މެމްބަރު އަމީތު އަދި ސައުދު ފުރުން މަނާކޮށްފި

ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި މަޑުއްވަރީ ދާއިރާގެ މެންބަރ މުހައްމަދު އަމީތާއި ގެއްލިގެން ކަމަށްބުނެ ފުލުހުން ހޯދަމުންދާ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ރާއްޖެއިން ފުރުން މަނާކޮށްފި އެވެ.
މިކަމާއި ބެހޭގޮތުން އިމިގްރޭޝަން ގެ ރަސްމީ ބަހެއް އަދި ލިބޭގޮތް ނުވި ނަމަވެސް މިކަމުގެ އަޑުތައް ވަނީ ފެތުރެން ފަށާފައެވެ. އަމީތު ހައްޔަރުކޮށް، ދޫނިދޫއަށް ގެންގޮސްފައިވާއިރު އަމީތު ހައްޔަރުކުރީ ޖުލައި 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ އިދާރާއަށް ވަތް ކަމަށް ބުނެއެވެ. އަމީތު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ހައްޔަރުކުރުމަށް އަމުރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާތީއެވެ.
" ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ބައެއް، ފުލުހުންގެ ސަފުތައް ފަޅާލާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި މުހައްމަދު އަމީތު އަހްމަދު މަނިކު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ މީނާގެ ފުށުން މުޖުތަމައުގެ ސަލާމަތައް ނުރައްކާ ވެދާނެތީ އާއި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވިދާނެކަމަށް ފެންނާތީ" އަމީތު ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރުގައިވެއެވެ.
މީގެ އިތުރުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހޯދުމަށް ފުލުހުން ވަނީ އިއުލާނުކޮށްފަ އެވެ. ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ގއ. ވިލިނގިލި އަޅިވިލާގެ އުމުރުން 36 އަހަރުގެ ސައުދު ހުސައިން ހޯދަމުންދާ ކަމަށެވެ. ސައުދު ހުސައިންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒު ކްރައިމް ޑިޕާޓްމެންޓަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.
ސައުދު ހޯދުމަށް ފުލުހުން އިއުލާންކުރުމާއި ގުޅިގެން ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފަިއވަނީ، ފުލުހުންގެ ޒިންމާދާރުކަން ވަރަށް ކުޑަ ކަމަށެވެ. އަދި ގެއްލުވާލަން އުޅުނު ނަމަވެސް ނުގެއްލޭނެ ކަމަށާއި، ނުވެސް ފިލާނެކަމަށް ސައުދު ވިދާޅުވެފައިވެއެވެ. އެއާއެކު އަމުރު ރަނގަޅުތޯ ސައުދު ވަނީ ސުވާލުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ