށް ފޮތް ތައްޔާރުކޮށް ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހާ ހަމަ އަށް ހުޅުވާލައިފައިވާ ކަމަށެވެ.
އެންއައިއީން ބުނީ މުބާރާތަށް ހުށަހަޅާ ވާހަކަ އޮންނަން ވާނީ ދިވެހި ބަހުން ކަމަށާއި ވާހަކަ ފޮތުގައި އޮންނަން ވާނީ ބޭރުގަނޑާ އެކު ޖުމްލަ 10 ގަނޑު ކަމަށެވެ. އަދި ކޮންމެ ވާހަކަ ފޮތެއް ވެސް ބިނާ ކުރަން ވާނީ މަދުރަސީ ތައުލީމުގެ ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ކޮންމެވެސް އެއް ގާބިލިއްޔަތަކަށް ނުވަތަ އަގުތަކާއި ސިފަތަކުގެ މައްޗަށް ކަމަށް އެންއައިއީން ބުންޏެވެ.
ވާހަކަ ލިޔުމުގައި ރާއްޖޭގެ ސަގާފަތާއި ހުރިހާ ކުދިން ޝާމިލު ކުރުމުގެ އުސޫލާ އެއްގޮތަށް ވާހަކަ ފޯރުކޮށް ދިނުމާ އެކު ދެ ޖިންސް ހަމަހަމަވާ ގޮތަށް ވާހަކަ ހުށަހަޅަން އިސްކަން ދޭން ޖެހޭނެ ކަމަށް ވެސް އެންއައިއީން ބުންޏެވެ.
"ބިގްބުކް" ތައްޔާރު ކުރަން ހުޅުވާލި މުބާރާތުގައި އެއް ވަނަ އަށް ހޮވޭ ވާހަކަ އަށް 6،000ރ. ގެ އިނާމެއް ހުށަހަޅާފައިވާ އިރު، ދެ ވަނަ ވާހަކަ އަށް 4،000ރ. އަދި ތިން ވަނަ ވާހަކަ އަށް 3،000ރ. ދޭނެ އެވެ. މީގެ އިތުރުން ހޮވާ ފަސް ވާހަކަ އިން ކޮންމެ ވާހަކައަކަށް 2،000ރ. ގެ އިނާމެއް ލިބޭނެ އެވެ.
އެންއައިއީން ބުނީ ވަނަތަކަށް ހޮވޭ ވާހަކަތައް އެ ތަނުން ޝާއިއު ކުރާ ވާހަކަތަކެއްގެ ގޮތުގައި ޗާޕް ކުރާނީ ވާހަކަ ލިޔުނު ޓީޗަރުގެ ނަމުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ